އުރީދޫ މަސްރޭހުގެ މިއަހަރުގެ ތިންވަނަ މުބާރާތް އައްޑޫ ސިޓީގައި އިއްޔެ ބާއްވައިފިއެވެ.
އައްޑޫ ސިޓީގައި ބޭއްވި މުބާރާތުގައި 7 ޓީމުން ވާދަކުރިއެވެ. މަރަދޫ ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މުބާރާތުގެ ވަނަތައް ލިބުނު ޓީމުތަކަށާއި މަސްވެރިންނަށް ވަނީ އިނާމު ހަވާލުކޮށްފައެވެ.
އުރީދޫ މަސްރޭސް 2023 އައްޑޫ ސިޓީގެ ޗެމްޕިއަންކަން ހޯދީ 220.9 ޕޮއިންޓާ އެކު ޓީމް ފެހުރިހި އެވެ. ފޯރިއާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ރަނަރަޕްކަން 141.6 ޕޮއިންޓާއެކު ޓީމް ހޮންޑެލި ކާމިޔާބުކުރިއިރު 131.9 ޕޮއިންޓާ އެކު 3 ވަނަ ކާމިޔާބުކޮށްފާވަނީ ބަރަކޫޑާ ޓީމުންނެވެ.
މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 5.5 ކިލޯ ގެ ކުރުމަހެކެވެ. އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ ޗެމްޕއިންކަން ހޯދި ފެހުރިހި ޓީމުން ނަޖާ އެވެ. އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާޓްނާ ސީގިއާ ގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.
މިއީ އުރީދޫ މަސްރޭސްގެ ތާރީހުގައި ކައްޓެޅި މަސް ބޭނި ފުރަތަމަ ފަހަރެވެ. ކައްޓެޅިމަސް ބާނާފައިވަނީ މުބާރާތުގެ 3 ވަނަ ކާމިޔާބުކުރި ބަރަކޫޑާ ޓީމުން ޖިނާހު އަދި ޝާނިޒް އެވެ.
މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކޮޔޮޅުގެ މަގާމު ޓީމު ހެޕީ މާކެޓުން އިބްރާހިމް އަބްދުالله ކާމިޔާބުކޮށްފާވާއިރު އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ ފެހުރިހި ޓީމުން އަޒްލިފާ އަޒީޒް އެވެ. އިބްރާހިމް އަބްދުއްލާ 7 މަސް ބާނާފައިވާއިރު އަޒްލިފާ އަޒީޒް ބާނާފައިވަނީ 4 މަހެވެ.
މި މުބާރާތުގެ އެންމެ ފަހު އެޑިޝަން ކުރިއަށްދާނީ ފުވައްމުލައް ސިޓީގައެވެ. މި މަސްރޭސް ކުރިއަށް ދާނީ 25 އޯގަސްޓް ވާ ހުކުރު ދުވަހުއެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!