ދަރީންނަކީ އަޅުގަނޑުމެންގެ ހިތުގެ މޭވާއެވެ. ޙަޔާތުގެ އުފާވެރިކަމެވެ. އަދި ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. ދަރީން ލިބުމާއިއެކު ދިރިއުޅުމުގެ މިސްރާބް ބަދަލު ވެގެން ދެއެވެ. ދެމަފިރިންގެ ހުރިހާ އުފަލަކާއި، ވަގުތުތަކެއް އެދަރީންނަށްޓަކައި ހުސްކުރެވެއެވެ. މުޅި ދިރިއުޅުން ބިނާ ކުރެވެނީވެސް ހަމައެކަނި ދަރިންނަށްޓަކައެވެ. ދަރިންގެ އުފަލާއި ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައެވެ. އަދި އެދަރިންގެ މުސްތަޤްބަލާއި ކުރިމަގަށްޓަކައެވެ.
ދައްކަން މިއުޅެނީ މިދެންނެވި ފަދައިން ދަރީންނާއިމެދު ވިސްނަމުންދިޔަ ވަރަށްވެސް ކެތްތެރި ދެމަފިރިއެއްގެ ވާހަކައެވެ. ދަރިޔަކަށްޓަކައި މުޅި ދިރިއުޅުން ޤުރުބާންކުރި ދެމަފިރިއެއްގެ ވާހަކައެވެ. އަދި ދަރިފުޅުގެ އެންމެ ފަހު ވިންދާއި ޖެހެންދެން ދަރިފުޅާއިއެކު ހުރިހާ ވަގުތެއް ހޭދަކުރި ހިތްވަރުގަދަ ދެމަފިރިއެއްގެ ވާހަކައެވެ.
ރ. ވާދޫ އަލީ ޝަހީމާއި ރ. އަލިފުށީ ފާޠިމަތު ފަލާޙާ ދަރިޔަކު ހޯދީ ނުހަނު ބޭނުން ވެގެންނެވެ. ބަލިވެ އިންކަން އެނގުނީއްސުރެ ފަލާއަށް ހުރެވެނީ އަބަދުވެސް އުފަލުންނެވެ. ޤަވާޢިދުން ޑޮކްޓަރަށް ދައްކައި ހެދިއެވެ. އެގޮތުން އެންމެ އުފާވެރި ދުވަސްތަކަކީ ސްކޭން ކުރި ދުވަސްތަކެވެ. ހުރިހާކަމެއްވެސް މާތްﷲގެ ރަޙްމަތް ފުޅުން ދަނީ ހަމަ އެންމެ ރަނގަޅަށެވެ. ފިރިމީހާއާއި ދެފަރާތުގެ އާއިލާގެ ލޯތްބާއި އެހީތެރިކަން އިންތިހާއަށް އޭނާއަށް ލިބެމުންދިޔައެވެ. ވިހައިގެން ހޮސްޕިޓަލްގައި ހޭދަކުރަން ޖެހުނު ދުވަސްތަކުގައި ފަލާގެ މަންމައާއި ޝަހީމް، ތާއަބަދު ދަރިފުޅު ބެލުމުގައި ހުރެދިނެވެ. ނުސައިބާ ޔުނާލް ޢަލީ ( ޔުންނު ) އަކީ ދެމަފިރިންގެ ޙަޔާތަށް ލިބުނު އިތުރު އުފާވެރިކަމެކެވެ. ފަލާއަކީ މުދައްރިސަކަށް ވުމުން، ވިހައިގެން ލިބުނު ހަމަސް ދުވަހުގެ ޗުއްޓީގައި އޭނާ ދިޔައީ މަންމަ ކައިރިއަށެވެ. އެދެމަފިރިންނަކީވެސް ރ. ވާދޫ ސްކޫލްގެ ދެ މުދައްރިސުންނެވެ.
