ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރިކަމަށް ގުހުމަތުކުރެވޭ މައްސަލަތައް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އޮފީހުން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސްވަރު މަތިން ޖިންސީ އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރިކަމަށް ގުހުމަތުކުރެވޭ މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިން އެ އޮފީހަށާއި ފުލުހުންނަަށް ފޮނުވަމުންދިޔަ ސިޓީތަކާއި ގުޅިގެން އެ މީހުންނާއި ޕީޖީ އޮފީހުން ބައްދަލުކޮށް މައްސަލަ ކުރިޔށް ގެންދިއުމާއި ގުޅޭ ގޮތުން ދެކޭ ގޮތް ސާފުކޮށްފައިވާނެ ކަމަށެވެ.

Ad
rt

އެމީހުންގެ ހެކި ބަހާއި ނުލާ މައްސަލަ ކުރިޔަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ވެސް ބަލައި ދިރާސާ ކޮށްފައިވާ ކަމަށާއިި މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށެވެ. އެހެންވެ، އެ ހެކިންގެ ހެކިބަހާއި ނުލާ މައްސަލަ ސާބިތު ކުރެވިދާނެ އެއްވެސް މަގެއް ނެތުމުން އަލީ ވަހީދަށް ކުރާ ދައުވާތައް ކުރިޔަށް ނުގެންދިއުމަށް ނިންމާ މައްސަލަ އަކީ އަލުން އަނބުރާ ފޮނުވާލާފައިވާ މައްސަލައެއްގެ ގޮތުގައި 6 ޖޫން 2023 ގައި ކަނޑައަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލަ އަލުން ހުށަހެޅުމަށް ފުލުހުންނަށް އަނބުރާ ފޮނުވާލިފަހުން މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހްގީގަށް ބަޔާންދީފައިވާ މީހުން މި މައްސަލަ ކުރިޔަށް ގެންދަން ބޭނުން ނުވާކަން ބަޔާންކޮށް ފުލުހުންގެ އިދާރާ އާއި ޕީޖީ އޮފީހުގައި ވެސް އެދިފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މުހިންމު ހެކިން ކުރިން ތަހުގީގަށް ދީފައިވާ ބަޔާންތައް އަލުން އަނބުރާ ގެންދިއުމަށް ބޭނުންވާކަމަށްބުނެ ފުލުހުންގެ އިދާރާއަށް ތަކުރާރުކޮށް ސިޓީފޮނުވަމުން ގެންދާތީ އެ މައްސަލަ މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީހުގައި ފުލުހުން އެދިފައިވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އެކި ދުވަސްވަރު މަތިން އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާއާއި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި، ރޭޕް ކުރަން އުޅުމާއި، ޖިންސީ އަނިޔާ ކުރުމާއި، ޖިންސީ ގޯނާ ކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާ ކުރުމަށް ޕީޖީ އޮފީހުން ފޮނުވާފައިވަނީ 18 ނޮވެމްބަރު 2020 ގައެވެ.

މި މައްސަލައާއި ގުޅިގެން އަލީ ވަހީދަށް ރައްދުވާގޮތަށް ޕީޖީ އޮފީހުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައަކާއި ގުޅިގެން އަލީ ވަހީދު ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ އެ ކޯޓުން ވަނީ އަލީ ވަހީދު 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ދައުވާތަކުގެ އަޑުއެހުންތައް ހިނގަމުންދަނިކޮށް، އޭނާ ރާއްޖޭން ބޭރަށް ދިއުމަށްފަހު އެނބުރި އަދިވެސް ނާދެއެވެ. އަދި ކޯޓަށް ހާޒިރުކުރެވޭ ގޮތް ނުވުމުން 22 ސެޕްޓެމްބަރު 2022 ވަނަ ދުވަހު ކޯޓުން މައްސަލަ އަލުން ޕީޖީ އޮފީހަށް ވަނީ ފޮނުވާލާފައެވެ.