މިދިޔަ އާދިއްތަ ދުވަހު އައްޑޫގައި އާ ރިސޯޓެއް ހުޅުވައިފި އެވެ.

ސ. ހުޅުމީދޫ ކައިރީގައި އޮންނަ އިސްމެހެލާ ހެރައިގައި ތަރައްގީކޮށްފައިވާ "ސައުތު ޕާމް މޯލްޑިވްސް ރިސޯޓް" ރަސްމީކޮށް ހުޅުވާފައި ވަނީ އިސްމެލާ ހެރާގައި ތަރައްގީކުރާ ރިސޯޓުގެ ފުރަތަމަ ފިޔަވައްސެވެ.

Ad
rt

ސ. ގަމުން ފުރައިގެން ދިހަ މިނެޓުން ދެވޭ ހިސާބުގައި އޮންނަ މި ރިސޯޓުގައި ތަފާތު 6 ކެޓަގަރީއެއްގެ ކޮޓަރި ހުރެ އެވެ. އޭގެ ތެރޭގައި ޕްރައިވެޓް ޕޫލް ލާފައިވާ ކޮޓަރިތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތައް ލިބޭ ރެސްޓޯރަންޓެއްގެ އިތުރުން، ދެ ބާ ހުރެ އެވެ. އަދި ސްޕާއެއްގެ އިތުރުން، ޑައިވް އަދި ވޯޓާ ސްޕޯޓްސް ސެންޓަރެއް ހުރެ އެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން މި ރިސޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ފިޔަވަހީގައި ހިމެނޭ ކޮޓަރިތަކާއި އެހެނިހެން ވަސީލަތްތައް މިހާރު ހުޅުވާފައިވާއިރު، ދެވަނަ ފިޔަވަހީގައި އިތުރު 110 ކޮޓަރި އެޅުމަށް ހަމަޖެހިފައިވެ އެވެ. ތިންވަނަ ފިޔަވަހީގައި ހިމެނެނީ، ޖެހިގެން އޮންނަ ކެޑެވާހެރަ ކޯޒްވޭ އަކުން ގުޅުވާލައި އެ ސަރަހައްދުގައި މޫދު ކޮޓަރިތަކެއް އެޅުމެވެ.

އިސްމެހެލާ ހެރައިގައި ރިސޯޓެއް ތަރައްގީކުރުމަކީ އެތައް އަހަރެއް ކުރިން ފެށިގެން ވެސް ދެކެވެމުން އަންނަ ވާހަކަ އެކެވެ. އެހެންކަމުން، މިއީ އައްޑޫ ރައްޔިތުންގެ އުއްމީދުތަކާ ވެސް ގުޅިފައިވާ ރިސޯޓެކެވެ.

ސައުތު ޕާމް ރިސޯޓުގެ އިތުރުން، އައްޑޫގައި މިވަގުތު ހިންގަނީ ވިލިނގިލީގައި ހިންގާ ޝަންގްރިއްލާ ރިސޯޓާއި ހެރަތެރޭގައި ހިންގާ ކެނަރީފް މޯލްޑިވްސް އަދި ގަމުގައި ހިންގާ އީކުއޭޓާ ވިލެޖް އެވެ.