ދަރިފުޅު ޑޮކްޓަރަށް ދެއްކުމުގެ ޚިޔާލު
ޔުންނު ގޮވައިގެން އަލިފުށީގައި ހޭދަކުރި ދުވަސްތަކުގައި އާއިލާގެ ފަރާތުން ލިބުނު ލޯތްބަކީ ފަލާއަށް ހަނދާން ނައްތާލަން އުނދަގޫކަމެކެވެ. އެންމެންވެސް ޔުންނު ދެކެ ވަރަށް ލޯބިވެއެވެ. ޚާއްސަކޮށް ފަލާގެ ދޮށީ ދަރިފުޅު އަޔާން 10، ޔުންނުދެކެ އިންތިހާއަށް ލޯބިވާކަން އެންމެންނަށްވެސް ފާހަގަ ކުރެވެއެވެ. އާއިލާގެ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންވެސް ޔުންނުއާއި މަޖާކޮށްލާ، ސަކަރާތް ޖަހާލަން ކޮންމެ ދުވަހަކުވެސް އެގެއަށް ޒިޔާރަތްކުރެއެވެ. އެހެން އައިސް އުޅުމުގެ ތެރޭގައި ޔުންނުގެ ފައިގައި ކުޑަ އައިބުކަމެއް ހުންނަކަން އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ ފަލާގެ ބޮޑުބެދައްތަ އަށެވެ. އޭރު ތުއްތު ޔުންނުއަށް އެންމެ 4 މަހެވެ. ބޮޑުބެދައްތަގެ އެ އިޝާރާތުން ފަލާ ނުހަނު ކަންބޮޑުވިއެވެ. ނަމަވެސް އަދި ދަރިފުޅު ވަރަށް ކުޑަކަމަށާއި އަދިވެސް ތެޔޮދަމާލާ، މަސާޖް ކޮށްލުމުން އައިބުކަން ފިލައިފާނެކަމަށް ދައްތަ ބުންޏެވެ. އެހެނަސް އޭނާގެ އެ ފާހަގަ ކުރުން ވެގެން ދިޔައީ ފަލާގެ ހިތް ނުތަނަވަސްވެގެން ދިޔަ ކަމަކަށެވެ. ޔުންނުގެ ފައިގައި އައިބުކަމެއް ހުރޭތޯ އެކި ގޮތްގޮތަށް ފަޔަށް ބެލުނެވެ. އެންމެ ފަހުން ހިތަށް އުނދަގޫ ވާވަރުން ޑޮކްޓަރަށް ވެސް ދެއްކުނެވެ. ނަމަވެސް ދަރިފުޅު ރަނގަޅުކަމުގައި ޑޮކްޓަރ ބުންޏެވެ. އޭގެ ފަހުން މާލެ ގޮސް އެކްސްރޭ ނެގުމަށްފަހު، ފައިގައި އެއްވެސް މައްސަލައެއް ނެތްކަން އެމީހުން ޔަޤީން ކުރިއެވެ. އެ ދެމަފިރިންގެ ހިތަށް ތަސައްލީއެއް ލިބުނީ ދެނެވެ.
އޭގެ ދުވަސްކޮޅެއް ފަހެވެ. އަނެއްކާވެސް އެދެމަފިރިން އިތުރު ކަންބޮޑުވުމަކާއި ކުރިމަތިލާން ޖެހުނެވެ. ފިރުކޭން ޖެހޭ ދުވަސްވަރުގައި ދަރިފުޅު ފިރުކޭކަށް ނޫޅުނެވެ. ދަރިފުޅު ހެދިބޮޑުވަމުން އަންނަ ގޮތް އެންމެ ގާތުން ބަލަމުން އަންނަ މަންމައަށް މިކަމުގެ ސަބަބުން އިތުރަށް ފިކުރު ކުރަން ޖެހުނެވެ. އެހެންކަމުން އެކަމާއި ގުޅިގެންވެސް ދެތިން ޑޮކްޓަރުންނަށް ދެއްކިއެވެ. އެންމެންވެސް ދިނީ އެއް ޖަވާބެކެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އެކި ކުދިން ހެދި ބޮޑުވާނީ އެކި ވަރަށެވެ. ދަރިފުޅުގެ އެއްވެސް މައްސަލައެއް ނެތެވެ.
ޑޮކްޓަރުން އެހެން ބުނިކަމުގައި ވިޔަސް، އެމަންމަގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމަކަށް ލުޔެއް ނުލިބުނެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ފަލާގެ އިތުރުން ޝަހީމްވެސް ޤަބޫލު ކުރެއެވެ. ނަމަވެސް އެމީހުންގެ ދަރިފުޅު އަދިވެސް ޑޮކްޓަރަށް ދައްކަން ހިތް އެދެނީ ކީއްވެ ކަމެއް ޚުދު އެމީހުންނަކަށްވެސް ނޭނގެއެވެ.
" މަންމަ ވީމަ ކަންނޭނގެ އޭރު އަބަދު ހިތަށް އުނދަގޫވެފައި ހުރެވުނީ! ދަރިފުޅު ނޯމަލްއޭ ޑޮކްޓަރުން ބުނަމުން ދާއިރުގައިވެސް އަބަދުވެސް ހުރެވެނީ ބިރުން! އެހެން ކުދިންނާ ހުރިހާކަމެއްވެސް އޭރުވެސް ދަރިފުޅު އުޅުނީ ލަސްކޮށް!"
