މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ "މިނިވަން އުފާ" ކާނިވާ ޖުލައި 28 ގައި ބާއްވަން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެން ބާއްވާ "މިނިވަން އުފާ" މި ކާނިވާ ބޭއްވުމަށް ނިންމާފައިވަނީ މި ޖުލައި މަހުގެ 28 ން އޯގަސްޓު މަހުގެ 4 ގެ ނިޔަލަށެވެ.

Ad
rt

ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނަ މި ކާނިވާގެ ތެރެއިން ކުޅިވަރާއި ކާބޯތަކެތީގެ ސްޓޯލްތައް ބައިވެރިކުރުމުގެ ފުރުސަތު ހޯމް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ.

ހޯމް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މި ކާނިވަލުގައި ކާބޯތަކެތި ވިއްކުމަށް 40 ސްޓޯލާއި ކުޅިވަރާއި ގުޅޭ 20 ސްޓޯލަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެގޮތުން މި ކާނިވާގައި ފުޑް ސްޓޯލް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކޮންމެ ފަރާތަކަށް 10 ފޫޓު ފުޅާ، ހިޔާކޮށްފައިވާ ސްޓޯލެއް ގޮޑި އާއި މޭޒާއިއެކު ލިބޭނެ ކަމަށް ހޯމް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ. އަދި 7 ބާވަތެއްގެ ކާތަކެތި، ސްޓޯލްތަކުގައި ހިންގިދާނެކަމަށް ވެސް ބުނެފައި ވެއެވެ. އަދި އަމިއްލައަށް ބޭނުންވާ ސެޓަޕެއް ގެނައުމުގެ އިހްތިޔާރު އޮންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހޯމް މިނިސްޓްރީގެ އިއުލާނުގައި ގޮތުން ސްޓޯލުގައި ކާބޯތަކެތި ވިއްކައިގެން ލިބޭ ފައިދާ ލިބޭނީ ސީދާ ސްޓޯލް ހިންގާ ފަރާތަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ކުޅިވަރު ސްޓޯލްތަކަށް ބޭނުންވާ ޖާގަވެސް "މިނިވަން އުފާ" ކާނިވާގެ ތީމާއެއްގޮތަށް ޒީނަތްތެރިކޮށް އާބަންކޯ އިން ސްޓޯލް ހިންގާ ފަރާތަކަށް ފޯރުކޮށްދޭނެ ކަމަށާއި ނަމަވެސް ސްޓޯލްތަކުން ހިންގާ ކުޅިވަރާއި، ކުޅިވަރު ހަރަކާތުގެ ސެޓަޕް ހަމަޖައްސަން ޖެހޭނީ އެ ފަރާތަކުން އަމިއްލައަށް ކަމަށް ބުނެފައި ވެއެވެ.

މި ކާނިވަލުގައި ކުޅިވަރު އަދި ކާބޯތަކެތީގެ ސްޓޯލްތައް ހުޅުވުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 13 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހޯމް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފައެވެ.