ވިލިމާލޭގައި މީގެ 12 އަހަރު ކުރިން ހަމަލާދީ މަރާލި އަހުމަދު މިރުޒާ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މީހަކަށް ވާރިސުން މާފު ދިނުމުން ސުޕްރީމް ކޯޓުގައި އޭނާ މަރުގެ އަދަބުން ސަލާމަތްވެއްޖެ އެވެ.
އޭޕްރީލް، 2011 ގައި ވިލިމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާ މަރާލި މައްސަލާގައި ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު އާއި ޏ. ފުވައްމުލަކު ޒާވިއާ އަބްދުالله ނަޒީފް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ނަޒީފް މަރަން ހުކުމްކުރި ހުކުމަށް ހައި ކޯޓުން އޮތީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ ނަޒީފްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ނިންމީ ގަސްދުގައި މީހަކު މެރުމުގެ ކުށް ނަޒީފްގެ މައްޗަށް ސާބިތުވިޔަސް މިރުޒާގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ފަހުން ބުނެފައިވާތީ މިހާރު ދޭން ޖެހޭނީ ގާނޫނީ އަދަބެއް ކަމަށެވެ.
ނަޒީފަށް ދޭންޖެހޭ ގާނޫނީ އަދަބާ މެދު ގޮތެއް ނިންމަން އެ މައްސަލަ ކްރިމިިނަލް ކޯޓަށް ފޮނުވުމަށް އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވި އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި އަދި އިތުރު ތިން ފަނޑިޔާރުން ތާއީދު ކުރެއްވި ހުކުމުގައި ވަނީ މިރުޒާ އަށް ހަމަލާދިން މީހުންގެ ތެރޭގައި ނަޒީފް ހިމެނޭ ކަން ހެކިންގެ ބުނެފައިވާ ކަމަށާއި އަދި މިރުޒާ މަރުވީ ބޮލުގައި އެއްޗަކުން ޖެހުމުން ކަމަށް ހެކިން ބުނެފައިވާ ކަމަށެވެ.
ހުކުމުގައިވާ ގޮތުން މިރުޒާގެ ބޮލުގައި އެއްޗަކުން ޖެހީ ކާކުކަން އެނގެން ނެތަސް، ކުށް ސާބިތުވާނެ އެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައި ބުނީ، ގިނަ ބަޔަކު ބައިވެރިވެގެން މީހަކު މަރާލައިފި ނަމަ އެންމެންގެ މައްޗަށް ގިސާސްގެ އަދަބު ދެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި ބަލަމުން އަންނަ ކަމަށެވެ.
އޭގެ ދަލީލެއްގެ ގޮތުން ހުކުމުގައި ފާހަގަ ކުރެއްވީ އުމަރުގެފާނާއި އަލީގެފާނުގެ ޒަމާނުގައި ހިނގައިދިޔަ ހާދިސާތަކެކެވެ. އޭގެ ތެރެއިން އެއް ހާދިސާއަކީ އުމަރުގެފާނުގެ ޒަމާނުގައި ކުޑަކުއްޖަކު މަރާލުމުގައި ގިނަ ބަޔަކު ބައިވެރިވުމުން އެ އެންމެންގެ މައްޗަށް ގިސާސް ހިފުމަށް އުމަރުގެފާނު އެންގެވި ހާދިސާ އެވެ.
"މެރުމުގައި އަމަލުގައި އަމަލީ ގޮތުން ބައިވެރިވެ، މަގްތޫލުގެ ގައިގައި ރުޅިވެރިކަމާ އެކު ޖެހި އެންމެންގެ މައްޗަށް ގަސްދު މަރުގެ ކުށް ސާބިތުވާނެ،" ހުކުމް އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވީ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭނާގެ ރައުޔަކީ މި މައްސަލާގައި ހެކިންގެ ބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި މިރުޒާގެ ބޮލުގައި ލަކުޑި ބުރިން ޖެހީ ކާކުކަން އެނގެން ނެތުމުން ގަސްދު މީހަކު މެރުމުގެ ކުށް ސާބިތުނުވާ ކަމަށެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ ނަޒީފް އެ އަމަލު ހިންގީ މިރުޒާ މަރާލުމުގެ ނިޔަތުގައި ކަން އެނގެން ނެތް ކަމަށެވެ. ގާނޫނުލްއުގޫބާތު އޮތްގޮތުން މަރުގެ އަދަބު ދެވޭނީ އެންމެ މަތީ ދަރަޖައިގެ ގަސްދާއި ނިޔަތް އޮވެގެން ކުރާ ކުށްތަކުގައި އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ނަޒީފް ކުރި އަމަލަކީ އިންސާނެއްގެ ފުރާނައަށް ފަރުވާލެއް ނެތި ހިންގި އަމަލަކަށް ވާތީ ގާނޫނުލްއުގޫބާތުގެ ދަށުން އޭނާގެ މައްޗަށް އަލުން އަދަބު ކަނޑައަޅަން ކްރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
ފަނޑިޔާރު ޝުޖޫން ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
އެ މައްސަލާގައި މަރަން ހުކުމްކުރި ޝިފާއުގެ މައްސަލަ ހައި ކޯޓުގައި އޮއްވާ އޭނާއަށް ވެސް މިރުޒާގެ އާއިލާއިން މައާފް ދީފައިވާތީ އޭނާ 17 އަހަރަށް ޖަލަަށްލާން ހައި ކޯޓުން މިދިޔަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!