ކޮންމެ މީހަކީވެސް އުފާވެރި ހުވަފެންތަކެއް ދެކޭނެ މީހެކެވެ. އުފާވެރި، ބާއްޖަވެރި ތަނަވަސް ދިރިއުޅުމެއް އުޅެން ބޭނުންވާނެ މީހެކެވެ. އަދި ދިރިއުޅުމާމެދު ކުރާ ފޮނި އުއްމީދުތަކުން ހިތްހަމަޖެހިގެން ހުންނަން ބޭނުންވާނެ މީހެކެވެ. އަޝްފާއަކީވެސްހަމަ އޭގެ މީހެކެވެ. ކައިވެނިކުރާ ޢުމުރުން ފެށިގެން އޭނާ ދެކެމުން އައި ހުވަފެނަކީ މުއްސަނދި ފިރިއެއް ހޯދުމެވެ. އެކަން އޭނާ ޙާޞިލްވެސް ކުރިއެވެ. މާލޭގެ ވިޔަފާރިވެރިއެއް އަތުއަޅުވާލީ އޭނާގެ ފިހާރައެއްގެ ސޭލްސްގަރލްއެއްގެ ވަޒީފާގައި އުޅެމުންނެވެ. ޢުމުރުގެ ގޮތުން ދިހަވަރަކަށް އަހަރު ދޮށީ މީހަކަސް، އަސަދަކީ ބޮޑީބިލްޑަރ އެއްކަމުން، އޭނާ ހުންނަނީ ވަރަށް ޒުވާންކޮށެވެ.

ކައިވެނީގެ ކުރީކޮޅު ދަރިޔަކު ހޯދީ އަޝްފާ ބޭނުންވެގެންނެވެ. އެއީ ކައިވެނީގައި އަސަދު ދެމިހުރުމަށް ލިބުނު ބާރަކަށް ވާނެކަން އަޝްފާއަށް އެނގޭތީއެވެ. އަދި ދަރިޔަކު އޮތުމަކީ ދިރިއުޅުމުގައި އަނބިމީހާގެ ބާރުވެސް ގަދަވާނެ ކަމެެއްކަމުގައި އަޝްފާއަށް ވިސްނިފައި އޮތުމުންނެވެ. ދަރިފުޅަށް ތިންއަހަރު ވުމާއެކު އަޝްފާ ބޭނުންވީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރާށެވެ. ނަމަވެސް ފާޅުގައި އަސަދު އެކަމާ އިންކާރު ކުރިއެވެ.

Ad
rt

" އަޝޫއަށް އެނގެއެއްނު އަހަރެންގެ ތިން ފިހާރަ ހިންގާނެ އިތުރު މީހަކު ނެތްކަން. އަހަރެން ކިހިނެއް ރާއްޖެ ދޫކޮށް ދާނީ؟ ވިޔަފާރި ބަނގުރޫޓަވާނީ ބަޔަކާ ޙަވާލް ކޮށްގެން. އެެހެން ނޫނަސް މާޝަލްއާ ދުރުގައި އަހަންނަކަށް ކެތެއް ނުވާނެ!"

ނިދިފައި އޮތް ކުޑަ ދަރިފުޅަށް ބަލާލަމުން އަސަދު ބުނެލިއެވެ. އަސަދުގެ ވިސްނުން ހުރި ގޮތުން އެގޮތް ބަދަލު ކުރުވަން އަޝްފާ ބޭނުންވިއެވެ.

" އަސަދު ތި ވިސްނަނީ ހަމައެކަނި އަސަދުއަށް! އަހަރެން ބޭނުމެއްނޫން މާލޭގަ މިކުއްޖާ ބޮޑުކުރާކަށް! މީނަގެ ކިޔެވުމަށްވެސް ވިސްނާފަ މިބުނީ! ކޮންމެ ހަފްތާއަކު އެއްފަހަރުވެސް އަސަދުއަށް ލަންކާއަށް ދެވިދާނެ އެއްނު! މަހަކު ފަނަރަ ދުވަހު އަހަރެމެންގާތު ހުރެލެވުނަސް ވިޔަފާރި ބަނގުރޫޓެއް ނުވާނެޔޭ! އަސަދު ބުރަމަސައްކަތް ކޮށްގެން ފައިސާ ހޯދަނީ އަހަންނާ މާޝަލްގެ އުފަލަކަށް ނޫންތަ؟"

އަޝްފާ ބޭނުންވީ އަސަދު ޖަޒްބާތުގައި ޖައްސާށެވެ. ކަންތައްވީވެސް އޭނާ ބޭނުންވާ ގޮތަށެވެ. އަސަދުގެ ވިސްނުން ބަދަލުވެއްޖެއެވެ. އޭނާއަކީ ވަރަށްވެސް ހިތްހެޔޮ މީހެކެވެ. އެހެންކަމުން މާގިނައިރަކު އޭނާއަކަށް ދެބަސްވާކަށް ނުކެރެއެވެ.

