ޗާގޯސް މައްސަލައިގާ ބަންޑާރަ ނައިބު، އިބްރާހިމް ރިފްއަތުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ފޮނުވައިފިއެވެ.
އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމަނިކުފާނު ވިދާޅުވީ ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 13 މެންބަރުންގެ ސޮޔާ އެކު، މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ. އެ މައްސަލައަށް ބަހުސްކުރަން ފެށުމުގެ ކުރިން ރިފްއަތަށް ފޮނުވަން ޖެހޭ ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލަ އެޖެންޑާ ކުރާނެ ތާރީހެއް ފަހުން އަންގަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބުނެފައިވާގޮތުން، ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅައި، ބަހުސްކުރުމުގެ 14 ދުވަސް ކުރިން ވަޒީރަށް އެކަން އަންގަން ވާނެއެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔެކިއުމުން ދިފާއު ހުށަހެޅުމުގެ ފުރުސަތު ވަޒީރަށް ލިބިގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.
ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އިން ކަނޑައެޅި މައްސަލައިގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ޕްރޮފްރެސިވް ކޮންގްރެސް ކޯލިޝަނާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އަދި މިދިޔަ އަންގާރަ ދުވަހު އެމްޑީޕީން ވަކިކުރި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ގުޅިގެންނެވެ.
ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ކަމަށް ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައިވާ ވަނީ ބުނެފައެވެ.
އެހެންކަމުން 43 މެންބަރުންގެ ވޯޓު ހަމަވެއްޖެ ނަމަ، ރިފްއަތު ބަންޑާރަނައިބުގެ މަގާމުން ވަކިވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!