ޓައިޓޭނިކް އަޑިއަށް ދިޔަ ސަރަހައްދަށް ޑައިވްކުރި ސަބްމެރިންއެއް ގެއްލިގެން އެ ސަބްމެރިން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.
ޕައިލެޓަކާއި ހަތަރު ފަސިންޖަރުންނާ އެކު, ޓައިޓޭނިކް އަޑިއަށް ދިޔަ ސަރަހައްދު ބަލަން ޑައިވްކުރި އެ ސަބްމެރިން ގެއްލުނީ ޑައިވްކުރިތާ ދޮޅު ގަޑިއިރު ފަހުން އިއްޔެގެ ވަގުތެއްގައި ކަމަށް މިޑީޔާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ސަބްމެރިން އެ ސަރަހައްދަށް ދިޔައީ ކެނެޑާގެ ބޯޓަކާ އެއްކޮށެވެ. މި ހާދިސާގައި ގެއްލިފައިވާ މީހުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ބިލިއަނަރާއި ޕާކިސްތާނުގެ ވިޔަފާރިވެރިއަކާއި އޭނާގެ ދަރިފުޅު ވެސް ހިމެނެ އެވެ.
އެ ސަބްމެރިން ހޯދުމަށްޓަކައި ކެނެޑާ އާއި އެމެރިކާގެ ބޯޓުތަކާއި މަތިންދާބޯޓުތައް ގާތްގަނޑަކަށް 900 މޭލުގެ ސަރަހައްދެއް މިހާތަނަށް ވަނީ ބަލައިފަ އެވެ.
"މިހާ ދުރު ސަރަހައްދެއް ބަލައިފާސް ކުރުމަކީ ގޮންޖެހުމެއް،" އެމެރިކާ ކަނޑުގެ ސިފައިންގެ އިސްވެރިއަކު ވިދާޅުވި އެވެ.
ސަބްމެރިން ހިންގާ އަމިއްލަ ކުންފުނި އޯޝަންގޭޓް އެކްސްޕެޑިޝަންސް އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގެއްލުނުމީހުން ސަލާމަތް ކުރުމަށް "ހުރިހާ ވަސީލަތެއް މޮބިލައިޒް ކުރަމުން" ކަމަށެވެ.
ގެއްލުނު މީހުން ތެރޭގައި އިނގިރޭސިވިލާތުގެ ބިލިއަނަރު ހާމިޝް ހާޑިންގް ވެސް ހިމެނޭ ކަމަށް ގާތް މީހެއްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވެ އެވެ. އަދި ޕާކިސްތާނުގެ ވިޔަފާރިވެރިޔާ ޝަހުޒާދާ ދާއޫދާއި އޭނާގެ ދަރިފުޅު ސުލޭމާން ވެސް ބޯޓުގައި ތިބި ކަމަށް އެމީހުންގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ދާއޫދު އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބައްޕައާއި ދަރިފުޅު ރާވާފައި ވަނީ ޓައިޓެނިކް ބޯޓު އަޑިއަށް ދިޔަތަން ބަލާލައި, ދިރާސާކޮށްލަން ކަމަށެވެ. ސަބްމެރިންގައި އެތަނަށް ޑައިވްކުރެވެނީ މީހަކަށް 250,000 ޑޮލަރު ދީގެންނެވެ.
ކުރިން ދުނިޔޭގެ އެންމެ ބޮޑު ބޯޓު ކަމަށްވި މަޝްހޫރު ޓައިޓޭނިކް އަޑިއަށް ދިޔައީ 1912 ވަނަ އަހަރު ފުރަތަމަ ދަތުރުގައި ގަނޑު ފެންގަނޑެއްގައި ޖެހިގެންނެވެ. އެ ހާދިސާގައި 1500 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. މި ހާދިސާއަށް ބިނާކޮށް, 1997 ވަނަ އަހަރު ފިލްމެއް ވެސް ހެދި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!