22 ރަށަކަށް ކުނި މެނޭޖުކުރާ އާލާތްތައް ފޯރުކޮށްދިނުން ސްރީލަންކާ ކުންފުންޏަކަށް ހަވާލުކޮށްފިއެވެ.
ލަންކާގެ ކުންފުންޏެއް ކަމަށްވާ ސޯ އިނޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މ، ފ، ދ، ތ އަދި ލ އަތޮޅުގެ 22 ރަށަކަށް ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރާ އިކުއިޕްމަންޓް ފޯރު ކޮށްދިނުމުގެ މަސައްކަތެވެ.
އެންވަޔަރްމެންޓް މިނިސްޓްރީގައި މއިަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިމިނަތު ޝަޢުނާ އެވެ. ސޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ބަނޑުލަ ޖަޔަރަތުނަ އެވެ.
މި އެއްބަސްވުމުގެ ދަށުން އެ 22 ރަށަށް، ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ މަލްޓި-ޕަރޕަސް މިނީ ބޭލަރ، ސިންގަލް ފީޑް ގްލާސް ބޮޓަލް ކްރަޝަރ، ކުނި ކަލެކްޓުކުރުމަށް ބޭނުންކުރާނެ އެކި ވަރުގެ ޑަސްބިން، ޕީ.ޕީ.އީ ކިޓު އަދި އެހެނިހެން ބައެއް އާލާތްތައް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫޢުތައް ނިމިގެންދާއިރު، މި ރަށްތަކަކީ ރަށުފެންވަރުގައި ދެމެހެއްޓެނިވި ސިފައެއްގައި ކުންޏާއި ވަސީލަތް މެނޭޖުކުރުމަށް ގާބިލު ރަށްތަކަކަށް ވެގެންދިއުމަކީ އުއްމީދެއް ކަމަށެވެ.
މި މަޝްރޫއުގެ ސަބަބުން، ރަށުގައި އުފެދޭ ކުނިތައް އެކަށީގެންވާ ނިޒާމެއްގެ ދަށުން ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒަށް ގެނެއުމުގެ މަސައްކަތައް އެހީތެރިވެދީ، ގިނަ ޢަދަދެއްގެ ދަގަނޑު، ޕްލާސްޓިކު އަދި ކަރުދާސް ފަދަ ކުނިތައް ބޭލްކޮށް، ވޮލިއުމް ރިޑިއުސްކޮށް، ރަށުން ބޭރުކުރެވެންދެން ރައްކާކޮށް ބެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ރަށްރަށުގައި ކުނި އުފުލުމަށް ބޭނުންވާ އުޅަނދުތައް ވެސް ހޯދުމަށް އެ މިނިސްޓްރީން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް އުޅަނދުތައް ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް ބުނެއެވެ.
މި އިކުއިޕްމެންޓްތައް ބެލެހެއްޓުމާއި ރަނގަޅަށް މެއިންޓެއިން ކުރުމަކީ ރަށްރަށު ކައުންސިލްތަކުގެ ޒިންމާއެއްކަމުގައިވާއިރު، އެކަންކަމަށް މިހާރު ސަރުކާރުންވަނީ ރަށު ކައުންސިލްތަކަށް ގްރީން ފަންޑުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ.
4 މަސްދުވަހުގެ ތެރޭގައި ނިންމާ ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގައި އިކުއިޕްމަންޓުތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރަށްތަކަކީ މައިގަނޑު ގޮތެއްގައި މިހާރުވެސް ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒެއް ހުންނަ، ނުވަތަ އެފަދަ މަރުކަޒެއް ހެދުމުގެ ޢަމަލީ މަސައްކަތް މިހާރު ކުރެވެމުންދާ، ނުވަތަ ޕްރޮކިއުމަންޓް މަރުޙަލާގައިވާ ރަށްތަކެވެ.
މިނިސްޓްރީން ބުނީ މިއީ ވަރލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީން ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުގެ ދަށުން 7.5 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!