" ދެން މިޖެހުނީ ތިކަންވެސް ކޮށްދޭންތާ! ހޯދާ ފައިސާއިން އަހަރެންގެ އަންހެނުންނަށް އުފަލެއް ނުލިބެންޏާ ދެން ޖެހޭނީ ހިތްހަމަޖެހޭ ގޮތެއް ހަދަންތާ!"

އަޝްފާގެ ބޮލުގައި ފިރުމާލަމުން އޭނާ ބުނެލިއެވެ.

***

އެންމެ ދެހަފްތާގެ ތެރޭގައި ލަންކާގައި ތިބުމުގެ ހުރިހާކަމެއް އަސަދު ހަމަޖައްސައިދިނެވެ. ލަންކާގެ އެންމެ ރީތި ހިސާބަކުން ކުއްޔަށް ގެއެއް ނަގައިދީ، އަޝްފާމެންގެ ކަންތައްތައް ބަލަހައްޓަން ލަންކާއިން މީހަކުވެސް ހަމަޖެއްސިއެވެ.

" އަހަރެން ބޭނުންވަނީ ވަރަށް ވަރަށް ރީތި ގެއެއް! "

ލަންކާ އެއަރޕޯޓަށް ބޯޓު ޖެއްސުމާއެކު އަޝްފާ ބުނެލިއެވެ. އޭރު މާޝަލް އޮތީ އަސަދުގެ ކޮނޑުމަތީ ނިދިފައެވެ.

" ހޫމް.. އަހަންނަށް އެނގެޔޭ އަޝޫއަށް ކަމުދާނީ ކޮންކަހަލަ ގެއެއްކަން.. ދެން ކެތްކޮށްގެން އިނދެބަލަ ގެއަށް ދެވެންދެންވެސް.."

މަޖާ ރާގެއްގައި އަސަދު ބުނެލިއެވެ. އެއާއެކު އަޝްފާވެސް ހީގަތެވެ. އެއަރޕޯޓުން ނިކުމެވުމާއެކު އެމީހުންނަށް ދަތުރުކުރަން ހަމަޖައްސާފައިވާ ކާރު އަތުވެއްޖެއެވެ. ދަތުރަށް ފެށި އިރުވެސް މާޝަލް އޮތީ ނިދިފައެވެ.

" ވާއޯ! " ކާރުން ފޭބުމާއެކު އަޝްފާއަށް ބުނެލެވުނީ އޭނާގެ ގެ ފެނިގެންނެވެ. ހުދުކުލައިގެ ރީތި ދެބުރި ގެއެކެވެ. މާ ބޮޑެއް ނޫނެވެ. އެހެނަސް ފެންނަ ފެނުމަށް ވަރަށް ޝާހީއެވެ. ގޭގެ ކުރިމަތީގައި އޮތް ފެހިކުލައިގެ ވިނަގަނޑުން ދުރުން ފެންނަގޮތް ވަރަށް ފުރިހަމައެވެ. އަސަދުއަށްވެސް މަޑުކޮށްލުމެއްނެތި އަޝްފާ ގޯތިތެރެއަށް ވަދެގެން ދިޔައެވެ. އެ ސަރަޙައްދުގައި މާގިނަ ގެތަކެއް ނެތެވެ. ވަރަށް އަމާން ސަރަޙައްދެއްހެން ހީވެއެވެ.

" ހާދަ ރީއްޗޭ! " ގޭތެރެއަށް ވަދެވުމާއެކު އަޝްފާ ބުނެލީ ހައިރާންކަމާއެކުއެވެ. އެއީ ވަރަށްވެސް އާ ގެއެކެވެ. އަޝްފާ އެންމެ އުފާވީ އެކަމާއެވެ.

" އަޝޫ ކުރަންޖެހޭނެ ކަމަކީ ހަމައެކަނި ފޮށިން އެއްޗެހިތައް ނަގާފަ އަލަމާރިއަށް އެޅުން.. ބަދިގެއަށް ބޭނުންވާ އެއްޗެހިވެސް ، ދެން އެހެން ހުރިހާ ކަމެއްވެސް ފުރިހަމަވާނެ! ދެން ކައްކާ ސާފުކޮށް ހަދަން މެއިޑެއްވެސް ހަމަޖައްސާފަ ހުންނާނީ... "

ފަހަތުން އައިސް ހުއްޓުނު އަސަދު ބުނެލިއެވެ. އޭރުވެސް އޭނާ ހުރީ ފޯނާ ކުޅޭށެވެ.

" އަސްލުތަ؟ ހާދަ ރަނގަޅޭ! "

" އެކަމަކު އަހަރެން ހަމަ މާދަމާ ފުރަން ޖެހިއްޖެ! މާދަމާ އެބައާދޭ އިންޑޮނޭޝިއާއިން އަންނަ މުދާ ޝިޕްމެންޓެއް! އެހެންވީމަ ކޮންމެހެންވެސް ދާންޖެހޭނެ! "

އަސަދުގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓުނެވެ.

