މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް ސަރުކާރުން ހުޅުވާލި "މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަރޝިޕް 2023" އަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފިއެވެ.

ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ބައްވާފައިވަނީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގައެވެ.

Ad
rt

ގައުމުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމަށް ސްކޮލާޝިޕް ދިނުމުގެ ސިޔާސަތުގެ ދަށުން މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް މިއަހަރު 7 ދާއިރާއިން ވަނީ ހުޅުވާލާފައެވެ.

އެއީ އެނެސްތީސިއޮލޮޖީ، އިންޓަރނަލް މެޑިސިން، ސްޕައިން ސާރޖަރީ، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ، ގައިނެކޮލޮޖީ، ޖެނެރަލް ސާރޖަރީ އަދި ޕީޑިއޭޓްރިކްސް އެވެ.

މިފަހަރުގެ ސްކޮލާޝިޕަށް ޖުމްލަ 49 އެޕްލިކޭޝަންވަނީ ހުށައަޅާފައިވާއިރު، މިއަދު 6 ފަރާތަކަށްވަނީ މިސްކޮލާޝިޕް އެވޯޑް ކޮށްފައެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ރާއްޖޭގެ މަސައްކަތް ކުރާ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަކީ ފަންނީ ހުނަރުވެރިންނަށް ހެދުމަށްޓަކައި މަސައްކަތް ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

އެގޮތުން ހެލްތު ސެކްޓާ ގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމާގުޅުންހުރި ދާއިރާތަކުން އިތުރަށް ތަޢުލީމު ހޯދުމަށްޓަކައި ޚާއްސަ ސްކޮލާޝިޕް ސްކީމްތަކެއް މިހާރުވެސް އެ މިނިސްޓްރީން ހިންގާފައި އެބަހުރި ކަމަށާއި މިއަދު މި ހަވާލުކުރެވުނު ސްޕެޝަލައިޒްޑް ސްކީމްގެ ދަށުން ޑޮކްޓަރުން ސްޕެޝަލައިޒް ވުމުން ސިއްހީ ދާއިރާއިންދެވޭ ހިދުމަތްތައް އިތުރަށް ފުޅާވެ ފުރިހަމަ ވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ހާއްސަކޮށް ރާއްޖޭގެ ރައްޔިތުންނަށް އެކި ހިސާބުތަކުން އެބޭފުޅުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި، އަތޮޅުތެރޭގައި ހުރި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން އެންމެ ޒަމާނީ މެޑިކަލް ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ހިދުމަތް ލިބިގެން ދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވެވިއެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ މިފަދަ ސްކޮލާޝިޕް ފުރުސަތުތަށް ދެ މިނިސްޓްރީ އިން ގުޅިގެން ހުޅުވާލުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވާ ލައްވާފައެވެ. އަދި މިއަދު ފުރުސަތުލިބިގެން ދިޔަ ޑޮކްޓަރުން ކިޔަވައި ނިމިގެން، ގައުމަށް އެނބުރި އައުމުން ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ލުއި ފަސޭހަކޮށް ލިބިގެން ދިއުމަކީ ވަރަށް ބޮޑަށް އުއްމީދު ކުރައްވަވާކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި ސްކޮލާޝިޕްތަކަށް ހޮވުނު ކެންޑިޑޭޓުން ހުރިހާ ޚަރަދު ހަމަޖައްސާނީ ސަރުކާރުންނެވެ. އަދި ސްކޮލާޝިޕްގައި ކެންޑިޑޭޓުން ފުރިހަމަކުރާ ޕްރޮގްރާމްގެ ދިގުމިނަށް ބިނާކޮށް، ކަނޑައެޅޭ ވަކި މުއްދަތަކަށް ހެލްތު މިނިސްޓްރީ އަށް ހިދުމަތް ކުރުމަށް ޝަރުތު ކުރެވޭނެއެވެ.

އެހެންކަމުން، ޕްރޮގްރާމް ނިންމުމަށްފަހު، އެ މިނިސްޓްރީން ކަނޑައަޅާގޮތެއްގެ މަތީން ރާއްޖެއަށް ހިދުމަތްކުރުން ލާޒިމުވާނެއެވެ.