ދިވެހި ދަނޑުވެރިންނަށާއި ގޯތިތެރޭގައި ގަސްހައްދާ ފަރާތްތަކަށް ދިމާވެފައި އޮންނަ އެންމެ ބޮޑު މައްސަލައަކީ ގަސްގަހަށް ޖެހޭ ގޮތްނޭނގޭ ބަލިތަކާއި ތަފާތު ފަނިފަކުސައިގެ ސަބަބުން ގަސްތައް މަރުވެ ދަނޑުތައް ހަލާކުވަމުން ދިޔުމެވެ.
އެހެންކަމުން ތަފާތު ބާވަތްތަކުގެ ކެމިކަލް ޕެެސްޑިސައިޑު ދަނޑުވެރިންނާއި ގަސްހައްދާ މީހުން ގިނަ އަދަދަކަށް ބޭނުންކުރެއެވެ.
ގެއްލުންދޭ ، ރާއްޖޭގައި ޢާއްމު ބޭހެއް!
ނަމަވެސް މިފަދަ ބޭސް ގިނަ މިންވަރަކަށް ބޭނުންކުރުމުން އޭގެ ނޭދެވޭ އަސަރު އިންސާނުންނާއި ތިމާވެއްްޓަށް ކުރެއެވެ. މިއީ ވަަރަށް ނުރައްކާތެރި ކަމެކެވެ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ.
އަބަމެކްޓިންގެ ގެއްލުން އަންގައިދިނުމަށް ކެނެޑާ ސަރުކާރުން ބޭނުންކުރާ އިންޒާރު!
އަބަމެކްޓިންގެ ގެއްލުން އަންގައިދިނުމަށް ކެލިފޯނިއާ ސަރުކާރުން ބޭނުންކުރާ އިންޒާރު!
ގަސްގަހަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ކޮންޓްރޯލުކުރުމަަށްޓަކައި ބޭނުންކުރެވިދާނެ ތިމާވެއްޓާ ރައްޓެހި ގެއްލުން ކުޑަ ބޭސްތަކާއި ގޮތްތައް އެކިފަރާތްތަކުން ދަނީ ހޯދަމުންނެވެ. މިގޮތުން ޤުދުރަތީ ޢަދުއްވުންނާއި ޤުދުރަތީ ބޭސް ބޭނުންކުރަމުން ދެއެވެ. މިފަހަރު މިގެނެސްދެނީ މޮސައިކް ވައިރަސް ބައްޔާއި އާމީވޯމް އަދި ހުދުކޫޑި ކޮންޓްރޯލުކުރުމަށް ރާއްޖެއިން ލިބެން ހުންނަ ތަކެތިން ތައްޔާރުކޮށް ބޭނުންކުރެވިދާނެ ޤުދުރަތީ ބޭހެކެވެ. ބޭހުގެ ނަމަކީ ރޯމިރުހާއި ހިތިފަތު ބޭހެވެ.

ރޯމިރުހާއި ހިތިފަތު ބޭސް
ބޭނުންވާ ތަކެތި
10-20 ރޯމިރުސް
2.5-2 ކިލޯ ހިތިފަތް
21 ލިޓަރު ފެން
2 މޭޒުމަތީ ސަމުސާ ދޮންނަކުނޑި

ބޭސް ތައްޔާރުކުރާނެ ގޮތް
ވަކިވަކިން މިރުހާއި ހިތިފަތް ވަނެއްގައި ތަޅައި ހިމުންކޮށްލާށެވެ. މުގުރާ ދައްޗަކުން މުގުރުން އަދި ދައިއިން ފުނޑުން އަދި ބްލެންޑަރަކުން ބްލެންޑުކުރުންވެސް އެންމެ ރަނގަޅެވެ. ދެން ޖަގެއް ކަހަލަ އެއްޗަކަށް 1 ލިޓަރު ފެން އެޅުމަށްފަހު މުގުރި މިރުހާއި ހިތިފަތް އެފެނަށް އަޅާލައި ގިރާލާށެވެ. އެއަށްފަހު ޖަގުގެ މަތި ޖެހުމަށްފަހު އެއް ރޭ ވަންދެން ބެހެއްޓުމަށްފަހު އުވި ފޮތިކޮޅެއް ފަދަ އެއްޗަކުން ފެންފޮދު ފުރާނާލާށެވެ.

ބޭނުންކުރާނޭ ގޮތް
20 ލިޓަރު ފެނުގެ ތެރެއަށް އެއްކަލަ ފެންފޮދާއި އޯމޯ އަޅައި ގިރާށެވެ. ދެން އެފެން، މޮސައިކު ބަލިޖެހިފައިވާ ނުވަތަ ފަނިފަކުސަ އުޅޭ ގަސްތަކަށް ސްޕްރޭކުރާށެވެ. ސްޕްރޭކުރާއިރު ރީތިކޮށް މުޅި ގަހަށް، ފަތްތަކުގެ ދަށަށް އަދި ގަހުގެ ހުރިހާ ބަޔަކަށް ދާގޮތަށް، ފަތްތަކުގެ ކޮޅުން ތިކި ޖަހާވަރަށް ސްޕްރޭކުރަންވާނެ އެވެ. ފަނިފަކުސަ ފިލައިދަންދެން ނުވަތަ ބަލި ރަނގަޅުވަންދެން ހަފުތާއަކު 1 ދުވަހު މި ބޭސް ބޭނުންކުރެވިދާނެ އެވެ.

ރައްކާކޮށްގެން ގެންގުޅުން
21 ލިޓަރު ފެނުން ގާތްގަނޑަކަށް މިރުސް އަޅާފައި ހުންނަ 15 ގަހަށް ސްޕްރޭކުރެވޭނެއެވެ. ބޭނުންކުރުމަށްފަހު ބާކީ ހުރިނަމަ ހަމެއް ފަދައެއްޗެއްގައި ރީތިކޮށް މަތިޖަހާފައި ބެހެއްޓުމަށްފަހު 1 ހަފުތާ ތެރޭގައި ބޭނުންކުރެވިދާނެ އެވެ. މި ބޭސް ތައްޔާރުކުރުމަށްފަހު 1 ހަފުތާ ވުމުން ބޭނުންނުކުރާށެވެ. އެންމެ ރަނގަޅު ގޮތަކީ ރައްކާކުރުމުގެ ބަދަލުގައި މަދުން ތައްޔާރުކުރުމެވެ.

އަޅުގަނޑުމެން ވިސްނަންވީ ކަމަކީ ފާޑުފާޑުގެ ކެމިކަލް ބޭސްތައް ބޭނުންކުރުމުގެ ބަދަލުގައި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ސަޤާފަތްތައް ދިރުވައި އާލާކުރުމަށެވެ. އެމީހެއްގެ ރައްކާތެރިކަމާއި އެހެން މީހުންގެ ރައްކާތެރިކަމަށް ވެސް ސަމާލުކަންދިނުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!