ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގައިގައި ހުރި ކޮލިޓީ އެހެން ކެނޑިޑޭޓެއްގެ ކިބައިން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މުއިއްޒުގެ ކެމްޕެއިން މައި ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މުއިއްޒު އާއި ސެމްބެއާއި އެކީ ފެށޭ މަސައްކަތުން އެބޭފުޅުންގެ މަސައްކަތްތައް ވަރަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރެއިން މުއިއްޒުގެ ގައިގާ ހުރި ކޮލިޓީ އެހެން އެއްވެސް ކެންޑިޑޭޓެއްގައި ކިބައިން ނުފެންނަ ކަމަށެވެ.

Ad
rt

މީގެ އިތުރުން ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ އަމާޒަށް ވާސިލުވުމަށް ޕީޕީއެމް/ޕީއެންސީން ނެގޭނެ އެންމެ ގާބިލު ދެ ބޭފުޅުންނަކީ މުއިއްޒު އާއި ސެމްބެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މުއިއްޒުގެ ރަނިންމޭޓަކަށް ވެވަޑައިގެން ހުންނެވި ސެމްބެގެ ހިތުގައި ގައުމަށާއި ޔާމީނަށް އޮތް ލޯބި އިހުސާސް ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ދިވެހިންގެރާއްޖެ" ނަމުގައި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝިޔާމް އިތުރަށް ވިދާޅުވީ އިންތިހާބަށް ރައީސް ޔާމީން ދައްކަވާފައިވަނީ އެމަނިކުފާނުގެ އަރިހުން ތަރުބިއްޔަތު ވެވަޑައިގެން ހުންނެވި، އެމަނިކުފާނުގެ ރަން ޒައާމަތުގައި، އެމަނިކުފާނުގެ އަރިހުގައި އެންމެ ބުރަކޮށް އުޅުއްވި އެއް ވަޒީރު ކަމަށެވެ.

މުއިއްޒު އާއި އެކީ މަސައްކަތް ކުރަން ލިބުނު ދުވަސްތަކުގައި އެމަނިކުފާނުގެ ތަޖުރިބާއާއި ތައުލީމުގެ ބޭނުން ހިއްޕަވައި، ރައީސް ޔާމީންގެ އަމާޒަށް ޕީޕީއެމް/ޕީއެންސީގެ މަސައްކަތައް ގެންދެވުމުގައި ބުރަކޮށް މަސައްކަތް ކުރެއްވިތަން ފެނިވަޑައިގަތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޑރ. މުއިއްޒުގެ މައި ކެމްޕޭން ޖަގަހަ ހުންނަނީ ހެންވޭރު ގައި ހުންނަ ސްކައި ވިއު ރެސްޓޯރަންޓުގެ ތިރީގައެވެ.