އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް ތާވަލް ކުރި މަޖިލިހުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން މެދުކަނޑާލަން ޖެހިއްޖެއެވެ.
ދައުލަތުގެ ބަޖެޖާއި ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުމަށް މިއަދު 9:00 ގައި ފަށަން އޮތް މަޖިލިސް ކޯރަމް ހަމަނުވެގެން ރަނގަބީލު ވެސް ޖެހިއެވެ. އެކަމަކު، މަޖިލިހުގެ ތަޅުމަށް މެމްބަރުން ވަޑައިނުގެންނެވުމުގެ ސަބަބުން ޖަލްސާ ފެށޭ ގޮތް އަދިވެސް ނުވެއެވެ.
ބަޖެޓު ހުށަހަޅަން މިއަދަށް ޖަލްސާއެއް ތާވަލް ކުރި ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް އާލާސްކަންފުޅާ އުޅުއްވާތީ، ބަޖެޓު ހުށަހަޅުއްވަން ވަޑައިގެންނެވެން ނެތް ކަން ރޭ މަޖިލިހަށް ވަނީ އަންގަވައިފަ އެވެ.
މަޖިލިހުގެ ޖަލްސާ މެދުކަނޑާލެއްވުމުގެ ކުރިން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިއަދުގެ ޖަލްސާ ނުފެށިގެން އުޅެނީ ހަމައެކަނި އަމީރު ވަޑައިނުގަންނަވައިގެން ނޫން ކަމަށެވެ. އަދި މަޖިލިހުން ދެން އަމަލު ކުރާނެ ގޮތެއް ވެސް ނިންމޭނީ ކޯރަމް ހަމަވެގެން ކަމަށް އީވާ ވިދާޅުވިއެވެ.
މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން މަޖިލިހުގެ ތަޅުމަށް ވަޑައިނުގެން މަޖިލިހުގެ އިދާރާގެ ގޯތި ތެރޭގައި ތިއްބެވި ކަމަށާއި އެހެންވެ ޖަލްސާ ނިންމަވާ ނުލައްވައި، މެމްބަރުންނާ ވާހަކަ ދައްކަވައިގެން ކޯރަމް ހަމަ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގާނޫނުއަސާސީ އާއި މާލިއްޔަތު ގާނޫނާއި މަޖިލިހުގެ ގަވައިދު ލާޒިމް ކުރާ ކަމަށެވެ. އަދި ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންގޮސް ނުނިންމިއްޖެ ނަމަ، ކުރިއަށް އޮތް ސަރުކާރަށް ދަތިތައް ދިމާވާނެ ކަން އެންމެންނަށް ވެސް އެނގޭ ކަމަށް އީވާ ވިދާޅުވިއެވެ.
"ދަތިތައް ދިމާވާނީ ސަރުކާރަށް އެކަންޏެއް ނޫން. ބަޖެޓާ ގުޅިފައިވާނީ ތަރައްގީގެ ހުރިހާ މަޝްރޫއެއް. ބަޖެޓާ ގުޅިފައިވާނީ އަމިއްލަ ރައްޔިތުން، އަމިއްލަ ވިޔަފާރިތައް ކުރާ ހުރިހާ މަސައްކަތެއް ވެސް ގުޅިފައިވާނީ ދައުލަތުގެ ބަޖެޓާ،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ފޮނުވާފައި އޮތް ކަމުގައި ވިޔަސް، ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގައި ކުރި ހުކުމުން ލާޒިމް ކުރާ ކަމަށެވެ.
"މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، މަޖިލިހުގެ އިދާރާ އިންނާއި ރިޔާސަތުން މިއަދު އަޅުގަނޑުމެން އަވަސްވެގަތީ ދައުލަތުގެ ބަޖެޓު އެޖެންޑާކޮށްގެން ކުރިއަށް ގެންދިއުމަށް،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން ފިނޭންސް މިނިސްޓަރު ވަޑައިގެން މަޖިލިހަށް ބަޖެޓު ހުށަހެޅުއްވުމަށް ދައުވަތު ދެއްވި ކަމަށެވެ. އެކަމަކު، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ލަފައާ އެކީގައި އަމީރު މަޖިލިހަށް ވަޑައިގެންނެވުމަށް ދެކޮޅު ހެއްދެވި ކަމަށް އީވާ ވިދާޅުވިއެވެ.
"ނަމަވެސް މި މައްސަލައާ ގުޅޭ މިދިޔަ ހަފްތާގެ ސުޕްރީމް ކޯޓުގެ ހުކުމުން ވަރަށް ސާފު ބަންޑާރަ މަނިކުފާނު ދެއްވާފައިވާ ލަފައަކީ ގޯސް ލަފައެއް ކަމަށް،" އީވާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!