ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް ހިންގަމުންދާ ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު އިތުރު 30 ވީލްޗެއާ ހަދިޔާކުރުމަށް ނިންމައިފިއެވެ.

މިއާއެކު، 2017 ވަނަ އަހަރުން ފެށިގެން ބޭންކުން ހިންގާ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 90 އަށް ވުރެ ގިނަ ރަށެއްގެ 230 އަށް ވުރެ ގިނަ ފަރާތަށް ވީލްޗެއާ ވަނީ ހަދިޔާކޮށްފައެވެ.

Ad
rt

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ގިނަ އާންމު ފަރުދުންނާއި އެފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވުމަކީ އެ ބޭންކަށަ ލިބޭ އުފަލެއް ކަމަށެވެ. އަދި ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިންމު ދައުރެއް އަދާކޮށްދޭ ޕްރޮގްރާމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

“މިއީ އަޅުގަނޑުމެން ހިދުމަތްކުރާ މި މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަޅުގަނޑުމެން ކުރާ މުހިންމު އިންވެސްޓްމަންޓެއް. ރާއްޖޭގެ އެކިކަންކޮޅުތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން." ކާލް ސްޓުމްކަ ވިދާޅުވިއެވެ.

އަމިއްލަ އަށް ވީލްޗެއާ އޮޕަރޭޓް ކުރެވޭނެ ފަރުދުންނަށް މޮޓޮރައިޒް ވީލްޗެއާ ހަދިޔާކުރުމުގެ އިތުރުން، އެއްތަނުން އަނެއްތަނަށް ދިއުމަށް އެހެން މީހުންނަށް ބަރޯސާވާންޖެހޭ ކުޑަކުދިންނާއި ބޮޑެތިމީހުންނަށް ހާއްސަކޮށް މިއަހަރު ބޭންކުން ވަނީ މެނުއަލް ވީލްޗެއާވެސް ހަދިޔާކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ބީއެމްއެލުން އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށް ހިންގަމުންދާ ޕްރޮޖެކްޓަށް މާލީ އެހީތެރިކަން އެ ބޭންކުން ދަނީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސޭބިލިޓީ (އެމްއޭޕީޑީ) އަދި މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ އަހަރީ ޕްރޮގްރާމްތައް ހިންގުމަށް ބީއެމްއެލުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.