ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އަރައި ހަނގުރާމަ ކުރުމުން ބޮޑު ގެއްލުމެއް ލިބޭ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން އެއްބަސްވެއްޖެއެވެ.

މި މަހުގެ 7 ވަނަ ދުވަހު، ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ދިން ކުއްލި ހަމަލާއާ އެކުގައި އިސްރާއީލުން ދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ މަގުން ބޮން އަޅައި އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. މުޖާހިދުން އިސްރާއީލްގެ އަވަށްތަކަށް ވަދެގަނެ، އިސްރާއީލް އަސްކަރިއްޔާގެ ސިފައިން ހިމެނޭ ގޮތަށް 300 އަށް ވުރެ ގިނަ މީހުންނާއެކު ޖުމްލަ 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ.

Ad
rt

މި ހަމަލާ އަށް ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން މިހާރު ދަނީ އެއްގަމު މަގުން ޣައްޒާ އަށް އަރައި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަނެއްކޮޅުން ފަލަސްތީނު ހައްގުގައި މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ވެސް ދަނީ އިސްރާއީލްގެ ސިފައިންނާ ކުރިމަތިލައި، އެމީހުންނަށް އެކިއެކި ހަތިޔާރުތަކުން ހަމަލާތައް ދެމުންނެވެ.

ހަމާސް އިން ބުނާ ގޮތުގައި ޣައްޒާ އަށް ވަދެގަތް، 22 އަސްކަރީ ވެހިކަލެއް މިހާތަނަށް އައިއިރު ވާނީ ހަލާކުކޮށްލައިފައެވެ. އަދި އިސްރާއީލް ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރާލާފައިވާނެ ކަމަށް ވެސް ހަމާސް އިން ބުނެފައިވެއެވެ. އިސްރާއީލުން އެންމެ ފަހުން އިއުލާން ކުރި ގޮތުން ނަމަ، ޣައްޒާ އަށް ވަތް ސިފައިންގެ ތެރެއިން މަރުވެފައި ވަނީ 12 ސިފައިންނެވެ. ޒަހަމްވި މީހުންގެ މައުލޫމާތެއް އިސްރާއީލް ސިފައިން ނުދެއެވެ.

އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް ވިދާޅުވީ އެ ގައުމުގެ އަސްކަރިއްޔާ އިން ޣައްޒާ އަށް އެއްގަމު މަގުން އަރައި ހިންގަމުންދާ އޮޕަރޭޝަންގައި ނަތީޖާ ހާސިލްވާ ތަން ފެންނަމުންދާ ކަމަށެވެ. އަދި ހަމައެއާ އެކު، "ބޮޑު އަގު އަދާ ކުރަން ޖެހޭ" ފަހަރު ވެސް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ އިސްރާއީލް ސިފައިން ޣައްޒާގައި ވަރަށް ބޮޑަށް ހަރަކާތްތެރިވާނެއެވެ.

"މި ކުރާ ހަނގުރާމައަކީ ޣައްޒާގައި އޮޕަރޭޓް ކުރަމުން އަންނަ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް. ހަނގުރާމައިގެ މައިދާނުގައި ހާސިލްވާ ކަންކަމާއި ނަތީޖާތައް ހުރީ ވަރަށް މަތީގައި. ހަނގުރާމައެއްގައި އަގު ވެސް އަދާ ކުރަން ޖެހޭ. މިދިޔަ އެއް ދުވަހުގެ ތެރޭގައި އޭގެ އަގު ވަރަށް ބޮޑަށް އަދާ ކުރަން ޖެހުނު،" ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ ގޮންޖެހުންތަކާ އެކުގައި ވެސް ހަނގުރާމަ ކާމިޔާބު ކުރުމަކީ އިސްރާއީލް އަސްކަރިއްޔާގެ އަމާޒު ކަމަށެވެ. އިސްރާއީލް އަސްކަރިއްޔާ އިން ބުނާ ގޮތުގައި އެއްގަމު މަގުން މިހާތަނަށް ދިން ހަމަލާތަކުގައި ހަމާސްގެ ގިނަ ހަނގުރާމަވެރިންތަކެއް ވަނީ ޝަހީދުކޮށްލައިފައެވެ.