ރާއްޖޭގެ 58 އަހަރުފުރޭ 59 ވަނަ މިނިވަން ދުވަހާއި ގުޅިގެން މާލޭގައި ކުރިއަށް ހަރަކާތްތަކަށް މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއަދު ހަވީރާއި، މިރޭ މާލޭގެ މަގުތަކުގައި ޕެރޭޑާއި ފުޅަނދުބުރު ބޭއްވުމަށް ހަމަޖެހިފައިވާތީ ބައެއް މަގުތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިއަދު ހަވީރު 3 ން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 7 ން އެ ހަރަކާތްތައް ނިމެންދެން ބައެއް މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށް ވިދާޅުވިއެވެ. އަދި މެންދުރުފަހު 2 ން ފެށިގެން ހަރަކާތްތައް ނިމެންދެން އެއްނަމްބަރު ފާލަން ހިމެނޭ ކަނޑުގެ ސަރަހައްދު ވެސް ކަނޑު ދަތުރުތަކަށް ބަންދުވާނެ ކަމަށް ވިދާޅުވެއެވެ.
މިއަހަރުގެ މިނިވަންދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޕެރޭޑާއި ރޫޓް މާޗް މާލޭގެ ބޮޑެތި މަގުތަކުގައި މިއަދު ހަވީރު ކުރިއަށްދާނެއެވެ.
މި ޕެރޭޑް ހުއްޓާ ސަރަހައްދުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގު އިއްޒުއްދީން ފާލަން ކުރިމަތި، ސޯސަންމަގު/ ދިވެހިބަހުގެ އެކަޑަމީ ކުރިމަތި، މަޖީދީމަގު/ ޗާނދަނީމަގު ހަތަރު އަނގޮޅި ހިމެނެއެވެ. އަދިި މަޖީދީމަގު/ މިލިއަން ބުކުޝޮޕް ކުރިމަައްޗާއި ބޮޑުތަކުރުފާނުމަގު/ ކަޅުތުއްކަލާކޮށި ހުޅަނގު އުތުރުކަންމަތި ވެސް ހިމެނެއެވެ.
ރޫޓު މާޗު ހުއްޓުމަށް ނިންމާފައިވަނީ ބޮޑުތަކުރުފާނު މަގު އިއްޒުއްދީން ފާލަން ކުރިމަތި، ސޯސަންމަގު/ ދިވެހިބަހުގެ އެކަޑަމީ ކުރިމަތި، މަޖީދީމަގު / އޮލިމްޕަސް ކުރިމައްޗަށެވެ. އަދި މަޖީދީމަގު/ މާލެ ގްރޭންޑް ކުރިމަައްޗަށާއި ޗާނދަނީމަގު/ ދާރުލްއާސާރުކުރިމައްޗަށް ވެސް ހުއްޓުމަށް ނިންމާފައި ވެއެވެ.
ފުލުހުންވަނީ މިގަޑިތަކުގައި މިސަރައްދު އެއްގަމު ދަތުރުތަކަށް ބޭނުން ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދު މާލޭ ބޮޑެތިމަގުތަކުގައި މިރޭ 8:30 އިން ފެށިގެން ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!