" ތިބުނީނު މެއިޑެއްވެސް ހުންނާނެޔޭ! ދެން އެހާ ބޮޑަށް ހާސްނުވެބަލަ! އަހަރެމެން އެކަނި އުޅެންވެސް ދަސްކުރަންޖެހޭނެ އެއްނު! " ލަންކާގައި އުޅޭހިތްވެފައިވާލެއް ބޮޑުކަމުން އަޝްފާ ބޭނުންވީ އަސަދު ހިތްހަމަ ޖައްސައިދޭށެވެ.

****

އަސަދު އިނީ އޭނާގެ އެކުވެރި ރާމިޒާއެކު ކޮފީއެއްގައެވެ. ކުއްލިއަކަށް ރާމިޒް މީހަކަށް ހަނާ އަޅާލުމުން އަސަދު ފަސްއެނބުރި ބަލާލިއެވެ. އޭރު އެމީހުންގެ ކޮފީމޭޒާދިމާލަށް އަންހެން ކުއްޖަކު އާދެއެވެ.

" ހައި ރާމިޒް! "

އޭނާ އައިސް އަސަދުއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އޭނާއަށް ބަލާލާފައި އެއީ ތަހުޒީބަށް ލޯބިކުރާ މަންޖެއެއްކަން އަސަދަށް އެނގުނެވެ. މީހަކު ފެޝަން ވާނީ އެވަރަށޭވެސް ހިތަށް އެރިއެވެ.

" ހޭ ލީޒް! މިހާރު މާލޭގައިތަ؟" ރާމިޒް ހީލަމުން އެހިއެވެ. އޭރުވެސް އަސަދު އިނީ ފޯނާ ކުޅޭށެވެ.

" އާނ ކޮން ދުވަހެއް މާލޭގަ އުޅޭތާ! މީ..؟ ރާމިޒްގެ ފްރެންޑެއްތަ؟ "

އަސަދުއާމެދު ޝައުޤުވެރިކަން އުފެދުނުވަރުން ލީޒްއަށް އަހާލެވުނެވެ. އެއާއެކު މޭޒުމަތީގައި ފޯން ބޭއްވުމަށްފަހު އަސަދު ލީޒްއަށް ބަލާލިއެވެ.

" ހޫމް.. މައި ބެސްޓްބަޑީ! އަހަރެމެންވެސް ވައިވެގެން ކޮފީއަށް މިއެރީ! ގެންނަންވީނު ކޮފީއެއް!"

ވެއިޓަރއަށް ހަނާއަޅާލަމުން ރާމިޒް ބުނެލިއެވެ. އޭރުވެސް ކަތި ގޮތަކަށް ލީޒް އަސަދުއަށް ބަލާކަން، އަސަދުގެ އިތުރުން ރާމިޒަށްވެސް ފާހަގަ ކުރެވުނެވެ.

" މާ އަވަހަށް ތި ހިތްކިޔަނީ! އެއީ މީހެއްގެ ފިރިއެއް ދަރިއެއްގެ ބައްޕައެއް!"

މަޖަލަކަށް ހަދާފައި ރާމިޒް ހެމުން ހެމުން ބުންޏެވެ. އެއާއެކު ލަދުން އިނދެ އަސަދުވެސް ހީގަތެވެ.

" ތީ މީހަކު ކަންބޮޑުވާންވީ ސަބަބެއް ނޫނެއްނު! މީހުންގެ ފިރިން ވައިވެގެން ކޮފީއަށް އާދޭތަ؟"

އެއްމިޔަކަނުން ހީލަމުން ލީޒް ބުންޏެވެ. އޭރުވެސް އަސަދު އިނީ އެއްވެސް އެއްޗެއް ނުބުނެއެވެ.

" އޭނަ ވައިފް ހުންނަނީ ލަންކާގަ! "

ރާމިޒް ކޮފީ ކޯވަރެއް ދަމާލަމުން ބުނެލިއެވެ. އެއާއެކު ވެއިޓަރ ލީޒްގެ ކޮފީތަށި ގެނެސް މޭޒުމަތީ ބަހައްޓައިފިއެވެ.

" އޯހް! އެހެންތަ؟ އެއީވެސް މިހާރު ރާއްޖޭގައި ޓްރެންޑަކަށް ވެއްޖެ ކަމެއްނު! މެރީ ކޮށްފަ އަންހެނުން ފޮނުވާލަނީ ލަންކާއަށް ނޫނީ މެލޭޝިއާއަށް.. ގިނަ ފަހަރަށް އަނބިން ދާން ބޭނުން ވެގެން ދާހިތުން އެދަނީ! ގައިމު ފިރިމީހާ ކައިރީގަ ރާއްޖޭގަ ތިބޭ ނަމައެއްނު.. ފިރިންނަށް ޚިދުމަތްކުރަން ބޮޑުވެގެން އެދަނީ.."

ލީޒް އެހެން ބުނުމާއެކު ރާމިޒަށް ވަރަށް ބާާރަށް ހީގަނެވުނެވެ.

