ސަރުކާރުން ހަބަރާ މައުލޫމާތު ފޯރުކޮށް ދިނުމުގައި މީޑިއާތަކުގެ މެދު ތަފާތު ނުކުރައްވާނެ ކަމަށާއި މީޑިއާތަކުގެ "ބްލެކް ލިސްޓެއް" ނުގެންގުޅުއްވާނެ ކަމަށް ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ މިނިސްޓަރު މިއަދު ވަނީ ރައީސް އޮފީހުގައި ރާއްޖޭގެ މީޑިއާ އިދާރާތަކުގެ އިސްފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ހެނދުނު ބާއްވައިފައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށް ކަނޑައެޅުމަށް ވެވެޑައިގެންނެވި ވައުދުގެ ކަންކަން ތަންފީޒުކުރުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް މީޑިއާތަކުގެ އިސްވެރިންގެ މަޝްވަރާ ހޯއްދެވުން ހިމެނެއެވެ.
މީޑިއާތަކުގެ ކުރިއެރުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވައި، ރައީސްގެ ރިޔާސީ ވައުދުތަކުގައި ހިމެނޭ މީޑިއާ ވިލެޖް ގާއިމުކުރުމާއި، މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ ހުރިހާކަމެއްވެސް ސަރުކާރުން ހާއްސަ ސަމާލުކަމަކާއެކު ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަންވެސް މި ބައްދަލުވުމުގައި ވަނީ ދެއްވައިފައެވެ.
އަދި މީޑިއާތަކަށް މަޢުލޫމާތު ހާމަކުރުމާ މީޑިއާތަކަށް ސަރުކާރުން ކޮށްދެއްވަން ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދިނުމުގައި ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން މަސައްކަތްކުރަމުންދާ ގޮތް ވަރަށް ގާތުން ރައީސްގެ އޮފީހުގެ ކޮމިޔުނިކޭޝަން ޑިޕާޓްމަންޓުން ބައްލަވަމުން ގެންދަވާނެކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ހިދުމަތްދޭ ގިނަ މީޑިއާތަކެއްގެ އިސްފަރާތްތަކުން ބައިވެރިވި މި ބައްދަލުވުމުގައި، މީޑިއާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު، މީޑިއާތަކުގެ އިސްފަރާތްތަކުން ހިއްސާކުރައްވައި، އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާ ބެހޭގޮތުންވެސް ބައެއް މަޝްވަރާތައް ކުރެއްވިއެވެ.
މީޑިއާތަކާ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ބައްދަލުވުންތައް ސިލްސިލާކޮށް ކުރިއަށް ގެންދަން ރައީސް އޮފީހުން ވަނީ ނިންމައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!