ގައުމާ ހަވާލުވެވަޑައިގަންނަވާ ވެރިންގެ ފަރާތުން ފެންނަނީ ބޮޑެތި އަދަދުތަކުން ހިޔާނާތްވާ ތަން ކަމަށާއި ނަމަވެސް އެމަނިކުފާނު ވެރިކަމަށް އިންތިޚާބުވެއްޖެނަމަ ރައްޔިތުންގެ ފައިސާގައި ނުޖެހޭނެ ކަމަށާއި އަދި މަސައްކަތްކުރައްވާނީ ދައުލަތާއި ރައްޔިތުންގެ ލާބަޔަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދަރުމަވެރިންނާއި ކުޅުންތެރިންނާއި ކްލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކާ ގާސިމް ބައްދަލު ކުރެއްވުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ހޮޓެލް ޖެން ގައި ބޭއްވި މި ހަފުލާގައި ގާސިމް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަނީ ކުރާނެ މަސައްކަތެއް ނެތި، ގޮތް ހުސްވެގެން ނޫން ކަމަށާއި ރާއްޖޭގެ ހުރިހައި ރައްޔިތުންނަކީ ތަނަވަސް ކަމުގެ އަހުލުވެރިންނަށް ހެދުމަށްޓަކައި ކަމަށެވެ. އަދި ފުރަތަމަ ކަމަކަށް ރައްޔިތުން ތިބެން ޖެހޭނީ ސަލާމަތްތެރިކަމާއި އަމާންކަމާއެކީގައި ކަމަށް ވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އޭގެ ފަހުގައި އަސާސީ ހައްގުތައް ކަށަވަރު ކުރުމަކީ ގައުމެއް ހިންގަން ހުންނަ ވެރިއެއްގެ ހައިސިއްޔަތުން އެބޭފުޅެއްގެ އިސްތަށިފުޅުގައި އެޅިފައި އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ދައުލަތުގެ ފައިސާ އިން ބޮޑު ލާރިއެއްގައި ވެސް ނުޖެހޭނެކަމުގެ ޔަގީންކަން ދެއްވާ ވިދާޅުވީ ފިނޭންސް މިނިސްޓަރުކަމާއި ސެންޓްރަލް ގަވަރުނަރުކަމާއި އައިއެމްއެފާއި ވޯލްޑް ބޭންކަށް ކަނޑައަޅާފައިވާ ގަވަރުނަރުކަމާއި ހޯމް މިނިސްޓަރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ރައީސް ކަމަށާއި ރައްޔިތުންގެ މަޖިލިސްކަން ކޮށްފައި ހުންނެވި އިރު ވެސް ނާޖާއިޒު ގޮތެއްގައި ފައިސާގައި ޖެހިވަޑައިެގންފައި ނުވާނެ ކަމަށެވެ.

ހަމަމިއާއެކު އަތުގައި ލާރި ޖެހޭނެ ކަންކަން ވެސް ހުރި ކަމަށާއި އެކަމަކު އެފަދަ ކަންކަމަކީ އެމަނިކުފާނު ބޭނުންވާ ކަންކަން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ގާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމަށް ވަޑައިގަންނަވަނީ ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވާން ނޫން ކަމަށާއި އެ ދުވަހެކޭ އެއްގޮތަށް މިހާރު ވެސް މަސައްކަތް ކުރައްވަނީ ދައުލަތް ކުރިއެރުވުމަށް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް އުނިވެފައި އޮތީ ކޮން ކަމެއްތޯ ބެލުމަށް ފަހު، އެ ކަންތައްތައް ކޮށްދިނުމަށް އަތުކުރި އޮޅާލައިގެން ހުންނެވި ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން އޭނާ އަށް ފުރުސަތު ނުދެއްވަންވީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.