ކޮންޓްރެކްޓް އުސޫލުން މަސައްކަތެއް ކޮށްދިން އަމިއްލަ ކުންފުންޏަކަށް ލިބެންޖެހޭ ފައިސާ ނުދީ ހިފަހައްޓައި، އެމްޑަބްލިޔުއެސްސީގެ ބައެއް މުވައްޒަފުން ނަހަމަ ގޮތުގައި ފައިސާ ހޯދުމަށް ޑިމާންޑް ކުރި ކަމަށް ބުނެ ދައްކާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

އެ ކުންފުނިން މި ވާހަކަތައް ދޮގުކޮށް އިއްޔެ ބަޔާނެއް ނެރުނީ އެމްޑަބްލިއުއެސްސީގެ ބޭނުމަށް "ޓްރާންސްޕޯޓް މެނޭޖްމަންޓް އެޕްލިކޭޝަން" ތައްޔާރު ކޮށްދިން ނަމަވެސް އޭގެ ބަދަލުގައި ލިބެންޖެހޭ ފައިސާ ނުދީ، އެ ކުންފުނީގެ އައިޓީ މެނޭޖަރުން "ކަޓް" ހޯދަން އުޅޭ ކަމަށް ބުނެ، ޕާޓިކަލްސް ކިޔާ ކުންފުންޏަކުން ޓުވީޓު ކުރުމާ ގުޅިގެންނެވެ.

Ad
rt

އެ ޓުވީޓުގައި ބުނެފައިވަނީ ފައިސާ ހޯދަން އެމްޑަބްލިއުއެސްސީގައި އާދޭސް ކުރަން ޖެހިފައިވާ ކަމަށެވެ.

އެ ޓުވީޓާ ގުޅިގެން އެމްޑަބްލިއުއެސްސީން ރޭ ނެރުނު ބަޔާނުގައި ބުނީ "ޕާޓިކަލްސް" އަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށް އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އަދި އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު ނަހަމަ ގޮތުގައި ކޮންޓްރެކްޓަރު އަތުން ފައިސާ ހޯދުމަށް އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާ ކަމަށް ވެސް ވަބީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އެއްބަސްވުމުގައިވާ ގޮތަށް ޕާޓިކަލްސްގެ ބިލަށް ލިބެންޖެހޭ ފައިސާ ދެއްކުމަށް އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުންޏާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ހަބަރުތައް މީޑިއާގައި ފެތުރުމަކީ އެ ކުންފުންޏާ މެދު އާންމުންގެ ތެރޭގައި އިތުބާރު ގެއްލި، ޝައްކާއި ވަހުމް އުފައްދައި ކުންފުނީގެ ނަން ކިލަނބު ވެގެންދާނެ ކަމެއް ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.