" ތެދެކޭ މީ! ހަމަ ޙަޤީޤަތޭމީ! އަހަރެން ހިތަށް އަރާ ފިރިންނަށްވެސް ކެތްކުރެވޭކަމޭ! "

ލީޒް މިފަހަރު ބަލާލީ އަސަދަށެވެ. އެއާއެކު ރާމިޒް ބުނެލިއެވެ.

" އޭ! އަސަދް ދެން ކޮންމެވެސް އެއްޗެއް ބުނޭ އެކަމަށް! ކަލެއަށް ވަރަށް އޮށްގާ އުކައިފި މި ލީޒް"

" ދެން.. އެއީ އަނބިންގެ ހިތްހަމަޖެހުން ކަމަށް ވާނަމަ އެކަން ކޮށްދިނުން އެއީ މައްސަލައެއް ނޫންތާ!"

ވިސްނާލަމުން އަސަދު ބުނެލިއެވެ. އަސަދު އެހެން ބުނުމުން ލީޒްވެސް ހޭންފެށިއެވެ.

" މައްސަލައަކަށް ނުވާނެޔޭ އަދި! ޑެލިވެރީ ބޯއީ ނޫނީ ޑްރައިވަރާ ހިތާވާ ހިސާބުންނޭ މައްސަލަ ފެށޭނީ! އަހަރެންގެ ރައްޓެހިންނަށް މުޅިންވެސް ހުރީ އެކަހަލަ ލަނޑު ލިބިފަ! "

ޖެހިލުމެއްނެތި ލީޒް ވާހަކަ ދައްކަމުންދިޔައެވެ. ލީޒްގެ ވާހަކަތަކުން އަސަދުގެ ހިތް ނުތަނަވަސް ކުރަމުން ދިޔައެވެ. ހަމައެއާއެކު ތަފާތު އެކި ވާހަކަތަކުން ކޮފީވެސް ދިގުދެމިގެން ދިޔައެވެ.

***

ގެއަށް އައިގޮތަށް އަސަދު ގުޅީ އަޝްފާއަށެވެ. އޭރު އަޝްފާއޮތީ މާޝަލް ނިންދަވާށެވެ.

" އަސްލު ވަަރަށް ފޫހި އަޝޫމެން ނެތީމަ! މާޝަލް ނުފެނި އެންމެ ދުވަހެއްވެސް ހުންނާކަށް ބޭނުމެއްނޫން! އަހަރެންވެސް ވަރަށް އެކަނިވެރި.. އަޝޫމެން އުޅޭއިރު ގޭތެރެ ކިހާ އުފާވެރި! މިހާރު ހީވަނީ ފަޅުތަނެއްހެން!"

އަސަދުގެ މަޤްޞަދަކީ އަޝްފާ އެނބުރި ރާއްޖެ ގެނައުމެވެ. މިރޭ ލީޒް ދެއްކި ވާހަކަތަކުން އޭނާ އަދިވެސް ހުރީ ނުތަނަވަސްވެފައެވެ.

" ދެން؟ ދެން ތިބުނީ އަހަރެން މާލެ އަންނަންވީއޭތަ؟ މީހުން ކިހާ މަލާމާތެއް ކުރާނެ އޭރުން.. ކިޔާނެ ލަންކާއަށްގޮސް ދެމަސްދުވަސް ނުވެ އަނެއްކާ މާލެ އައިސްފިޔޭ! އެހެން ނޫނަސް އަސަދު އަންނާނަމެއްނު ދުވަސްކޮޅުކޮޅުން.."

ރާއްޖެ ބަދަލުވާ ޚިޔާލު އެއްވެސް ވަރަކަށް އަޝްފާގެ ނެތްކަން އަސަދުއަށް އެނގުނެވެ.

" ލާރި އޮތަސް ފެމެލީއެއް ނެތިއްޔާ އޭގެ އެއްވެސް ބޭނުމެއްނެތް! އަހަރެން ވަރަށް ފޫހި މިހާރު.."

އަސަދު އަނެއްކާވެސް ބުނެލިއެވެ.

" ޕިސްޕިސް! އަސަދޫ! ތީ ކުޑަކުއްޖެއްތަ؟ ވިޔަފާރީގަ ބިޒީކޮށް އުޅޭއިރު ދެން އަބަދު އަހަރެމެން މަތިން ހަނދާންވާނެތަ؟"

ފޫހި ގޮތަކަށް އަޝްފާ ބުނެލިއެވެ. އެރޭ ފޯން ބޭއްވި އިރުގައިވެސް އަސަދުއަށް ކުރިއެއް ނުލިބުނެވެ. އަޝްފާ އެއްގޮތަކަށްވެސް ގޮތްދުލެއް ނުކުރިއެވެ. އެހެންކަމުން އަސަދު ނިންމީ ދެން އެވާހަކަ ނުދައްކާށެވެ. ހަމަ އެރެޔެވެ. ނޭނގޭ ނަންބަރަކުން ގުޅާތީވެ ނަންބަރަށް ބަލަން އިނދެ، އަސަދު ފޯންނެގީ ނަގާހިތަކުން ނޫނެވެ.

