ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތާއި ފުޓްސަލް މުބާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ދެ މުބާރާތުގެ އެއްބަސްވުމުގައި ހއ. މާރަންދޫ ކައުންސިލާއެކު ސޮއި ކޮށްފައިވަނީ ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލުގައި އިއްޔެ މެންދުރުފަހު 1 ޖެހިއިރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

Ad
rt

މި އެއްބަަސްވުމުގައި އަތޮޅު ކައުންސިލުގެ ފަރާތުން، އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގު ސޮއި ކުރެއްވިއިރު، މާރަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެރަށު ކައުންސިލުގެ ރައީސް ޖައިލަމް ހާރޫނެވެ.

މި ރަސްމިއްޔާތުގައި ދެ ރަށުގެ ކައުންސިލުގެ އިސްބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.

ހއ. އަތޮޅަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މި ދެމުބާރާތް ހޯސްޓް ކުރުމަށް ހުޅުވާލި ފުރުޞަތުގައި ޕްރޮޕޯސަލް ހުށަހަޅައިގެން މި ދެ މުބާރާތް ވެސް ހޯސްޓް ކުރުން ކާމިޔާބު ކޮށްފައިވަނީ މާރަންދޫ ކައުންސިލުންނެވެ.

އެ ގޮތުން ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް ހޯސްޓް ކުރުމަށް މާރަންދޫ ކައުންސިލުން ހުށަހަޅާފައިވާތީ އެކަމުގައި އެހީތެރިވުމުގެ ގޮތުން 70000.00ރ (ހަތްދިހަ ހާސް ރުފިޔާ) އަދި ތިލައުތުރު ފުޓްސަލް މުބާރާތް ހޯސްޓް ކުރުމަށް ހުށަހަޅާފައިވާތީ އެ ކަމަށް އެހީތެރިވުމުގެ ގޮތުން 50000.00ރ (ފަންސާސް ހާސް ރުފިޔާ) ދިނުމަށް ކައުންސިލުން ނިންމާފައި ވެއެވެ.

ތިލައުތުރު ރަންތާޖު ޤުރްއާން މުބާރަތަކީ 36 ވަނަ ޤައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށް ހއ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތް އޮންނާނީ މި އޮކްޓޫބަރު މަހުގެ 26-28 އަށް މާރަންދޫގައެވެ.

ތިލައުތުރު ފުޓްސަލް މުބާރާތަކީ ހއ. އަތޮޅު ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގޭ ކުޅިވަރު މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނަޞްރުގެ ދުވަސް ކަމުގައިވާ ނޮވެންބަރު 3 ވަނަ ދުވަހު ހއ. މާރަންދޫގައެވެ.