ރާއްޖޭގެ ކަނޑުތައް މިއަދު ވެސް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކޮށްފިއެވެ.
އެ އިދާރާގެ މޫސުމީ ބުލެޓިން ގައި ބުނީ ރާއްޖޭގެ އެކި ހިސާބަށް މިއަދު ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަޑުގައި 40 މޭލަށް ވައި ގަދަަވުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އުތުރާއި މެދުރާއްޖޭގައި ރާޅުގެ އުސްމިން، ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދު ހުންނާނެކަމަށް ލަފާކޮށްފައިވާއިރު، ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައި ކަމަށް ވެސް އެ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.
މިދުވަސްވަރަކީ އީދު ޗުއްޓީއަށްފަހު، ގިނަ ބަޔަކު ދަތުރު ކުރަމުންދާ ދުވަސްވަރެއްކަން ފާހަގަކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ މޫސުމަށް ސަމާލުވެ، އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އަދި ދެކުނަށް ކުރަމުންދާ ވިއްސާރަ މިއަދުން ފެށިގެން ކޮންމެވެސް ވަރަކަށް އަލިކުރާނެކަމަށް ވަނީ ލަފާކުރެއެވެ. އެހެންނަމަވެސް އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދަށް ވިއްސާރަ އަލިކުރާނެކަމަށް ލަފާކޮށްފައިވަނި ހޮނިހިރު ދުވަހަށްފަހު ކަމަށް ލަފާކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!