ސަރުކާރުގައި އުޅުއްވިއިރު، ނަހަމަގޮތުގައި އެއްވެސް މީހަކަށް މަންފާއެއް ހޯދައިދީފައި ނުވާނެ ކަމަށާއި، ދައުލަތުގެ ‘’ކަރުދާސް އަރިއެއްހާ’’ މިންވަރުގައި ވެސް ޖެހިފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ޤާސިމްގެ ތަސައްވަރު 2023" ގެ ނަމުގައި މީޑިއާތަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމާއި އެމްއެމްއޭގެ ގަވަރުނަރު ކަމާއި ހާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ކަމަށާއި އެހެންނަމަވެސް އެއްވެސް މީހަކަށް ޓެންޑަރއެއް ދިނީ އެހެންނޭ، މިހެންނޭ ކިޔާފަ ދުވަހަކު ވެސް ވާހަަކައެއް ދެއްކިތޯ ސުވާލު ކުރައްވާފައެވެ.
އެފަދަ ވާހަކަތައް ނެރެން ވެސް އުޅުނު ކަމަށާއި އެހެންނަމަވެސް އެކަން ނުކުރެވުނީ ނެތީމާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކަރުދާސް އަރިއެއްގެ ބޭނުން ވެސް ކޮށްފައި ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ މި ކުރާ މަސައްކަތަކީ ބޮޑު މަގާމެއް ހޯދަން ކުރާ މަސައްކަތެއް ނޫން ކަމަށާއި މަގާމެއްގެ ބޭނުން ހިފަނީ އެވަގުތަކު ކުރާ އިސްލާހީ މަސައްކަތްތަކެއްގައި އަޅަން ޖެހުނު ފިޔަވަޅެއް އެޅުމަށް، އަދި ކުރިއަށް ދެވެން އޮތީ މަގާމެއް ނުވަތަ ވަޒީފާއެއްގަ ނުވަތަ މެންބަރު ކަމެއްގައި ހުރެގެން ކަމަށް ވަނީނަމަ، އެކަމެއް ކަމަށެވެ.
ވޯޓުލުމަކީ 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިފައިވާ ހައްގެއްކަން ފާހަގަކުރައްވައި ގާސިމް ވަނީ ވޯޓުލާއިރު، ތިމާމެން ވޯޓު މި ލަނީ، އެމީހެއްގެ މާޒީގައި ކޮން ފެންވަރެއްގެ ކަންތައްތަކެއް ކޮށްފައިވާ މީހަކަށްތޯ އާއި ކޮންކޮން ކަންކަމެއް ހާސިލްކޮށް، ކިހާ ހިދުމަތްތަކެއް ކޮށްފައިވާ މީހެއްތޯ ދިވެހިން ވިސްނަންޖެހޭނެކަން ހަނދާން ކޮށްދެއްވާފައެވެ.
މީގެ އިތުރުން ވެރިކަަމަށް މީހަކު ހޮވާއިރު، ބަލަންވީ އެމީހެއްގެ އެޗީވްމަންޓަށް ނުވަތަ އެމީހަކު ހާސިލްކޮށްފައިވާ ކަންކަމުގެ މައްޗަށް ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!