ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކޮލަޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރަކާ ހަމައަށް ހުޅުވާލައިފިއެވެ.
މި ސްކޮލަޝިޕް ފަންޑަކީ ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ބީއެމްއެލުން ދޭ ސްކޮލަޝިޕެކެވެ. މި ސްކޮލަޝިޕްގެ ދަށުން ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ބީއެމްއެލް ސްކޮލަޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން ހޮވާލެވޭ 3 ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން އެކައުންޓިން، ފައިނޭންޝަލް ޓެކްނޮލަޖީ، ފައިނޭންޝަލް އިންޖިނިއަރިން، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށް މި ފަންޑަށް އެދި ހުށަހޭނެއެވެ.
މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދޭނެއެވެ.
މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު 4 ނޮވެމްބަރު 2023 ގެ ރޭގަނޑު 11:59 ގެ ކުރިން scholarships@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެއެވެ.
މި ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު https://www.bankofmaldives.com.mv/bml-scholarship-fund އިން ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!