ވޭމަންޑޫ ޒުވާނުންގެ މަރުކަޒުގެ މައްސަލަ ވޭމަންޑޫ ކައުންސިލް ބޮލުގައި ނޭޅުވޭނެ ކަމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލާގައި މިނިސްޓަރ މަޚްލޫފާ ސުވާލުކުރެއްވުމުން މިނިސްޓަރ ދެއްވި ޖަވާބާ ގުޅިގެން ރިޔާޟު ވިދާޅުވީ މިނިސްޓަރ މަޚުލޫފުގެ ޒިންމާދާރުކަމެއް ނެތް ކަމަށެވެ.

Ad
rt

"ތ. ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމުގެ މައްސަލަ ވޭމަންޑޫ ކައުންސިލް ބޮލަށް ކަނޑާލާފައި މިނިސްޓަރ މަޚްލޫފު މަސައްކަތް ކުރައްވަނީ ސަލާމަތްވާން." ރިޔާޟު ވިދާޅުވިއެވެ.

ރިޔާޟް މިނިސްޓަރާ ސުވާލުކުރެއްވީ ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް 1 ޖެނުއަރީ 2023 އަށް ނިންމާލެވޭނެކަމަށް ސަރުކާރުން ކުރިން މަޢުލޫމާތު ހާމަކޮށްފައިވީ ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުދާތީ، އެކަން ރޭވިފައިވާ ގޮތަކާ، ނިންމާލެވޭނެ ތާރީޚާ ބެހޭގޮތުންނެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، މިހާރު ވަރަށް ގިނަ މަޝްރޫޢުތައް ހިންގާކަމަށާއި މިފަދަ ބައެއް މަޝްރޫޢުތައް ކޮންޓްރެކްޓަރުން ލަސްކުރަމުން ދާކަމަށެވެ. އަދި މި މަޝްރޫޢު ވެސް އެގޮތަށް ލަސްވަމުންދާތީ، ކޮންޓްރެކްޓް ބާތިލްކޮށް ރަށު ކައުންސިލުން އިއުލާންކޮށްގެން ކުރިއަށް ގެންދަން ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި ޖަވާބާއި ގުޅިގެން ރިޔާޟް ވިދާޅުވީ މި މަޝްރޫއަކީ 2020 ވަނަ އަހަރުވެސް ބަޖެޓު ކުރެވި، އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ޕީ.އެސް.އައި.ޕީ ގައި ހިމެނޭ މަޝްރޫޢެއް ކަމަށެވެ. އަދި މި ދައުރު ނިމެން ދާއިރު މި މަޝްރޫއު ވެސް ވެގެން މި ދިޔައީ "އަންނަނީ، އަންނަނީ" ގެ ގޮތުގައި އޮތް މަޝްރޫޢެއް ކަމަށެވެ.

ރިޔާޟް އެދިވަޑައިގަތީ ތ. އަތޮޅުގެ ޒުވާނުން އެންމެ ގިނަ ރަށަކީ ވޭމަންޑޫ ކަމަށާއި އެރަށު ޒުވާނުންނަށްޓަކައި މި މަޝްރޫއު ކުރިއަށް ގެންދަވާނެކަމަށް ޔަޤީންކަން ދެއްވާފައިވާތީ، ކައުންސިލުގެ ބޮލުގައި އަޅުވާފައި މިނިސްޓްރީން އެކަން ދޫކޮށްނުލެއްވުމަށެވެ.

ވޭމަންޑޫ ޒުވާނުންގެ މަރުކަޒުގެ މަޝްރޫޢަކީ 2020 ވަނަ އަހަރުން ފެށިގެން ބަޖެޓު ކުރެވިފައިވާ މަޝްރޫޢެކެވެ.