ސަރުކާރުން ހުޅުމާލޭގައި ޤާއިމްކުރި، ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުވައިދެއްވީ މިއަދު ހެނދުނު ބޭއްވި ރައްމިއްޔާތެއްގައި ރައީސް ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ.
ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވާފައި ވަނީ، މިހާރު އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓް ސެންޓަރުު ވެސް ހިނގަމުން އަންނަ ހުޅުމާލެ އޮރެންޖް ހިޔާ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ.
ޒަމާނީ ވަސީލަތްތަކާއި އެކު، މި ސެންޓަރ ހިންގަމުންދާނީ ހުޅުމާލެ ހޮސްޕިޓަލްގެ ދަށުންނެވެ. މިސެެންޓަރުގައި 7 ފިޒިއޮތެރަޕިސްޓުން މަސައްކަތް ކުރައްވަމުން ގެންދަވާނެއެވެ.
މިސެންޓަރުން އުފެދުމުގައި އެކި އެކި މައްސަލަތައް ހުރުމުގެ ސަބަބުން ތަފާތު ފަރުވާއާއި ތަމްރީންތައް ބޭނުންވާ ފަރާތްތަކަށާއި، ދިރިއުޅުމުގައި ދިމާވާ ހާދިސާއެއް، އެކްސިޑެންޓެއް ނުވަތަ ސްޓްރޯކެއް ޖެހުން ފަދަ ކަމަކުންވެސް އެފަރާތްތަކަށް ވަގުތީގޮތުން ކުރިމަތިވާ ހާލަތްތަކުން އަރައިގަނެ އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލައަށް އުޅެވޭނެ ގާބިލްކަން ހޯދައިދިނުމަށްޓަކައި ބޭނުންވާ ރިހިބިލިޓޭޝަން ފަރުވާތައް ފޯރުކޮށްދޭނެއެވެ.
މިސެންޓަރު ހުޅުވިފައި ހުންނާނީ، ހުކުރު ދުވަހާއި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8 ން ރޭގަނޑު 10 ޖަހަންދެންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިސެންޓަރުގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، ސަރުކާރުން ވަނީ އެސެންޓަރަށް އާރްޓީއެލް ބަހުގައި ދަތުރުކުރެވޭނެގޮތަށް ވެސް ބަސްދަތުރުތައް ހަމަޖައްސަވައިދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!