ދަރިފުޅަށް 10 މަސް ވުމާއިއެކު ހުޅުމާލޭ ހޮސްޕިޓަލަށް ދައްކައިގެން ހެދި ޓެސްޓް ތަކުން ޔުންނުއަކީ ބަލި ކުއްޖެއްކަން އެނގުނެވެ. ސިކުނޑީގެ އެމްއާރްއައި އެއް ހަދައި، އޭގެ ނަތީޖާ ޑޮކްޓަރ އެދެމަފިރިންނަށް އޮޅުންފިލުވައިދިނެވެ. އެގޮތުން އެހެން ކުދިންނަށްވުރެ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވާލެއް ލަސްވާނެ ކަމަށް ޑޮކްޓަރ ބުނެދިނެވެ. އެދުވަހަކީ އެދެމަފިރިންނަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބުނު ދުވަހެކެވެ. ނަމަވެސް ލޯބިވާ ދަރިފުޅުގެ އެއްވެސް އުނިކަމެއް ހުންނަށް އެ ދެމަފިރިން ބޭނުން ނުވާ ޙާލު އެކަމާއިވެސް ކުރިމަތިލީ ސާބިތު ކަމާއިއެކުއެވެ.
" ވަރަށް ޕޮޒިޓިވްކޮށް ވިސްނީ! ހިތަށް އެރީ އެހެން ކުދިންގެ ޕޭރެންޓުން ދަރިންނަށް ކިޔަވައިދޭން ކުރާ މަސައްކަތުގެ ޑަބަލް އަހަރެން ކުރާނަމޭ! ބޭބީ ބޮޑުވާނީ ހަމަ ރަނގަޅު ކުއްޖެއްގެ ގޮތަށޭ! ކިޔަވައިދޭން ވަރަށް މަސައްކަތް ކުރާނަމޭ! ވަރަށް މޮޅު ކުއްޖަކަށް ހަދާނަމޭ! " ޔުންނުގެ މަންމަ
ސިކުނޑީގެ އުފެދުން ލަސްވުމަކީ ކިޔެވުމަށް އެޅޭނެ ހުރަހެއްކަން ފަލާއަށް ޤަބޫލު ކުރެވެއެވެ. އެހެންކަމުން އޭނާގެ ޢަޒުމަކަށްވީ ޔުންނުއަށް އެވަރަށް މަސައްކަތްކޮށްދީގެން، ޔުންނުއަށް އިތުރަށް އެހީތެރިކަންދީގެންވެސް އެއީ މޮޅު ކުއްޖަކަށް ހަދާނެކަމެވެ.
ފަލާ އާއި ޝަހީމް ދެކުދިންނާއެކު ނަގާފައިވާ ފޮޓޯއެއް
އަސްލު ބަލި ދެނެގަތުމަށްޓަކައި ހިތްވަރު އެލުވައިނުލާ މަސައްކަތްކުރި
މާލެއިން އެކި ޑޮކްޓަރުންނަށް ދައްކައިގެންވެސް ދަރިފުޅުގެ އަސްލު ބައްޔަކީ ކޮބައިކަމެއް ދެނެނުގަނެވުނެވެ. އެ ދުވަސްވަރަކީ ކޮވިޑް ފެތުރިފައިވާ ދުވަސްވަރެވެ. އެހެންކަމުން ދަތުރު ކުރުމަކީ އުނދަގޫ ކަމަކަށް ވީ ނަމަވެސް އާއިލާގެ އެހީތެރިކަމާއިއެކު ބޭރަށް ދެވޭގޮތްވިއެވެ. އެ ދަނޑިވަޅުގައި އަޔާންގެ ހުރިހާ ކަމެއްވެސް ބަލަހައްޓައިދިނީ ފަލާގެ މަންމަކަން ޝުކުރުވެރިކަމާއިއެކު އޭނާ ބަލައިގަނެއެވެ.
އިންޑިޔާއަށް ގޮސް ފުރަތަމަ ހެދި އެއްވެސް ޓެސްޓަކުން ދަރިފުޅު ހުރީ ކޮން ބައްޔެއްކަމެއް ޑޮކްޓަރުންނަކަށްވެސް ނޭނގުނެވެ. އެހެންކަމުން ދެވަނަ ފަހަރަށް ސާމްޕަލް ނަގައި ޖަރުމަނަށް ފޮނުވައިގެން ދަރިފުޅުގެ ޓެސްޓްތައް ހެދިއެވެ. ނަތީޖާ ލިބުމުން އަލުން އަންނަން ބުނުމުންވެސް ރާއްޖެ ނައިސް، އެކި ހޮސްޕިޓަލްތަކުން، ތަފާތު ޑޮކްޓަރުންނަށް ދެއްކުމުގައި، އެ ދެމަފިރިން ދުވަސްތައް ހޭދަކުރީ ފޫހިކަމެއް، ވަރުބަލިކަމެއް ނެތިއެވެ. އެހެން އުޅުމުގެ ތެރޭގައި، ދަރިފުޅުގެ ހުރި ޢަލާމާތް ތަކަށް ބަލާފައި ބައެއް ޑޮކްޓަރުން 3 ބައްޔަކަށް ޝައްކު ކުރިއެވެ. ނަމަވެސް އެއީ އެތަނުންވެސް ކޮން ބައްޔެއްކަމެއް އެއްވެސް ޑޮކްޓަރަކަށް ޔަޤީންކޮށެއް ނުދެވުނެވެ.
