ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުފުޅާއި އެއްގޮތަށް މިދައުރު ނިމުމުގެ ކުރިން ފްލެޓާއި ގޯތި ދެވޭނެކަމުގެ ޔަގީންކަން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ދެއްވައިފިއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި، ގޯތި ދިނުމަށް ނިންމާފައިވާ ނިންމުމާއި އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.
މިހާރު މަސައްކަތް ކުރިއަށްދާގޮތުން ބައެއް ފްލެޓްތަކުގެ މަސައްކަތް އެކީގައި ނިމުނު ކަމުގައި ވީނަމަވެސް ބައެއް ފްލެޓްތައް ހަވާލުކުރައްވާއިރު މަސައްކަތް ނުނިމިވެސް ހުރެދާނެކަން ފާހަގަކުރައްވާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރައްވަނީ ވީހާވެސް ގިނަ ފްލެޓް ނިންމުމަށް ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓުތައް ދީފައިވާގޮތަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ދައުރު ނިމެންކައިރިވެފައި ވަނިކޮށް ފްލެޓް ލިޔުންތަކެއް ބަހާލިނަމަވެސް މިސަރުކާރުން ލިޔުމާއެކު ފްލެޓުވެސް ހައްގުވެރިންނަށް ލިބޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށެވެ.
ހައުސިންގ މިނިސްޓްރީން ކުރިން ބުނެފައިވަނީ ގޯއްޗާއި ފްލެޓަށް އެދި ފޯމް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 35861 ފޯމް ލިބިފައިވާ ކަމަށާއި އޭގެތެރޭގައި ބިންވެރިޔާ ސްކީމަށް 15164 ފޯމު ހުށައަޅާފައިވާ ކަމަށެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14489 ފޯމް ހުށައަޅާފައިވާއިރު، މި ސްކީމްގެ ދަށުން 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6208 ފޯމް ހުށައަޅާފައިވާ ކަމަށް ވެސް ބުނެއެވެ.
ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރެއްވުމަށް ހަމަޖައްސަވާފައިވަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.
މިޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރެއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމަވާފައިވަނީ ގުޅީފަޅުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!