އިސްރާއީލްގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރުމަށާއި ރާއްޖޭގައި ތިބި އިސްރާއީލްގެ ރައްޔިތުން ވެސް ރާއްޖެ އިން ފޭބުމަށް އިސްރާއީލްގެ ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.
އިސްރާއީލްގެ ފޮރިން މިނިސްޓްރީން ނެރުނު އިންޒާރުގެ ނޯޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި އިސްރާއީލްއާ ދެކޮޅު ހިޔާލުތަކާއި ހަރަކާތްތައް އިތުރުވެފައިވާ ކަމަށެވެ. އަދި އިސްރާއީލްއާ ދެކޮޅު ހިޔާލުތައް ފާޅުކުރާ މީހުންގެ ތެރޭގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.
އެހެންވެ، މިވަގުތު އިސްރާއީލަށް ދަތުރު ނުކުރުމަށާއި ރާއްޖޭގައި ތިބި އިސްރާއީލްގެ ރައްޔިތުން ވެސް ރާއްޖެ ދޫކޮށް ދިއުމަށް އިސްރާއީލުން ވަނީ އަންގައިފައެވެ. ރާއްޖޭގައި ތިބި އިސްރާއީލްގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ ގައުމުގެ ސަރުކާރަށް އުނދަގޫ ވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އިސްރާއީލާއި ރާއްޖެއާ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކޮށްފައި ނުވި ނަމަވެސް އިސްރާއީލްގެ ރައްޔިތުން ރާއްޖެ އަށް ޒިޔާރަތް ކުރުމަކަށް ހުރަހެއް ނޯވެއެވެ. އެހެންވެ، އިސްރާއީލްގެ ޕާސްޕޯޓު ރާއްޖެ އިން މަނާ ކުރުމަށާއި އިސްރާއީލްގެ ރައްޔިތުން ރާއްޖެ އަށް އެތެރެ ނުވެވޭ ގޮތް ހަދަން ގޮވާލައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ.
ދިވެހި ސަރުކާރުން އަބަދުވެސް އަންނަނީ ފަލަސްތީނުގެ މީހުންގެ ދިފާއުގައި އަޑު އުފުލައި، ބައިނަލްއަގްވާމީ މައިދާނުގައި ވެސް އެ މީހުންގެ ހައްގުތައް ހޯދައިދޭން ގޮވާލަމުންނެވެ. އަދި އިސްރާއީލު ރައްޔިތުން އެތެރެވުން މަނާ ކުރާ ގޮވާލެއް ވެސް ދާދި ފަހުން ވަނީ ފާސްކޮށްފައެވެ.
އިސްރާއީލްގެ އުދުވާންތަކާ ދެކޮޅަށް އަދި ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކުރުމުގެ ގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު މާލޭގައި ވެސް ވަނީ ވަރުގަދަ އެއްވުމެއް ބާއްވައި އިސްރާއީލާ ދެކޮޅަށް އަޑު އުފުލައިފައެވެ.
ޔަހޫދީންނާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ހަނގުރާމަ ފެށުނީ މިދިޔަ އޮކްޓޯބަރު 7 ގައެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 19،000 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުވި އިރު، ހަމާސްގެ ހަމަލާތަކުގައި 1،200 ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. އޭގެ ތެރޭގައި 400 އަށް ވުރެ ގިނަ އިސްރާއީލް ސިފައިން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!