އެދުވަސްވަރު، ފަލާގެ ކަމަކީ އަބަދާއިއަބަދު އިންޓަރނެޓުން އެ ބަލިތަކާއިބެހޭ މައުލޫމާތު ހޯދުމެވެ. އޭގެ ފަރުވާ އާއި ފަރުވާ ލިބޭނެ ހޮސްޕިޓަލްތައް ހޯދުމެވެ. ކެެއުމެއް ބުއިމެއް، އަދި ނިދުމެއްވެސް ނެތި، އެދެމަފިރިން މަސައްކަތް ކުރަމުން ދިޔައީ އެދަރިފުޅުގެ ޙައްޤުގައެވެ. ކެނޑިނޭޅި ދުޢާ ކުރަމުން ދިޔައީ އަލިމަގެއް ދައްކަވާތޯއެވެ. އަދި ދަރިފުޅަށް ވަމުންދާގޮތް ދެނެގަނެވޭނެ ޑޮކްޓަރަކާއި ބައްދަލްވޭތޯއެވެ.
"ބައެއް ރޭރޭ ނިދަން ވީމަ ހަނދާންވަނީ ހެނދުނު ސައިނުބޮއިކަން މިއުޅެނީ! އަބަދުވެސް ވެބްސައިޓްތައް ބެލެނީ! ޔުންނުއަށް ޝައްކު ކުރި 3 ބައްޔަކީވެސް ފަރުވާ ލިބެން ހުރި ބަލިތައް! އެހެންވެ، ކޮންމެވެސް ވަރެއްގެ ލުޔެއް ހިތަށް ލިބުނު! ދުނިޔޭގެ ކޮންމެ ތާކުން ފަރުވާ ކުރަން ޖެހުނަސް، ކޮންމެ ޙާލެއްގައިވެސް އެތާކަށް ދާނަމޭ ހިތަށް އެރި! ދަރިފުޅު ރަނގަޅު ކުރަން މަސައްކަތް ކުރާނެކަމުގެ ޢަޒުމްގައި ވަރަށް ހިތްވަރު ކޮށްގެން ހުރީ!" ފަލާ ބުންޏެވެ.
ޖަރުމަނުން ހެދި ޓެސްޓް ތަކުގެ ނަތީޖާއިން ނޭވާ ހުއްޓުނުފަދަ!
ބަލީގެ އަސްލު ދެނެގަނެވުނީ ޖަރުމަނުން ލިބުނު ނަތީޖާއިންނެވެ. ޓެސްޓްތަކުގެ ނަތީޖާ މެއިލް ކުރާނެކަމަށް ބުނުމުން ކޮންމެ ދުވަހަކުވެސް ފަލާ ދިޔައީ މެއިލް ޗެކް ކުރަމުންނެވެ. އެންމެ ފަހުން ނަތީޖާ ފޮނުވައިފިއެވެ. ރިޕޯޓް ބެލީ ދެމީހުން އެކުގައި ތިބެގެންނެވެ. ލޮލުގެ ނޫރު ފަދަ ލޯބިވާ ދަރިފުޅު ޕޮޒިޓިވް ވެފައި ވަނީ މީގެ ކުރިން ދުވަހަކުވެސް އަޑުނާހާ ބައްޔަކަށެވެ. އެއީ މީގެ ކުރިން ދެއްކި ޑޮކްޓަރުން ޝައްކު ކޮށްފައިވާ ބައްޔެއްވެސް ނޫނެވެ. ތެޅިތެޅި އޮތް ހާސް ހިތަކައިގެން ފަލާއަށް އެންމެ ފުރަތަމަވެސް ގޫގުލްގައި ސަރޗް ކޮށްލެވުނީ އެބަލީގެ އެއްވެސް މައޫލޫމާތެއް ނޭނގޭތީއެވެ.
