ރަށް ގިރުމުގެ މައްސަލައަކީ އަބަދު ވެސް އިވެމުން އަންނަ ކަމެއް ކަމަށާއި މިކަންކަން ހައްލު ކުރުމަށް ހަމައެކަނި ވަށައިގެން ހިލަ ޖަހާލިޔަކަސް ނުފުދޭ ކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

"ދަ މޯލްޑިވްސް އޯޝަން ހެކަތޯން"ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް އިފްތިތާހު ކޮށްދެއްވާ ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ މިކަންކަން ހައްލު ކުރެވޭނީ އައު ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ގައުމުގެ މޫސުމީ ބަދަލުތަކުގެ ސަބަބުން އަންނަ ބަދަލުތައް ބަލާ ދިރާސާ ކޮށްގެން ކަމަށެވެ.

Ad
rt

މީގެ އިތުރުން ވައި ނުސާފުވުމާއި، ފަރު ހުދުވުމާއި، ޕްލާސްޓިކުގެ ސަބަބުން މަސްވެރިކަމަށް އަންނަ ބަދަލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް އަސަރު ކުރާ މިންވަރާއި މިކަންކަން ވަރަށް ރަނގަޅަށް ދެނެގަންނަން ޖެހޭ ކަމަށާއި މިކަންކަމާއި ގުޅޭގޮތުން މުސްތަގުބަލުގައި އަޅަން ހުރި ފިޔަވަޅުތައް ރާވައި، ހިންގާ ނިންމޭނީ މިފަދަ ވަސީލަތްތަކުގެ އެހީގައި ލިބޭ ޑޭޓާތަކުގެ އެހީގައިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާއި ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި އިތުރަށް ދިރާސާކޮށް އެކަށީގެންވާ ހައްލެއް ހޯދުމަށް ޓެކްނޮލޮޖީ އަދި ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މި ހެކެތަން އަކީ ގިނަ ބަޔަކު ޝާމިލް ވާނެހެން 48 ގަޑިއިރު ހަމަވާގޮތަށް ތިން ދުވަހަށް ބަހައިލައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

10 ޓީމަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ހެކަތަންގެ އެއްވަނަ ފަރާތަށް 10،000 އެމެރިކާ ޑޮލަރުގެ އިނާމެއް ކަނޑައަޅާފައިވާއިރު، ކޮންމެ ޓީމެއްގައި ހިމެނޭނީ 3 ނަވަތަ 5 މެންބަރުންނެވެ.

މި ހެކަތަން ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ 15 އިން 17 އަށް ކްރޮސް ރޯޑްސް މޯލްޑިވްސް ގައެވެ.