ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މިފަހަރު 10314 މީހަކަށް ގޯތި ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރުމުގެ މައުލޫމާތު ހިއްސާކުރުމަށް މިހާރުކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ދޫކުރާ ފަރާތްތަކުގެ ވަގުތީ ލިސްޓު މިއަދު އާންމު ކުރައްވާނެ ކަމަށާއި އެ ލިސްޓުގައި ޑިސްކޮލިފައި ވީ ފަރާތްތައް ވެސް އާންމުކޮށްފައި ވާނެ ކަމަށެވެ.
ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބާކީ ތިބި ފަރާތްތަކަށް ވެސް ކުރިއަށް އޮތް ތަނުގައި ގޯތި ދޭން ނިންމާފައިވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ މި ސިޔާސަތުތައް ތަންފީޒު ވެގެން ދާއިރު، ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމަށް މަގުފަހިވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު ގެޒެޓްކުރެއްވުމަށްފަހު، އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި އެ މުއްދަތު ހަމަވުމުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އާއްމުކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!