" ސަރޗް ކޮށްލުމުން ފުރަތަމަ އަރޓިކަލްގައިވެސް އޮތީ އެއީ ފަރުވާއެއް ނެތް ބައްޔެކޭ! އަދި ތުއްތު ކުދިން އެބަލީގައި ދުނިޔޭގައި ހުންނާނީ ގިނަވެގެން 3 އަހަރު ދުވަހޭ! "
ޤަބޫލުކުރަން ދަތިވިއެވެ. ޤަބޫލުކުރަން ބޭނުމެއްވެސް ނުވިއެވެ. އެދެމަފިރިންނަށް ކުރިމަތި މިކުރުވީ ކޮންފަދަ ބޮޑު އިމްތިޙާނެއްތޯއެވެ؟ އެ ލޯބިލޯބި މައުޞޫމް ދަރިފުޅަށް ބާކީ އޮތީ ހަމަ އެންމެ ދެއަހަރުތޯ އަމިއްލަ ނަފްސާ، ފަލާއަށް ސުވާލުކުރެވުނެވެ. މޫނުގައި ބޮސްދެމުން، ހެއްވަމުން އުނގުތެރޭގައި ގެންގުޅުނު، އެ ދަރިފުޅުގެ ނިމުން އެހާ ކައިރިތޯ ޝަހީމްއަށްވެސް އަހާލެވުނެވެ. އެހާ ލޯބިން ގެންގުޅުނު ދަރިފުޅު ބީވެދާކަށް ފަހަރެއްގައިވެސް އެދެމަފިރިން ބޭނުމެއް ނޫނެވެ. މައިންވަންތަކަމުގެ ލޯބިން ހިތް ފުރި ބަންޑުންވަމުންދާ ފަލާއަށް، ދަރިފުޅަށް ބަލައިލެވުނީވެސް ދުވަހަކުވެސް ވަކިވާން ބޭނުން ނުވާފަދަ ގޮތަކަށެވެ.
އެދުވަހު ފަލާ އެންމެ ފުރަތަމަވެސް ގުޅީ އޭނާގެ ދޮންތައަށެވެ. އަދި ރިޕޯޓްގެ ވާހަކަތައް ހިއްސާކުރިއެވެ. އާއިލާގެ ފަރާތުން ލިބުނު އޯގާތެރި ބަސްތަކުން އެންމެވެސް އެމީހުންނާއި އެކުގައި ވާކަން އިޙްސާސް ކުރެވުނެވެ. އެހެންކަމުން ދެންވެސް ހިތްވަރާއިއެކު އެމީހުން މަސައްކަތް ފެށީ ޑޮކްޓަރަށް ދެއްކުމަށެވެ. އިންޑިޔާއިންވެސް ގިނަ ޑޮކްޓަރުން އެބަލި ދިރާސާ ކުރީ އެމީހުންގެ ހާޟިރުގައި އިންޓަރނެޓުންނެވެ. މިއީ ވަރަށް މަދުން ނޫނީ، ނުފެންނަ ބައްޔެއް ކަމަށާއި ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމުގައި ޑޮކްޓަރުން ބުންޏެވެ.
ސޭންޑްހޮފް ނަމަކަށް ކިޔާ މި ބައްޔަކީ ސިކުނޑިއާއި ސްޕައިނަލް ކޯޑްގެ ނާރުތައް ހަލާކުކޮށްލާ ބައްޔެކެވެ. މީގެ އިތުރުން ތުއްތު ކުދިންނަށް މި ބަލި ޖެހުމުން ހަށިގަނޑުގެ މަސްތަކުގެ ބާރުދޫވެ، އަދި ގުނަވަންތަކަށް ތަފާތު މައްސަލަތައް ދިމާވުމުގެ އިތުރުން އުފެދުމުގައި ވަރަށް ބޮޑަށް ލަސްކަމެއް އާދެއެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުން މިބަލި ޖެހޭ ތުއްތު ކުދިން ދުނިޔޭގައި ހުންނާނެ ކަމަށް ލަފާ ކުރެވެނީ އެންމެ ގިނަ ވެގެން ގާތް ގަނޑަކަށް 3 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ދަރިފުޅަށް ލުޔެއް ލިބޭނެ ގޮތެއް ހޯދުމަށް ރެޔާ ދުވާލު މަސައްކަތްކުރި
އުނގުގައި ލޯބިކޮށް ނިދާލާފައި އޮތް ތުއްތު ދަރިފުޅު ހަނގުރާމަ ކުރަމުން މިދަނީ މިފަދަ ނުރައްކާތެރި ބައްޔަކާއިއެކުގައިކަން އެނގުމުން ކެތްކުރެވޭނީ ކޮން މަޔަކަށްތޯއެވެ؟ ހިތްވަރު ކުރެވޭނީ ކޮން ބަފަޔަކަށްތޯއެވެ؟ ދަރިފުޅުގެ އެންމެ މަޖާ ޢުމުރުގައި އެފަދަ ވޭންތަކެއް ތަޙައްމަލް ކުރާތަން ދެކެން އެމީހުންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ.
