މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.
މަޖިލީހުގެ ގަވާއިދަށް 2021 ވަނަ އަހަރު ގެނެވުނު ބަދަލާއިއެކު ލިބޭ އެންމެ ކުރު ޗުއްޓީއަށް މަޖިލިސް ދިޔައިރު، މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުނު ގިނަ މަސައްކަތްތަކެއް ވަނީ ނިންމާފައެވެ.
މި ދައުރުގެ ފަހު ޖަލްސާ މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، މިޖަލްސާގައި ގިނަ މަސައްކަތްތަކެއް ވަނީ އެޖެންޑާ ކޮށްފައެވެ.
އެގޮތުން ކޮމިޓީތަކުން ހުށަހަޅާ 4 ރިޕޯޓެއް އެޖެންޑާކޮށްފައިވީނަމަވެސް ވޯޓަށް އެހޭވަރަށް މަސައްކަތް ނިންމުނީ މިއަދުގެ މަސައްކަތުގެ ތެރެއިން 2 ރިޕޯޓެކެވެ.
މިއަދު ވޯޓަށް އަހާފައިވަނީ ކުޅިވަރު ބިލު ބަލައިގަތުމަށާއި، ނައިބު ރައީސް، ރައީސްކަމުގެ ހުވާ ކުރެއްވި މައްސަލައެވެ.
މީގެ ތެރެއިން ނައިބު ރައީސް، ރައީސ ކަމުގެ ހުވާ ކުރެއްވި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. ކުޅިވަރު ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރެއްވުމަށް ވަނީ އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ.
މަޖިލިސް ޗުއްޓީއަށް ދިޔައިރު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގާނޫނީ މައްސަލައަށް މަޖިލީހުން ހައްލު ގެނެވިފައި ނުވާތީއެވެ. މިމައްސަލަ ހައްލުކޮށް މަޖިލިސް ޗުއްޓީއަށް ދާން ސަރުކާރަށް ތާއީދުކުރާ ބައެއް މެމްބަރުން އެދުނު ނަމަވެސް ޗުއްޓީއަށް ގޮސްފައިވަނީ ބިލުގެ ބަހުސްގެ މަރުހަލާ ފެށިފަހުންނެވެ.
މިދައުރަކީ މަޖިލީހުގެ މިއަހަރުގެ އެންމެ ކުރު ދައުރަށްވާއިރު، ގިނަ ބިލުތަކެއްގެ މަސައްކަތް ދަނީ ކޮމިޓީތަކުގައި ކުރެވެމުންނެވެ. އަދި ބައެއް މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތްވެސް ކޮމެޓީތަކުން ދަނީ ކުރައްވަމުންނެވެ.
މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!