ޗާގޯސް މައްސަލައިގާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، މޮރިޝަސްގެ ސަރުކާރަށް ފޮނުއްވި ސިޓީ ހާމަ ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މެމްބަރު އާދަމް ޝަރީފް މި މައްސަލަ ހުށަހެޅުއްވުން އެ ގަރާރު ބަލައިގަންނަން ފެންނަކަމަށް 18 މެމްބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 33 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
އެހެން ކަމުން އެ މައްސަލަ ބަލައިގަނެ ބަހުސް ކުރަން ފާހެއް ނުވިއެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަަމުން އާދަމް ޝަރީފް ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ހޯދުމަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ކުރިން ގެންގުޅުނު ސިޔާސަތު ބަދަކުކޮށްފައިވާކަން އިޓްލޮސް އިން ނެރުނު ބަޔާނުން ވެސް ދޭހަވާ ކަމަށެވެ.
އެހެންކަމުން އިޓްލޮސްގެ ނިންމުންތަކާ ގުޅިގެން ރާއްޖެއަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!