" ފަރުވާއެއްނެތް ބައްޔެކޭ ކިޔާފައި، ދަރިފުޅަށް ވާނެ ގޮތެއްވާން ދޫކޮށްލެވޭނީ ކިހިނެއް؟ ލޯ ކުރިމަތީގައި މަރުވާން ދޫކޮށްލެވޭނީ ކިހިނެއް؟ އުރާލާ، ބައްދާލެވޭ ކޮންމެ ފަހަރު ހިތަށް އަރާ މިދަރިފުޅު އަހަންނަށް ގެންގުޅެން ލިބޭނީ ކިހާ ދުވަހަކަށް ބާއޭ؟ އެކަން ބަދަލެއް ނުވާނެބާއޭ؟ " ފަލާ
ދަރިފުޅު ދުނިޔޭގައި ހުންނާނީ 3 އަހަރު ދުވަހޭ ބުންޏަސް، މާމަތިވެރި ފަރާތެއް ވާކަމާ، އެންމެ ސިކުންތަކުންވެސް ޙާލަތު ބަދަލު ކުރައްވަފާނެކަން އެދެމަފިރިން ހިތުގެ އަޑިން ޤަބޫލު ކުރިއެވެ. އެހެންކަމުން ރެޔާ ދުވާލު ދުޢާ ކުރީ ފުރިހަމަ އިތުބާރާއިއެކުއެވެ.
"ސޭންޑްހޮފް" ބަލި ތަޖުރިބާ ކޮށްފައި ހުރި އެއްވެސް އާއިލާއެއް ހުރިތޯ ފަލާ، ސޯޝަލް މީޑިއާގައި ދަރިފުޅުގެ ވާހަކަ ހިއްސާކުރިއެވެ. އެގޮތުން އޮސްޓްރޭލިޔާގެ އަންހެނެއް އޭނާއާއި ދިމާވިއެވެ. އެއީ އެބަލި ތަޙައްމަލް ކުރި ކުއްޖެއްގެ މަންމައެވެ. އޭނާ މެދުވެރިވެގެން " ސޭންޑްހޮފް ކޮމިޔުނިޓީ އެންޑް ރެއަރ ޑިސީސް ފައުންޑޭޝަން" އިން ފަލާއަށް ޔުންނު ގެންގުޅެންވީ ގޮތް އެނގެން ފެށިއެވެ. އަދި އެކަމާ ގުޅޭ ޑޮކްޓަރުންނާއި ކޮންޓެކްޓް ކުރެވި، ދަރިފުޅަށް ދެވޭނެ ސަޕޯޓިވް ފަރުވާތައް އަމިއްލައަށް ދޭން ފެށީ ދަރިފުޅުގެ ގައިގައި އަޅަމުންދާނެ ވޭންތަކަށް ލުއި ހޯދައި ދިނުމަށްޓަކައެވެ.
ދަރިފުޅުގެ ޙާލަތު ދަށަށް ދާން ފެށުން
ތުއްތު ޔުނާލް، މަންމައަށް ބަލައި ހީލާ އުޅުނު ދުވަސްތައް ފާއިތުވެއްޖެއެވެ. ބައްޕަ ފެނުމުން ބައްޕައާއި މަޖާކޮށްލާހިތުން، ސަކަރާތްޖެހި ވަގުތުތައް މާޒީވެއްޖެއެވެ. ބަލަބަލާ ތިއްބާ، ދަރިފުޅު ބަލިވާން ފަށައިފިއެވެ. އޭރު ދަރިފުޅަށް ވީ އެއް އަހަރާ ދެމަހެވެ. ހަށިގަނޑުގެ މަސްތަކުގެ ބާރު ދޫވާން ފެށިއެވެ. އެކަމުގެ ސަބަބުން ދަރިފުޅުގެ ގައިގައި އަޅަމުންދާ ވޭން ފެނި، މައިލަގޮނޑިއަކަށް ކެތެއް ނުކުރެވުނެވެ. އެ ތުއްތު ދަރިފުޅަށް ކުޑަނަމަވެސް ލުޔެއް ދެވޭތޯ ފަލާ އާއި ޝަހީމް ކޮންމެ ދުވަހަކު ހެނދުނު ދަރިފުޅު މޫދަށް ގެންދިޔައެވެ. ފަހުން ޑޮކްޓަރުން އެހުރިހާ ކަމެއް މަނާ ކުރީއެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދަރިފުޅަށް ނުކެވެން ފެށިއެވެ. އެއްވެސް ވަރަކަށް ކާއެއްޗެއް ނުވެސް ދިރުނީއެވެ. އެކަމުގެ ސަބަބުން ދަރިފުޅު ބަނޑުހައިވާވަރު ފަލާއަށް އިޙްސާސް ކުރެވެއެވެ. ނުކެވޭތީވެ ދަރިފުޅު އޮތީ ހުސް ދިޔާ އެއްޗެހީގެ ވަރުގައެވެ. ވަރުދެރަވެ، އެ ކުޑަކުޑަ ހަށިގަނޑު ނިކަމެތި ވާންފެށީވެސް ނުހަނު އަވަހަށެވެ. އެންޖީ ޓިޔުބް ލައްވައިގެން ކާންދޭން ފެށުމުގެ ސަބަބުން ހަޖަމް ވުމާއި އެހެނިހެން މައްސަލަތައް ކުރިމަތިވާން ފެށިއެވެ. ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ ހިތުގައި ކިހާ ވޭނެއް އަޅާނެ ހެއްޔެވެ؟ ފުރާނަ ފަދައިން ލޯބިވާ ދަރިފުޅު، ދުވަހެއް ދުވަހަކަށް ލޯ ކުރިމަތީގައި އޮވެ، ދަށްވަމުން ދަނީއެވެ. ފަހުން ފަހުން އައިސް އޮކްސިޖަން ނުހިފަހައްޓާ ދަރަޖައަށްވެސް ދިޔައެވެ. އެހެންކަމުން ވަރަށް ގިނަ ފަހަރު ދަރިފުޅު އެޑްމިޓް ކުރަންވެސް ޖެހުނެވެ.
