ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް ތައާރަފްވިފަހުން މިހައިތަނަށް ޓެސްޓު ނުކުރެވި އޮތް ޖުމްހޫރީ ފިކުރަށް މިފަހަރު ފުރުސަތު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ޖޭޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ގާސިމް ވިދާޅުވީ އެމް.ޑީ.ޕީ އާއި ޕީޕީއެމް ވެސް ދިވެހި ރައްޔިތުން ތަޖްރިބާ ކޮށްފައިވާ ކަމަށާއި މިހައިތަަނަށް ޓެސްޓް ނުކުރެވި އޮތް ސިޔާސީ ފިކުރަކީ 2008 ގެ ފަހުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވެރިކަމަށް ގެނައުމުގައި އެންމެ ބޮޑަށް އެހީތެރި ވި ޖުމްހޫރީ ފިކުރު ކަމަށެވެ.

އެފިކުރަކީ މިއަދު ރާއްޖެ އަމަލުކުރާ ގާނޫން އަސާސީ އާއި ވެރިކަމުގެ ނިޒާމްގެ އިންތައް ކަނޑައެޅުމުގެ މޭސްތިރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވުޖޫދުކުރި ފިކުރު ކަމަށާއި އެފިކުރަކީ ދިވެހި ޒުވާނުންނާ ހަރު މީހުން ބޭނުންވި އިސްލާޙުތައް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި އެންމެ ބޮޑެތި ރިސްކްތައް ނެގި ރިފޯމިސްޓުންގެ ފިކުރު ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން އެއީ ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި ތަރައްގީގެ ފިކުރު ކަމަށާއި އެހެންކަމުން ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ވެރިކަމުގެ މޫރިތިކަން ހަގީގީ މާނައިގައި ދެކިވަޑައިގަންނަވަން ބޭނުންފުޅުވާނަމަ އެފުރުސަތު އެމަނިކުފާނަށާއި ޖުމްހޫރީ ޕާޓީއަށް ދެއްވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

ގާސިމް ވިދާޅުވި ޖުމްހޫރީ ފިކުރުގައި، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންގެ ހާސްކަން ފިލުވާލާ ރައްޔިތުންނަށް ހަމަޖެހުން ގެނެސްދިނުމަށް ދިވެހީން ދުވަހަކު ވެސް ދެކެފައިނުވާފަދަ އިންގިލާބީ ބަދަލުތައް ރާއްޖެއަށް ގެނައުމަށްޓަކައި ވަރަށް ތަފްސީލީ މެނިފެސްޓޯއެއް އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން 22 ކަމެއްގެ މައްޗަށް އަލިއަޅުވާލާފައިވާ މެނިފެސްޓޯއެއް ރޭ ވަނީ އިފްތިިތާހުކޮށްފައެވެ.

ގާސިމަށް ރިޔާސީ ޓިކެޓު އެރުވުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމަނިކުފާނަށް ޓިކެޓު އަރުވާފައިވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފްއެވެ.

ރިޔާސީ ޓިކެޓުގެ ގޮތުގައި ރާއްޖޭގެ ގާނޫނުއަސާސީ އާއި ޓިކެޓުގެ ސިފައިގައިވާ ފަތްކޮޅެއް ގާސިމަށް އަރުވާފައިވާއިރު، ގާސިމްގެ ކެމްޕެއިންގެ ޝިއާރަކަށް "ހާސްކަނޑާލާ، ހަމަޖެހޭނެ" ވަނީ ކަނޑައަޅާފައެވެ. އަދި ކެމްޕެއިންގެ ރަސްމީ ލަވަ ވެސް ވަނީ އިފްތިތާހުކޮށްފައެވެ.