" ހޭ ވަރަށް ބޮޑަށް ސޮރީ އިނގޭ! އަހަންނަށް މިރޭ ދެއްކުނު ވާހަކަތަކުން... އެއްވެސް ޙާލެއްގަ އެއީ އަސަދުގެ ވައިފްއަށް ކީ އެއްޗެއް ނޫން އިނގޭ! ގެއަށް އައިސްވެސް ހިތަށް އަރަނީ އަސަދު ގޯސްކޮށް ވިސްނަފާނެޔޭ! އެހެންވެގެން ރާމިޒް އަތުން ނަންބަރު ނަގައިގެން މި ގުޅީ! " ލީޒް، އެއްނޭވާއިން ހުރިހާ ވާހަކައެއް ދައްކާ ނިންމާލިއެވެ.

" އެއީ މައްސަލައެއް ނޫނޭ! އަސްލު ލީޒް ދެއްކީ ގޯސް ވާހަކަތަކެއް ނޫނޭ! ބައެއް މީހުންނަކީ އެހެން އުޅޭ މީހުން."

އަސަދު ބުނެލިއެވެ. ތަފާތު އެކި ވާހަކަތަކުގައި ދެމީހުން އެތައް އިރެއްވަންދެން ކޯލްގައި ތިއްބެވެ. އެންމެ ފަހުން ލީޒް ފޯން ބޭއްވީ މާދަމާ ރޭ ޑިނަރ އަކަށް ލީޒްގެ ގެއަށް އަންނަން ދަޢުވަތު ދެމުންނެވެ.

***

އަސަދު ލީޒްގެ ގެއަށް ވަނީ ޖެހިލުންވެ ހުރެއެވެ. ގޭގެ ސިޓިންގރޫމުގައި ހުރި މޭޒުމަތީގައި މީރު ކާއެއްޗެހިތައް ހުރިތަން ފެނުމުން އަދި އިތުރު ބަޔަކު އަންނާނެކަމަށް އޭނާ ހީކުރިއެވެ. ކުއްލިއަކަށް ކޮޓަރިއަކުން ނިކުތް ލީޒް ފެނި އަސަދު ހައިރާންވިއެވެ. ފުރަތަމަ ފެނުނު ދުވަހަށްވުރެ އޭނާ މިރޭ ފުރިހަމައެވެ. ލީޒް ހުރީ ވަރަށް ރީތި ވެގެންނެވެ. ހަމަ އެވަގުތެވެ. އަސަދުގެ ފޯނަށް އަޝްފާ ގުޅަން ފެށިއެވެ. ސްކްރީނަށް ބަލާލުމަށްފަހު އޭނާ، ފޯން ސައިލެންޓަށް ލިއެވެ.

" ރާމިޒެއް ނާދޭތަ؟ "

އަސަދު އަހާލީ އޭނާގެ ކުރިމަތީގައި ހުއްޓުނު، ލީޒްގާތުއެވެ. އެއާއެކު ލީޒް ހީލިއެވެ.

" އަހަރެން ދަޢުވަތު ދިނީ ހަމައެކަނި އަސަދުއަށް! އެންމެ ފުރަތަމަ ބައްދަލްވުމުންވެސް އަސަދުގެ ރަނގަޅުކަން އަހަންނަށް ފެނުނު.. ތީ ކޮންމެ މީހަކުވެސް ބޭނުންވާނެ ފަދަ ހިތެއްގެ ވެރިއެއް! ތިކަހަލަ ފިރިން މި ޒަމާނުގަ ނުވެސް ލިބޭނެ! އެކަމަކު.. އަހަރެން ވަރަށް ދެރަވޭ އަސަދުއާމެދު ވިސްނާލާފަ! "

މަޑުމައިތިރިކަމާއެކު ލީޒް ދެއްކި ވާހަކަތަކުން އަސަދު ހައިރާންވަމުންދިޔައެވެ.

" ކީއްވެ ދެރަވާންވީ؟ "

" އަހަރެން ބޭނުމެއް ނޫން އަސަދު އޮޅުވާލުމެއްގައި ބަހައްޓާކަށް! އެރޭ އަހަރެން އެތަނަށް ދިޔައީ އަޝްފާ ފޮނުވައިގެން.. އަަހަރެން ދެއްކީވެސް އަޝްފާ ދައްކަން ބުނި ވާހަކަ.. ރާމިޒްއަށް އަހަރެންގެ ނަންބަރު ދީގެން، އެރޭ އެތަނަށް އަހަރެން ގެންދިޔައީވެސް ހަމަ އަޝްފާގެ އެދުމަށް! މީގެ ކުރިން އަހަރެން ރާމިޒެއްވެސް ނުދަންނަން! އަހަންނަކީ އަޝްފާގެ ރައްޓެއްސެއް! އަސްލު އަޝްފާ ބޭނުންވަނީ އަސަދުގެ މުއްސަނދި ދިރިއުޅުން.. އަޝްފާ އުޅެން ބޭނުންވާ ގޮތް އަހަރެން އެރޭ އެކީ! އަސަދު ޤަބޫލެއް ނުކުރާނޭ ބުނީ ތިމަންނަ ކޮންމެ ގޮތަކަށް އުޅުނަސް.."