ޔުއްނު، މާމައާއެކު
ދަރިފުޅުގެ ފަހު ދުވަސްކޮޅު ދެމަފިރިން ދެއްކި ހިތްވަރު!
ފާއިތުވަމުންދާ ކޮންމެ ދުވަހަކީ އެދެމަފިރިންނަށް ހިތްދަތި ދުވަހެކެވެ. އެކަކުއަނެކަކުގެ ފަރާތުން ހިތްވަރު ހޯދައިގެން ދަރިފުޅާއިއެކު ވަގުތު ހޭދަކުރަމުން ދިޔައެވެ. އާދުވަހަކަށް އިރު އެރުމާއިއެކު، ގެއްލިގެން ދަނީ ދަރިފުޅުގެ ޙަޔާތުން އަގުހުރި ދުވަހެކޭ ބުނެވެއެވެ. އެއާއިއެކު ނަފްސާނީ ގޮތުން ދެމީހުންވެސް ބަލިކަށިވާން ފެށިއެވެ. ނަމަވެސް ނަމާދާއި ދުޢާއިން ހިތްވަރު ހޯދަމުން ދިޔައީ ދަރިފުޅަށްޓަކައެވެ. ދަރިފުޅުގެ ކުރިމަތީގައި ނުރޮއި ވޭތޯ މަސައްކަތްކުރިއެވެ. ވީހާވެސް ލޯބިން ގެންގުޅެވޭތޯ ހީ، ސަކަަރާތް ޖަހާ ހެދިއެވެ. ދަރިފުޅަށް ދެމީހުންގެ ލޯބި އެންމެ ފުރިހަމައަށް ދެވޭތޯ ހިތްވަރާއިއެކު ވަގުތު ހޭދަކުރިއެވެ.
ފަލާ ސްކޫލަށް ނިކުންނަން ފެށީވެސް، ނަފްސާނީގޮތުން ދުޅަހެޔޮކަންމަތީގައި ހުންނަން ބޭނުންވާތީއެވެ.
" ހިތަށް އެރީ އަޅުގަނޑު ރަނގަޅަށް ހުރެގެންނޭ ދަރިފުޅުވެސް ބެލޭނީ! އެހެންވެ ޖޮބަށް ނިކުތީ! އެކަމަކު ކޮންމެ ދުވަހަކުވެސް ހަމަ ގެއަށް އަންނަން ޖެހޭ! ފިރިމީހާގެ ދައްތަ އާއި ފަހަރީގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން އަޅުގަނޑު އެ އަހަރު ވަޒީފާއަށް ދިޔައީ! "
ސްކޫލުން ގެއަށް އައިސްވެސް ބޭރަށް ނުގޮސް އަބަދުވެސް ފަލާ ވަގުތު ހޭދަކުރީ ދަރިފުޅާއި އެކުގައެވެ. ފަހުން ފަހުން އައިސް އޭނާއަށް ނިދަންވެސް އުނދަގޫވާން ފެށިއެވެ. ލޯ މަރާލެވުނަސް ނިދި ދާނެތީ ބިރުގަނެއެވެ.
" ނިދަން އޮންނައިރުވެސް ހިތަށް އަރާ ހޭލެވޭއިރު، ދަރިފުޅު އޮންނާނެބާއޭ؟ " އެފަދައިން ހިތަށް އަރާ ކޮންމެ ފަހަރަކު، އޭނާގެ ދެލޯ ކަރުނައިން ތެންމާލައެވެ. ކެތްކުރަން ބޭނުން ވިޔަސް ކެތްތެރިކަން ކޮޅުންލައިގެން ދެއެވެ. ދާދި ގާތުގައި ދަރިފުޅު ބާއްވައިގެން އޮންނަނީ ދުވަހަކުވެސް ވަކިކުރަން ބޭނުން ނުވާ ޙާލުގައެވެ.
