ދޮގު ޚަަބަރު ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް ޗައިނާ އެމްބަސީން ދިވެހި ސަރުކާރުގައި އެދިއްޖެއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަށް ހީނަރުކަން އަންނަ ގޮތަށް ހަގީގަތެއް ނެތް ވާހަކަ ފަތުރަމުންދާތީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުއްވި ނޫސްބަޔާނެއްގައި ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކުން ޗައިނާއަށް އަމާޒުކޮށް ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމަށް ހީނަރުކަން އަންނަ ގޮތަށް ދޮގު ޚަބަރުތަކެއް ފަތުރަމުންދާ ކަމަށެވެ.

Ad
rt

އެ ބަޔާނުގައި ވަނީ އެފަދަ ހަގީގަތެއް ނެތް ޚަބަރުތަކުގެ ސަބަބުން ރާއްޖެ އާއި ޗައިނާގެ ވަރުގަދަ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށާއި ހީނަރުކަމެއް އަންނާނެ ކަމަށް ގަބޫލު ވެސް ނުކުރާ ކަމަށެވެ. އަދި ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހޭނެ ކަމަށް ވެސް ވަނީ ބަޔާން ކޮށްފައެވެ.

މީގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކޮށްދީފައިވާ ކަންކަމަކީ ރާއްޖޭގެ އިގުތިސާދާއި އިޖުތިމާއީ ކަންކަން ކުރިއެރުވުމަށް ކޮށްދީފައިވާ ކަންކަން ކަމުގައި ވެސް އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން މިފަދަ ދޮގު ޚަބަރުތައް ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅައި އެކަންކަން ތަހުގީގުކުރުމަށް ދިވެހި ސަރުކާރުގައި މިހާރު އެދިފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ޗައިނާ އެމްބަސީން މިފަދަ ބަޔާނެއް ނެރެފައިވާއިރު، އިންޑިއާ އާ ދެކޮޅަށް ނުވަތަ އެ ގައުމުގެ އަގު ވެއްޓޭގޮތަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ޚަބަރު ފަތުރަމުން ދާތީ، އެ ގައުމުން ވެސް އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އަދި އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށް ބުނެ، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.