ހުރާގައި ފޯރިޔާއެކު ކުޅެވެމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގެ ފައިނަލުގެ ފަހު ޖާގައަށް ޓީމް ތްރީޑީ ދަތުރުކޮށްފިއެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ރާއްޖޭގެ ގައުމީ ޓީމުގެ ތަޖުރިބާކާރު ތިން ކުޅުންތެރިން ހަސަން ނިލާމް (ޕާޓޭ) ހުސެން ވިޝާމް (ބުޅިކެ) އަދި ހުސެން ޔޫސުފް (ޓޯއީ) ހިމެނޭ ޓީމް ތްރީޑީ އާއި ލަންކާގެ ސީނިއަރ ގައުމީ ޓީމުގެ ބާރު ސޮޓު ޖެހުންތެރިޔާ މަހޭޝް އަދި ރާއްޖޭގެ މަޝްހޫރު ބީޗް ވޮލީ ކުޅުންތެރިޔާ ޑެންޒޯ ހިމެނޭ ޓީމް މަންފާއެވެ.

Ad
rt

މެޗުން މޮޅުވާ ޓީމެެއް ސީދާ ފައިނަލަށްދާ ގޮތަށް އިން މެޗަކަށްވާތީ، ވަރަށް ފޯރިގަދަ ވާދަވެރި ކުޅުމެއް މި މެޗުގައި ފެނިގެން ދިޔައެވެ.

މިގޮތުން މެޗު ފެށިގެން ތްރީޑީއަށް މާގިނަ ފުރުސަތުތަކެއް ނުދީ ފުރަތަމަ ސެޓް ވަރަށް ފަސޭހަކަމާއެކު 19/25 ޓީމް މަންފާ ހޯދިއެވެ.

އެހެންނަމަވެސް ގައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންތަކެއް ހިމެނޭ ޓީމް ތްރީޑީ އިން ވިސްނުންތެރި ކަމާއެކު، ހާއްޞަކޮށް ގައުމީ ޓީމުގެ ސެޓަރު ބުޅިކެގެ ތަފާތު މޮޅު ކުޅުމާއެކު ދެވަނަ ސެޓް 27/29 ޓީމް ތްރީ ޑީ އިން ހޯދިއެވެ. ހަމަ މި ސެޓުގައި ތްރީޑީގެ ދެނަންބަރު ސެޓަރު ހުސެން ނަސީރު ކުޅެންއަރުވައި ބުޅިކެގެ ބާރު ސޮޓްތަކެއް ވެސް ފެނިގެންދިޔަކަން ފާހަގަކުރެވުނެވެ.

ތިންވަނަ ސެޓު ތަފާތު ބޮޑުކޮށް 13/25 އަދި ހަތަރުވަނަ ސެޓު 21/25 ކާމިޔާބުކޮށް ތްރީ ޑީ ފައިނަލަށް ދަތުރުކުރިއެވެ.

ރޭގެ މެޗުގައި ޓީމް މަންފާގެ މަހޭޝްގެ ކުޅުން ފާހަގަ ކުރެވުނު އިރު، ޓީމް ތްރީޑީ އިން ޕާޓޭގެ ބާރުގަދަ ސޮޓްތަކެއްފެނި ޓޯއީގެ ބާރުގަދަ ހަމާލާތަކެއް ކޯޓުގެ މެދުން ފެނިގެން ދިޔައެވެ.

ހަމަ އެގޮތުން ގައުމީ ޓީމުގެ ތަޖުރިބާކާރު ސެޓަރުގެ ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔަކަން ވަރަށް ބޮޑަށްފާހަގަ ކުރެވުނެވެ.

ހުރާ ކައުންސިލް މެންބަރ ހަސަން ފިރާޝް (ސުކާ) ޝަރަފުވެރި ކޮށްދެއްވި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމްގެ ސެޓަރު، ޓީމް ތްރީޑީގެ ޖާރޒީ ނަންބަރު 13 ހުސެން ވިޝާމް (ބުޅިކެ) އެވެ.

މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 21 އޭޕްރީލް ވާ ހުކުރުދުވަހުގެ ރެއެވެ. ބައްދަލު ކުރާނީ ޓީމް ތްރީޑީ އާއި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާ ތުލުސްދޫގެ ޓީމް ބުލެކް އީގަލްއެވެ.

ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ ވޮލީ ކޯޓުގައި ކުޅެވޭ މިމެޗް އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.