އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އިން އިންތިޒާމުކުރާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައި.ސީ.އައި.އޭ) ގެ މި އަހަރުގެ ކޮންފަރެންސް މި މެއި މަހުގެ 6 ވާ ހޮނިހިރު ދުވަހު ފެށުމަށް ނިންމައިފިއެވެ.
އައިޔޫއެމް އިން ބުނީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސް އޮންނާނީ އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު އެ ޔުނިވާސިޓީގައި ކަމަށެވެ.
މި ކޮންފަރެންސްގައި މައިގަނޑުކޮށް އޮންނާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިލްމީ ބޭފުޅުން ދިރާސާ ކަރުދާސް ހުށަހެޅުއްވުމާއި، ޕެނަލް ޑިސްކަޝަން ކަމަށާއި ކޮންމެ ދުވަހެއްގެ ވެސް ފެށުމުގެ ރަސްމިއްޔާތުގައި ކީނޯޓު ތަގުރީރު އޮންނާނެ ކަމަށް ބުނެއެވެ.
މި ފަހަރު ކީނޯޓު ދެއްވާ އެއް މައުޟޫއަކީ މަތީ ތައުލީމުގެ މަރުހަލާގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވޭނެ ގޮތްތަކާއި އެކަމަށް ހުރި ގޮންޖެހުންތައް ކަމަށާއި އަނެއް މައުޟޫއަކީ ރާއްޖެ ދުށް އެންމެ ކުޅަދާނަ އެއް އަދީބު ކަމަށްވާ ފަޟީލަތުއްޝައިހުލް އުސްތާޒް ހުސެއިން ސަލާހުއްދީނުގެ ލިޔުއްވުންތަކުގައި ހުރި ބަހަވީ އަދި އިޖުތިމާއީ ކުރިއެރުންތައް ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.
އައިޔޫއެމް އިން އިތުރަށް ބުނީ ޖުމްލަ 223 ރިސާޗަރުން ބައިވެރިވާ މި ކޮންފަރެންސުގައި 52 ކަރުދާސް ހުށަހަޅާނެ ކަމަށާއި ކަރުދާސް ހުށަހަޅާ މައުޟޫތަކުގެ ތެރޭގައި ހަލާލް ޓޫރިޒަމް، އިސްލާމިކް ފައިނޭންސް، އަންހެނުންގެ ސިއްހަތު، ނަފްސާނީ އިލްމު ހިމެނޭ ކަމަށެވެ. އަދި އަދަބިއްޔާތު، މާލީ ނިޒާމު އަދު ޒުވާނުންގެ ދާއިރާ ވެސް ހިމެނޭ ކަމަށެވެ.
މި ކޮންފަރެންސްގައި ދިވެހި، އަރަބި އަދި އިނގިރޭސި ބަހުން ކަރުދާސް ހުށަހަޅާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި އަހަރުގެ ކޮންފަރެންސްގެ ސްޕޮންސަރުންނަކީ މޯލްޑިވްސް ޕެންޝަން އޮފީސް، ސްޓެލްކޯ، އުރީދޫ، ދިރާގު، އައި.އައި.އައި.ޓީ، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އަމާނާ ތަކާފުލް އެވެ.
އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައި.ޔޫ.އެމް އިން މި ކޮންފަރެންސް ބާއްވަން ފެށީ 2016 ގަ އެވެ.
ކޮވިޑުގެ ސަބަބުން 2020 އަދި 2021 ގައި ބޭއްވީ ހައިބްރިޑްކޮށެވެ. އޭގެ ފަހުން މިދިޔަ 2022 ގައި ވަނީ ކުރިއެކޭ އެއްގޮތަށް ފިޒިކަލްކޮށް ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!