އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުތަކާ ހެދި ޔަމަންގެ ހޫތީން މުދާ އުފުލާ ބޯޓެއް ހައިޖެކްކޮށްފިއެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ރަތް ކަނޑުގައި ދުއްވަމުން ދަނިކޮށް އިރާންގެ މަދަދު ލިބެމުން އަންނަ ހޫތީން އެ ބޯޓު ހައިޖެކް ކުރުމަކީ ދުނިޔޭގައި ފެންވަރުގައި ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ތުރުކީން އިންޑިއާ އަށް ކަމަށާއި އޭގައި އިސްރާއީލްގެ ބަޔަކު ނެތް ކަމަށާއި އެއީ އިސްރާއީލްގެ ބޯޓެއް ނޫން ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

Ad
rt

އަރަބި ބައެއް ގައުމުތަކުގެ މީޑިއާތަކުން ހާމަކުރަމުންދާ ގޮތުގައި އެ ބޯޓުގެ ކްރޫންގެ ގޮތުގައި 52 މެމްބަރުން ހިމެނެއެވެ. މި މުދާ އުފުލާ ބޯޓު ރަޖިސްޓްރީކޮށްފައި އޮންނަނީ އިނގިރޭސި ވިލާތުގެ ކުންފުންޏެއްގެ ނަން މަތީގައި ކަމަށާއި "ގެލެކްސީ ލީޑަރ" ނަމަކަށް ކިޔާ އެ ބޯޓު އޮޕަރޭޓް ކުރަނީ ޖަޕާންގެ ކުންފުންޏަކުން ކަމަށް ބުނެފައިވެއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ބޯޓު ހައިޖެކް ކުރުމުގެ ޒިންމާ އިރާނުން ނަގަން ޖެހޭނެ ކަމަށެވެ. އެ ބޯޓުގައި ތިބި 25 ކްރޫ މެމްބަރުންގެ ތެރޭގައި ޔޫކްރެއިން ބަލްގޭރިއާ، ފިލިޕީންސް އަދި މެކްސިކޯ ހިމެނޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"މިއީ އިރާނުން އަނެއްކާ ވެސް ހިންގި ޓެރަރިޒަމްގެ އަމަލެއް. މިއީ ހުޅުވާލެވިފައިވާ ދުނިޔެއްގައި އާންމުން ރައްޔިތުންނާ ދެކޮޅަށް ކުރި ކަމެއް. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ބޯޓުތައް ސަލާމަތްތެރިކަމާ އެކުގައި ދަތުރު ކުރެވިދާނެ ކަމާ މެދުގައި މިވަނީ ސުވާލު އުފެދިފައި،" އެ ބަޔާނުގައިވެއެވެ.

އިރާންގެ މަދަދު ލިބިފައިވާ ހޫތީން ވަނީ ރަތް ކަނޑުގެ ސަރަހައްދުން އިސްރާއީލްގެ އެއްވެސް އުޅަނދެއް ދަތުރު ކުރާ ނަމަ، އެއަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ޔަމަންގެ ހޫތީން ނެރުނު ބަޔާނެއްގައި ބުނީ ދީނީ، ގައުމީ ޒިންމާގެ ދަށުން އަދި އިސްރާއީލާއި އެމެރިކާ އިން ޣައްޒާގައި ކޮންމެ ދުވަހަކު ވެސް ހިންގަމުންދާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް ބަލައި ޔަމަންގެ ރައްޔިތުންގެ ޑިމާންޑުތަކާއި ޣައްޒާގައި ތިބި އަނިޔާ ލިބެމުންދާ ރައްޔިތުންނަށް ލުއި ކަމެއް ހޯދައި ދިނުމަށް އިސްރާއީލްގެ ދިދަ އުފުލާފައިވާ ބޯޓުތަކަށާއި އިސްރާއީލް ކުންފުނިތަކުން ހިންގާ ބޯޓުތަކަށާއި އިސްރާއީލްގެ ކުންފުނިތަކުގެ ބޯޓުތަކަށް ހަމަލާ ދޭނެ ކަމަށް ބުނެފައެވެ.

އަދި ބޯޓުތަކުގެ ފަޅުވެރިންގެ ގޮތުގައި ތިބި އިސްރާއީލް މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށާއި އިސްރާއީލްގެ ބޯޓުތަކަށް މުދާ ހަވާލު ނުކުރުމަށް ވެސް ހޫތީންގެ ބަޔާނުގައިވެއެވެ.