އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ 19 ރަށެއްގައި ލައިފްގާޑުންގެ ޚިދުމަތްދޭން ފަށާނެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވެއްޖެއެވެ.

އައްސަދު ރިޒާ އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ލޯކަލް ޓޫރިޒަމް ފުޅާ ކުރުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މީގެ އިތުރުން ފަތުރުވެރިންނަށް ދިމާވާ އެކިއެކި ޙާދިސާތައް މަދު ކުރުމަށް އެފަރާތުން ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

Ad
rt

އެގޮތުން މި މަހުގެ ތެރޭގައި ބޭނުންވާ ނެސެސަރީ ޓްރެއިނިންގ ކޯސްޓްގާރޑުގެ ބެލުމުގެ ދަށުން ދީފައި އެފަރާތުގެ ޓާގެޓަކީ މިމިފެށޭ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެތެރޭގައި 19 ރަށެއްގައި ލައިފްގާޑުން ބޭތިއްބުން ކަމަށް އަސައްދު ވަނީ ބުނެފައެވެ.

އައްސަދު އިތުރަށް ވިދާޅުވީ، ލަައިފް ގާޑުން ބެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށާއި، ފަށައިގަންނައިރު ކޮންމެ ލައިފްގާޑަކަށްވެސް މުސާރައިގެގޮތުގައި 10،000 ރުފިޔާ ދޭނެކަމަށެވެ. ލައިފްގާޑުން ހޮވުމުގައި މަސައްކަތަށް ޤާބިލު ފަރާތެއް އިޚުތިޔާރުކުރުމުގެ އިތުރުން، މިނިސްޓްރީގެ ވިސްނުން ހުރީ އެރަށަކަށް ނިޞްބަތްވާ ބޭފުޅަކު އެރަށެެއްގެ ގާޑެއްގެ ގޮތުގައި ހަމަޖެއްސުމަށްކަމަށް އައްސަދު ވިދާޅުވިއެވެ.

19 ރަށެއްގައި ލައިފްގާޑުން ބޭތިއްބުމަށް ހަމަޖެހިފައިވާއިރު އެ ރަށްރަށުގެ ތަފުޞީލެއް އަދި ހާމަ ކޮށްފައެއްނުވެއެވެ.

ފަތުރުވެރިންނަށް ދިމާވާ ޙާދިސާތައް ތަކުރާރުވަމުންދާތީ، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދަނާކޮށް، އެފަދަ ޙާދިސާތައް މަދު ކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.