ލީޒް މަޑުމަޑުން އަސަދާ ދިމާލަށް ހިނގައިގަތެވެ.

" އަދި ބުނި އަސަދުގެ ގޮތް ބަލަން އަހަރެން އަސަދުއާ ހެދި އުޅެބަލާށޯ! އޭރުން އެގޭނެ ނޫންހޯ އަސަދު ހަދާ ގޮތެއްވެސް... އެކަމަކު މިހިސާބަށް އައިސް އަހަރެން ބޭނުމެއްނޫން މިކަންތައްގަނޑު ކުރިއަށް ގެންދާކަށް! އަހަރެން އަސަދުއާމެދު ހަމްދަރުދީވަން.. އަހަންނަށް މަޢާފްކުރޭ! "

ލީޒް އެހެން ބުނުމާއެކު އަސަދުގެ ދެލޯ ފެންކަޅިވެއްޖެއެވެ. ފުރުޞަތުގެ ބޭނުންހިފާ، ލީޒް އަސަދުގެ އަތުގައި ހިފާލިއެވެ.

" ތިކަހަލަ އޯގާތެރި ހިތެއްގެ ވެރިޔަކު ލިބިއްޖެނަމަ އަހަރެން ދުވަހަކުވެސް ތިހެން ފެންކަޅިވިޔަކަ ނުދޭނަން..."

ވައި އަޑުން ލީޒް ބުނެލިއެވެ. ހަރަކާތެއްނެތި ހުރި އަސަދުއަށް ބަލާލެވުނީ ލީޒްގެ މޫނަށެވެ. އޭނާގެ ރީތިކަން މިރޭ އަސަދުއަށް ހިބަކޮށްފައިވާ ކަހަލައެވެ. ލީޒް އަސަދުއާއި ގާތްވެލުމުން އަސަދަށްވެސް ލީޒްގެ ގައިގައި ހިފަހައްޓާލެވުނެވެ. ބޭއިޙްތިޔާރުގައެވެ. އަނބިމީހާދެކެ ރުޅި އާދެވި، ދެރަވިވަރުންނެވެ.

***

ފޯނުން އިވެމުން ދިޔަ ފަތިސްނަމާދު ބަންގީގެ އަޑަށް އަސަދުއަށް ހޭލެވުނެވެ. އޭނާ ސިހުނީ ދާދި ގާތުގައި ނިދާފައި އޮތް ލީޒް ފެނުމުންނެވެ. އެހެންކަމުން އަވަސް އަވަހަށް އޭނާ ތެދުވެ ގަޔަށް ގަމީސް މަހާލައިގެން އެގެއިން ނިކުތެވެ. އޭރުވެސް ލީޒް އޮތީ ނިދާފައެވެ.

އަސަދު ފޯން ބަލާލިއިރު އަޝްފާގެ ވިއްސަކަށް މިސްކޯލް އޮތެވެ. އެހާ ބައިވަރު ގުޅާފައި އޮތުމުން އޭނާ ހާސްވިއެވެ.

" ރޭގައި އެއްގޮތަކަށްވެސް ޚަބަރެއް ނުވީ ކީއްވެތަ؟ "

އަޝްފާ ޝަކުވާގެ ރާގުގައި ބުނެލިއެވެ.

" އަހަރެން މާދަމާ ލަންކާއަށް ދާނަން! "

ތަންކޮޅެއް ބާރަށް އަސަދު އެހެން ބުނުމުން އަޝްފާ ހައިރާންވިއެވެ. ނަމަވެސް އޭނާ އެކަމާ އަޅާނުލީ އަސަދު މިދުވަސްކޮޅު ވަރަށް ބުރަކޮށް އުޅޭތީ، ސްޓްރެސްވަނީ ކަމަށް ހީކޮށެވެ.

" އަސްލުތަ؟ ކީއްވެ ކުއްލިއަކަށް އަންނަނީ؟ ކަމެއްވީތަ؟" އަޝްފާގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ފޯން ކަނޑާލީ އޭނާއާ ވާހަކަ ދައްކާހިތް ނުވެގެންނެވެ. އަޝްފާގެ ރޭވުންތައް ލީޒް ކިޔައިދިނުން ވެގެން ދިޔައީ އަސަދުގެ ހިތުގައި އަޝްފާއާމެދު ފޫހިކަން ވެރިވި ކަމެއްގެގޮތުގައެވެ. އަަސަދު ފޯން ކަނޑާލުމުން އަޝްފާ އިންތިހާއަށް ދެރަވިއެވެ.

