ބަދުރު ހަނގުރާމައިން ދަސްކޮށްދެނީ ނަސްރަކީ، ﷲ ދެއްވާ ކަމެއް ކަމަށާއި އެއީ ފަހަރެއްގައި ވެސް ލަޝްކަރުގެ ބައިބޯކަމާއި ހަތިޔާރުގެ މޮޅުކަމަށް ބިނާވެފައި އޮންނަ ކަމެއް ނޫން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނީ ބަދުރު ހަނގުރާމައިގާ މުސްލިމުންގެ އަދަދަކީ 313 ކަމަށާއި އެ ބޭކަލުންގެ ތެރޭގައި ތިއްބެވީ އެންމެ ދެ އަސްވާރުން ކަމަށެވެ. އެކަމަކު ދުޝްމަނުންގެ ލަޝްކަރުގެ އަދަދު ހާހަކަށްވުރެ ގިނަ ކަމަށާއި އެމީހުންގެ ލަޝްކަރުގައި 100 އަސްވާރުން ތިބި ކަމަށެވެ.

Ad
rt

މީގެ އިތުރުން އެމީހުން ނުކުތީ ހަނގުރާމައަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި ނަމަވެސް ﷲ އިރާދަކުރެއްވީ، އެކަލާނގެ ނަސްރުގެ ވައުދުފުޅު ފުރިހަމަ ކުރެއްވުމަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

"ބަދުރު ހަނގުރާމައިން ލިއްބައިދޭ އަނެއް ފިލާވަޅަކީ މުއުމިނުންގެ އެންމެބާރުގަދަ ހަތިޔާރަކީ ދުޢާ ދެންނެވުން ކަމެވެ. ބަދުރުހަނގުރާމައަށް ތައްޔާރުވަމުން ދިޔަ ހިނދު، ކީރިތި ރަސޫލާ ދެއަތްޕުޅު އުފުއްލަވައި، ﷲ ގެ ހަޟުރަތުގައި ނަސްރަށް އެދިވަޑައިގެން އާދޭސް ދަންނަވައި ދުޢާ ކުރައްވަމުން ގެންދެވިއެވެ." ހުތުބާގައި ވެއެވެ.

ހުތުބާގައި ވަނީ ބަދުރުގެ މަތިވެރި ނަސްރުން އިބްރަތް ހާސިލު ކުރުމަށާއި އިސްލާމް ދީނުގެ ދިފާއުގައި ކުރަންޖެހިއްޖެ ކޮންމެކަމެއްގައި، ކެރިގެން ކުރިމަތިލުމަށް ގޮވައިލާފައެވެ. އަދި ﷲ އާއި ރަސޫލާގެ ހައްގުގައި ވާންޖެހިއްޖެ ގުރުބާނީއަކަށް ފަސްނުޖެހުމަށް ވެސް ވަނީ ގޮވައިލާފައެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ ދާދި އަވަހަށް މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހައިގެ ބަރަކާތްތެރި ރޭތަކާއި ދުވަސްތައް އަހަރުމެންނާ ބައްދަލުކުރާނެ ކަމަށާއި އެރޭތަކާއި ދުވަސްތަކުގައި ހަވާނަފުސުގެ މައްޗަށް ޖިހާދުކޮށް ނަސްރު ހޯދުމަށް ވަނީ އެދިފައެވެ.

ރަމަޟާން މަހު ހިނގާފައިވާ ތާރީޚީ ހާދިސާތަކުން އެނގި ކަށަވަރުވަނީ ރަމަޟާން މަހަކީ މުރާލިކަމާއި ހީވާގިކަން އިސްކޮށް ގަދައަޅައި، މަސައްކަތް ކުރުމުގެ މައްސަރު ކަމަށާއި އެ މައްސަރުގައި ކަންނެތްކަމަށް ޖާގައެއް ނެތް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.