ބަންގްލަދޭޝް ލޭބަރުން ގެނެވޭގޮތް އަލުން ހެދުމަކީ ގައުގެ ސަލާމަތަށާއި، އިގްތިސޯދީ އަދި އިޖުތިމާއީ ފޭރާމަށް އޮތް ނުރައްކަލެއްކަމަށް ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޟު އިސްމާއީލް (ފަޔާ) ވިދާޅުވެއްޖެއެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންކަން ވެސް ކުރައްވާ ފަޔާ މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ ލޭބަރުން ރާއްޖެ ގެނައުމަށް އަނެއްކާވެސް ހުއްދަދޭން އާ ސަރުކާރުން މިއަދު ނިންމުމުންނެވެ.
ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ފަޔާ ''އެކްސް'' ގައި ލިޔުއްވާފައިވާ ގޮތުގައި 2019ގެ ކުރިން ''ބަންގަލަދޭޝްގެ ވަގުފާރި ވިޔަފާރި އަކީ އަހަރަކުތަކެއް ވަންދެން ބަޔަކު ކުރަމުންދިޔަ އެތައް ބިލިއަން ރުފިޔާއެއްގެ މުޑުދާރު ވިޔަފާރިއެއް'' ކަމަށެވެ.
އެކަން މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަސް އޮތީ ހުއްޓުވާފައިކަމަށާއި، އަލުން ބަންގްލަދޭޝް ލޭބަރުން ގެނެވޭގޮތް ހެދީ ޤާނޫނާ ހިލާފަށްކަމަށް ފަޔާ ވިދާޅުވެފަވެއެވެ. އަދި އަލުން އެ ފުރުސަތު ހުޅުވާލުމަކީ ޤައުމީ ސަލާމަތަށާއި، ދިވެހި އިޤްތިޞާދަށާއި އަދި އިޖުތިމާއީ ފޭރާމަށް ހުރިނުރައްކަލެއް ކަމަށް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ފަޔާވަނީ ސަރުކާރުގެ އެ ނިންމުމާމެދު ސުވާލު އުފައްދަވާފައެވެ.
ކޯޓާ ދޫކުރުން އަދި އިމިގްރޭޝަން ހޯމް މިނިސްޓްރީ ދަށުގަ އޮވެ، ކޯޓާ ފްރޯޑް ތުހުމަތުގަ ޕޮލިސްގަ ކޭސް ފައިލް ކުރެވިފައިވާ ފަރާތަކާ ކޯޓާ ކަންކަން ހަވާލުކޮއް ޤާނޫނުގަ ކަނޑައެޅިފަވާ އަދަދު ހަމަވެފަވާ ޤައުމަކުން ޤާނޫނާހިލާފަށް ހަމައެކަނި މީހުން އެތެރެކުރަން ނިންމީމަ ވަރައްސުވާލު އުފަދޭ
— Fayyaz Ismail (@faya_i) December 17, 2023
ބަންގްލަދޭޝުން ލޭބަރުން ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުންދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ވަނީ ބަންގްލާދޭޝްގެ ލޭބަރުން ރާއްޖެ ގެނައުމަށް ހުއްދަދޭން މިއަދު ފަށާފައެވެ.
އެ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ހުއްދަ ދޭން ފެށުމާ އެކު އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލަފައިވާ ކަމަށެވެ. އެކަމަކު މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދޭނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!