***

ދަރިފުޅުގާތު ނިދިފައި އޮތް އަޝްފާ ސިހުނީ ގޭގެ ބެލް ޖަހާލި އަޑަށެވެ. ގަޑި ބަލާލިއިރު އިރުއޮއްސި ހައެއްވެސް ޖަހާ ބޮޑުވެއްޖެއެވެ. އެހެންކަމުން އަސަދު އައީކަން އޭނާއަށް އެނގުނެވެ. ދުވަމުން ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެން ގޮސް ދޮރުހުޅުވި އިރު ކުރިމަތީގައި ހުރީ އަސަދެވެ. އަސަދު ފެނުމާއެކު އަޝްފާއަށް އަސަދުގެ ގައިގައި ބައްދާލެވުނީ ދެރަވެފައި ހުރިވަރުންނެވެ. އެއާއެކު އަސަދުގެ ފަހަތުގައި ހުރި ލީޒް ފެނި އޭނާއަށް ހައިރާންކަން ލިބިގެން ދިޔައެވެ. އަވަސް އަވަހަށް އަސަދުގެ ގައިން ދޫކޮށްލުމަށްފަހު އަޝްފާއަށް ހުރެވުނީ ލީޒްއަށް ބަލާށެވެ.

" ހާދަހާ ހައިރާނެއް ތިވީ އަހަރެން ފެނިގެން؟"

ދެއަތްއުރާލައިގެން ހުރި ލީޒް އެއްމިޔަކަނުން ހީލަމުން ބުންޏެވެ. އަޝްފާއަށް ބަލާލެވުނީ އަސަދާ ދިމާލަށެވެ.

" ލީޒް؟ ހައިރާންވީ އަންގައިވެސް ނުލާ އައީމަ! އަދި އަމުދުން އަސަދުއާ އެކީ އައީމަ މިހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފަ! "

އަޝްފާ ހީލަމުން ބުންޏެވެ. އެއާއެކު އަސަދުގެ މޫނަށް ލީޒް ބަލާލިއެވެ.

" ލީޒް އެތެރެއަށް ވަންނާނީ އަޝްފާ ނިކުތީމަ..." ތަންކޮޅެއް ހަރުކަށި ރާގަކަށް އަސަދު ބުނެލިއެވެ. އޭނާގެ ޖުމްލައިން އަޝްފާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭރުވެސް ލީޒްގެ މޫނުމަތިން ފެންނަމުން ދަނީ ވިހަ ހިނިތުންވުމެކެވެ.

" ތިބުނީ؟" އަސަދުގެ ގައިގައި އަތް ޖައްސާލަމުން އަޝްފާ ބުންޏެވެ.

" ތި އިވުނީ ހަމަ ރަނގަޅަށޭ! އަޝްފާ މިހާރު މިގޭގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތް.. އަހަރެން އެކަނިމާއެކަނި އުޅެން ރާއްޖެ ދޫކޮށްލާފަ ދަރިފުޅު ގޮވައިގެން އައިސް ތި ގަންނަ ގަނޑު އަހަންނަށް އެނގެޔޭ! އެވަރު ނުވެގެން ތަންތާ އުޅޭ ހިލޭ އަންހެނުން އަހަރެން ގާތަށް ފޮނުވާ.. ޗީޗީ. ތީ ކިހާ ގޮތެއް ފޮތެއް ނެތް އަންހެނެއްކަން އަހަންނަށް މިއެނގުނީ އަދިކިރިޔާ"

އަސަދު އެހެން ބުނުމާއެކު ސިހިފައި އަޝްފާއަށް ބަލާލެވުނީ ލީޒްގެ މޫނަށެވެ.

" އަހަރެން ކޮން ގޮތަކަށް އުޅުނީ؟ ކީކޭ ތި ކިޔަނީ؟"

" އަޝްފާއަށް ތި އިވެނީ ހަމަ ރަނގަޅަށޭ... އަހަރެން ގާތަށް ލީޒް ފޮނުވީ ސީދާ އަޝްފާ! ކޮންބޭނުމަކު؟ އަހަރެންގެ ބޮލުގައި އިލްޒާމެއް އަޅުވާފަ ވަރިވާންވެގެންތަ؟ އޭރުންތާ ތިމާއަށް ބޭނުންހާ ގޮތަކަށް އުޅެވޭނީ! އާނ އަހަރެންގެ ދަރިއެއް ހުރީމަ ބަރާބަރަށް ފައިސާ ދޭނެތާ! ބުނަންތަ ވާހަކައެއް! ކަލޭ މަގޭކައިރިއަށް ލީޒް ފޮނުވީމަ އަހަރެން މިއުޅެނީ ހަމަ ރަނގަޅަށްވެސް އެކަންތައް ކުރަން! އަހަރެން މިއުޅެނީ ލީޒްއާ އިންނަން!"

އަސަދުގެ ކޮންމެ ޖުމްލައަކުން އަޝްފާއަށް ލިބެނީ ހައިރާންކަމެވެ. އެއްފަހަރު އަސަދު މޫނަށް، އަނެއްފަހަރު ލީޒްގެ މޫނަށް ބަލާލަ ބަލާލަ އޭނާއަށް ހުރެވުނީއެވެ.

