ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ ލައިވް ނުކުރުމުގެ ވިސްނުމެއް އެބައޮތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީނަށް ދައުވާ ކުރާއިރު، އެ މައްސަލާގައި ސަން އިންޖިނިއަރިން އާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށާއި ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.

Ad
rt

އެ މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރަން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާތީ މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވީ ހެކިބަސް ނެގުމުގެ މަރުހަލާ އަޑުއެހުންތައް ލައިވް ނުކުރުމުގެ ވިސްނުމެއް އެބައޮތް ކަމަށެވެ.

އެއީ ލައިވްކޮށްފި ނަމަ ހެކިބަސް ހެދުމުގެ ފުރުސަތު އޮވެދާނެތީ އާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮވެދާނެތީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ނަމަވެސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ އެތައް ހާސް ދިވެހިންގެ ފަރާތުން އަޑުއުފުލާ ބޭފުޅަކަށް ވާއިރު، ހެކިބަސް ނެގުމުގެ އަޑުއެހުން ލައިވްކޮށްދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

ގާޒީ ވިދާޅުވީ އެ ނިންމުން ފަހުން މުރާޖައާ ކުރެވިދާނެ ކަމަށެވެ.

އެ މައްސަލާގެ އިފްތިތާހީ ބަޔާން ހުށަހަޅަން މިއަދު އަޑުއެހުމެއް ތާވަލް ކުރިޔަސް، ޔާމީނާއި އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ޔާމީން ޖަލުގައި ބައްދަލު ކުރުމަށާއި މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ވަކީލުންގެ އެހީތެރިކަން ލިބުމަކީ އަސާސީ ހައްގެއް ކަން ފާހަގަ ކުރައްވައި، ޔާމީން ވިދާޅުވީ ޖަލުގައި އެކަށީގެންވާ ވަރަކަށް ވަކީލުންނާ ބައްދަލު ކުރައްވައި، މަޝްވަރާ ކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

ގާޒީ ނަދީމް ވިދާޅުވީ ބަންދުގައި ތިބޭ މީހުންނަށް ޖަލުގައި ވަކީލުންނާ ބައްދަލުކުރަން އެކަށީގެންވާ ފުރުސަތު ލިބޭކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ޔާމީން އެދިވަޑައިގަންނަވާ ގޮތަށް އެ ފުރުސަތު ފަހިކޮށްދޭން ދައުލަތަށް އަންގާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންވުމުން އިފްތިތާހީ ބަޔާން ހުށަހެޅުމުގެ ބައި މިއަދު ކުރިއަށް ނުގެންދަން ކޯޓުން ނިންމި އެވެ.

ފުއްގިރި މައްސަލާގައި ޔާމީނަށް ދައުވާ ކުރާއިރު، ވ. އާރަށު މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.