ސިޔާސީ މައިދާނުގެ އަސްލު މަންޒަރު ދަނީ މަޑުމަޑުން ސާފުވަމުން ކަމަށް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޗެއަރޕާރސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެކުގައި ކުރިއަށް ނުދެވުނަސް އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ.
މީގެ އިތުރުން ނޭނގި ހުރި ކަންކަން މަޑުމަޑުން ސާފުވެ، މައިދާން ތައްޔާރުވެއްޖެ ކަމަށާއި ކުރިއަށް އޮތީ ޝައުގުވެރި ދުވަސްތަކެއް ކަމަށް ވެސް އެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. އަދި އެކުގައި ކުރިއަށް ނުދެވުމުން ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށް އެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ފައްޔާޟު މިފަދައިން ޓްވީޓު ކުރައްވާފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން، މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާ، އެ ޕާޓީގެ ރިޔާސީ ޓިކެޓުގައި ވާދަކުރުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވަނީ ނިންމަވާފައެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އިން މިހައިތަނަށް ވަކިގޮތެއް ނިންމާފައި ނުވާއިރު، އެމްޑީޕީއާ އެކު ރަސްމީކޮށް ކޯލިޝަން ދަމަހައްޓަން ނިންމީ އަދާލަތު ޕާޓީންނެވެ. ދެން އެ ކޯލިޝަންގައި ބައިވެރިވީ އެމްޑީއޭ އިންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވެސް ވަނީ ރައީސް ސާލިހަށް ތާއީދު ނުކުރައްވާނެކަން ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!