ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޓެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިގޮތަށް ނިންމީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ އިން ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ގާއިމްކުރުމާ ގުޅިގެން ކަމަށެވެ.
މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އިން ނެރުއްވާފައިވާ ސަރކިއުލަރގައިވާ ފަދައިން، އެތެރޭގެ އުދުހުންތަކުގައި ވެސް ފުރަން އަންނަ ފަސިންޖަރުން ޗެކިންގ ވުމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ދާސާ) އިން ބަލައިގަންނަ ލިޔެކިޔުންތައް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޗެކިން ކައުންޓަރުތަކުން ވެސް ބަލައިގަންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އެގޮތުން އެއަރލައިން ޓިކެޓް ގަތުމަށާއި އެއަރލައިން ޗެކިން ކުރުމަށާއި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން ކާކުކަން ދެނެގަތުމަށްޓަކައި ޑިޖިޓަލް އައިޑެންޓިޓީގެ އިތުރުން ޕާސްޕޯޓް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު / ޑިޖިޓަލް އައިޑެންޓިޓީ ކާޑު އަދި ވޯކް ވިސާ ކާޑު / ޑިޖިޓަލް ވޯކް ވިސާ ކާޑު ވެސް ބަލައިގަންނާނެ ކަމަށް ބުނެއެވެ.
މީގެ އިތުރުން ލައިސަންސް ކާޑު / ޑިޖިޓަލް ލައިސަންސް ކާޑާއި އެއަރޕޯޓް ސެކިއުރިޓީ ފާސް އަދި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް ވެސް ބަލައިގަންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އެމްއޭސީއެލް އިން ބުނީ ޑިޖިޓަލް އައިޑެންޓިޓީ ކާޑް ބޭނުންކުރަން ފެށުމަކީ ޑިޖިޓަލައިޒްޑް ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރުކުރިއެރުމެއް ކަމަށެވެ.
ސަރުކާރުން ގާއިމްކުރާ މިފަދަ ނިޒާމްތަކުގެ އިތުރުން ދަތުރުވެރިންނަށް ފަސޭހަކާމާއި އެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ދަނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!