" އަހަރެންގެ ބޮލުގައި ތިވަރުގެ ބޮޑު އިލްޒާމެއް އަޅުވަން ހެޔޮނުވާނެ އަސަދް! އަހަރެން އަސަދުކައިރިއަށް ލީޒްއެއް ނުފޮނުވަން! އަހަރެން ލަންކާއަށް ބަދަލުވާ ވާހަކަ ބުނީމަ ލީޒް އެހީ އަސަދު ނުދޭތޯ! އަހަރެން ބުނިން ނުދާ ވާހަކަ! ދެން މަޖަލަކަށް ހަދާފަ ބުނިން ލީޒްމެން މާލޭގަ ތިބޭ ކުދިން އަސަދްއަށް އަޅާލާށޭ! އެއީ އަހަރެން އެއްވެސް ގޯސް ނިޔަތެއްގައި ބުނި އެއްޗެއް ނޫނޭ!"

ރޮވިފައި ހުރެ އަޝްފާ އެހެން ބުނުމާއެކު އަޝްފާއަށް ފުރަގަސްދީގެން ހުރި އަސަދު އޭނާއަށް ބަލާލިއެވެ.

" ނެތް އެއްވެސް އިތުބާރެއް! ދެން އުޅޭކަށްވެސް ބޭނުމެއް ނޫން.. ތީ މަގޭ އަނތްބެއްނޫން.. ދެން މިގެއަށް ނުވަންނާތި! "

އަސަދު އެހެން ބުނެ ލީޒްގެ އަތުގައި ހިފިއެވެ. އެއާއެކު އަޝްފާ އަސަދުގެ ދެފައިގައި ހިފަމުން ފައިބުޑަށް ވެއްޓި އާދޭސް ކުރަންފެށިއެވެ. ދަރިފުޅަށްޓަކައި ނަމަވެސް އޭނާއާ އެކު އުޅުމަށް ބުނަމުން ދިޔައެވެ. ނަމަވެސް އަޝްފާގެ އާދޭހުގެ އަޑު އެހުމެއްނެތި އަސަދު އެތެރެއަށްވަނެވެ. ބިންމަތީގައި އިށީނދެ ރޮމުންދިޔަ އަޝްފާ ސިހުނީ އޭނާ ކައިރީގައި ކުޑަކަކޫ ޖަހައިގެން އިށީން ލީޒް ފެނުމުންނެވެ. އެއާއެކު އަޝްފާގެ މޫނުމަތިން ނަފްރަތުގެ ކަނި ބުރަބުރައިގެން ދިޔައެވެ.

" ކަލޭތީ ހާދަ ވިހަގަދަ ކަތުރުފަންޏޭކޭ! "

" ހާނ! އަހަންނަކީ ހަމަ ކަތުރުފަންޏެއް! ފިރިމީހާއަށް އަޅާލާށޭ ތި ބުނެވުނީ އަސްލު ނުބައި މީހެއްގެ ގާތުގައޭ! އަޝްފާގެ މުއްސަނދި ދިރިއުޅުމުގެ ވާހަކަ އަބަދު މަ ގާތު ދައްކަން ފެށީމަ އަހަރެންގެ ހިތް މި ދިރިއުޅުމަށް ދަހިވެތިވި! އަދި ކޮންމެވެސް ދުވަހަކުން ކަލޭގެ އަތުން އަސަދުވެސް ޖަހައިގަންނަން ހިތުލީން! ނަސީބަކުން އެކަން އެހާ އުނދަގޫ ކަމަކަށްނުވި! ދެންވެސް ތެދުވެގެން ދެވޭތޯ ބަލާ މިތަނުން.." ލީޒް އަވަސް އަވަހަށް ތެދުވެ، އެތެރެއަށް ވަންނަން ހިނގައިގަތް އިރުގައިވެސް އަޝްފާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގި ރޮވިފައެވެ.

ކޯޓަށް މައްސަލަ ލައިގެން ވިޔަސް ދަރިފުޅު ހޯދުމަށް އޭނާ ހިތުގައި ޢަޒުމްކަނޑައެޅިއެވެ. އަސަދު އޭނާއާމެދު ކަންތައް ކުރި ގޮތުން އަސަދަށްޓަކައި ހިތުގައި އަލިފާނުގެ ގިނި އަނދަމުންދާން ފެށިއެވެ. ދެލޮލުން ކަރުނަ ފުހެލަމުން އޭނާ ތެދުވެ، އެގެއާ ދުރަށް ހިނގައިގަތީ ވަރަށް އަވަހަށް ދަރިފުޅު ހޯދުމުގެ މަސައްކަތްފެށުމަށްޓަކައެވެ. އަދި އޭނާގެ ދިރިއުޅުން ހަލާކުކޮށްލި ކަތުރުފަނީގެ ވިހައިން އަސަދުއަށް ފިލާވަޅެއް ލިއްބައިދިނުމަށް އެދެމުންނެވެ.

( ނިމުނީ )

(ނިމުނީ)