ރައްޔިތުންގެ މަޖިލިހުގެ ދައުރު މި މަހުގެ 18 ގެ ނިޔަލަށް ދަންމާލުމަށް މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލިހުގެ ތިން ވަނަ ދައުރު އެންމެ ފުރަތަމަ ދަންމާލަން ފާސް ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެ ދުވަހުގެ ޖަލްސާގައި ނިންމާފައި ވަނީ މާދަމާގެ ނިޔަލަށް މަޖިލިހުގެ ދައުރު ނިންމާލުމަށެވެ. މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާ ގޮތަށް އޮންނަނީ މި މަހުން ފެށިގެންނެވެ.
އެކަމަކު، މިއަދުގެ ޖަލްސާގައި ތިން ވަނަ ދައުރު އަނެއްކާ ވެސް ދަންމާލަން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލިހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ދައުލަތުގެ ބަޖެޓު ފާސް ކުރުން ހިމެނޭ ގޮތަށް މި ދައުރުގައި މަޖިލިހުން ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރި ކަމަށެވެ.
އަސްލަމް ވިދާޅުވީ މަޖިލިހުގައި ކުރަން ޖެހޭ މަސައްކަތްތައް އަދި ނިމިފައި ނުވާތީ އަދި މަޖިލިހުގެ ގަވައިދުގެ 214 ވަނަ މާއްދާގެ (ހ) ގައި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މަސައްކަތް ނިންމައި ހިނގަމުންދާ ދައުރުގެ ހަތް ދުވަސް ކުރިން ބަޖެޓާ މެދުގައި ގޮތެއް ނިންމުމަށް ހުށަހަޅަން ވާނެ ކަމަށް ބަޔާންކޮށްފައިވާތީ މަޖިލިހުގެ މި ހިނގާ ދިގު ދަންމާލަން ޖެހޭ ކަމަށެވެ.
މަޖިލީހުގެ މި ދައުރުގެ ބޮޑުބައި ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ކުރިއަށް ނުގެންދެވިއެވެ. އެ މައްސަލަ ތާވަލު ނުކުރުމާއި މަޖިލީހުގައި ކުރިއަށް ދިޔަ އިހުތިޖާޖުތަކާ ހެދި މަޖިލީހުގައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެވި ވަރަށް ގިނަ ދުވަސްތަކެއް ހޭދަވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!