ދަރިފުޅުގެ ވަކިވުން
ނިކަމެތި ވެފައިވާ ހަށިގަނޑު ފެނި، ލޮލުގައި ކަރުނަ ހިފަހައްޓާލެވެނީ ކެތްތެރިކަން އިސްކުރަން ބޭނުންވާތީއެވެ. ދަރިފުޅު ނޭވާ ލަމުންދާއިރު، ހަށިގަނޑަށް އުނދަގޫތަކެއް ވާކަން، ބަލަން ހުންނަ ކޮންމެ މީހަކަށްވެސް ފާހަގަ ކުރެވޭނެއެވެ. ނަމަވެސް އެރޭ އާދަޔާ ޚިލާފަށް ދަރިފުޅަށް ފަސޭހަކަން ފަލާއަށް އިޙްސާސް ކުރެވުނެވެ. ދަރިފުޅުގެ ހަށިގަނޑަށް އަރާމުވެފައި އޮންނަހެންވެސް އޭނާއަށް ހީވިއެވެ. ނިދާލާފައި އޮތް އިރު، އެހެން ރޭރެޔަށްވުރެ އުޖާލާހެންވެސް ހީވިއެވެ. އެރޭ އޭނާއަށް އައު އުއްމީދެއްވެސް ކުރެވުނެވެ. ދަރިފުޅު ރަނގަޅުވަނީކަމުގައި ހީކުރެވުނެވެ. ފަލާގެ މަންމަ ގުޅުމުން، ދަރިފުޅު މިރޭ ވަރަށް ރަނގަޅު ކަމަށާއި ރަނގަޅުވަމުން އަންނަނީކަމަށް އުއްމީދު ކުރެވިއްޖެކަމަށްވެސް މަންމަގާތު އޭނާއަށް ބުނެވުނެވެ. ނަމަވެސް އޭނާގެ ހީކުރުން ވެގެން ދިޔައީ ކުށްހީއަކަށެވެ. އެރޭ އެ އަރާމުގައި، އެ ފަސޭހަކަމުގައި ނިދާލާފައި އޮތް ތުއްތު ދަރިފުޅު ތާއަބަދަށް އޭނާ އާއި ވަކިވީއެވެ. އަމާނާތުގެ ވެރި ރައްބު، އެ އަމާނާތް ގެންދެވީއެވެ. އޭރު ދަރިފުޅުގެ އުމުރުން 3 އަހަރާއި 3 މަހެވެ.
ޔުންނުއަކީ ފަލާއާއި ޝަހީމްގެ ޙަޔާތަށް ލިބުނު ކުޑަ ދުވަސްކޮޅެއްގެ މެހެމާނެކެވެ. އެލޯބި ހިނިތުންވުމާއި އެ އިޙްސާސްތައް އެދެމަފިރިންގެ ހިތުން ފިލައިގެން ނުދެއެވެ. ހީވަނީ އަބަދުވެސް ގާތުގައި ވާހެންނެވެ.ކެތްތެރިވުމާއި ހިތްވަރުކުރަން އެ ދެމަފިރިންނަށް ދަސްކޮށްދިނީ އެތުއްތު ދަރިފުޅެވެ. އެދެމަފިރިން ދެކެނީ ޔުންނުއަކީ އެމީހުންނަށްޓަކައި ދެއްވި ރަޙްމަތެއްކަމުގައެވެ. ހިތް ދަތިވާ ކޮންމެ ފަހަރަކުވެސް މި ދެމަފިރިން ކެތްތެރިވަނީ މިފަދައިން ވިސްނުން ބަހައްޓައިގެންނެވެ. ދަރިފުޅުގެ އެންމެ ބަލި، އެންމެ ވޭނީ ދުވަސްތައް ހަނދާންވާ ކޮންމެ ފަހަރަކު، ހިތާއި ނަފްސުވެސް ކޮންޓްރޯލް ކުރަން އުނދަގޫވެއެވެ. ޙަޔާތުގެ އެންމެ ފަހު ދުވަަސްތައް ދަރިފުޅު ހޭދަ ކުރަމުން ދިޔައިރު، އޮތް ޙާލު ފޮޓޯއަކުން ފެނުނަސް، ކަރުނަ ހިފަހައްޓާލަން އެދެމަފިރިންނަށާއި އެ އާއިލާގެ އެންމެންނަށްވެސް އުނދަގުލެވެ. އެހެންކަމުން ފަލާ އާއި ޝަހީމް ހަމައެކަނި ހަނދާން ކުރަން ބޭނުންވަނީ އެދަރިފުޅުގެ ފޮނިފޮނި ހަނދާންތަކެވެ. އެ މައުސޫމުކަމެވެ. އަދި އެ ލޯބި ހިނިތުންވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!