ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާގޮތުގެ މަޢުލޫމާތު އެއްކުރުމަށް މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭގެ ހޯދުންތައް ހިއްޞާކުރުމަށް ނޫރާއްޖެއިން އާންމުކޮށް ހުޅުވާލައިގެން ސެޝަންއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މި ސެޝަން ބާއްވާނީ މާރިޗު 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ޖަހާއިރު، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މާލެ ކެމްޕަހުގައެވެ.

Ad
rt

މި ސެޝަންގައި އޯޝަން ޔޫސް ސާރވޭގެ ޒަރިއްޔާއިން ދިވެހިން ކަނޑުފަޅުތައް އަގުކޮށް ބޭނުންކުރާގޮތާއި ގުޅޭ އައު މައުލޫމާތުތައް ހިއްޞާކުރެވޭނެއެވެ. އަދި ބައިވެރިންނަށް ނޫރާއްޖޭގެ ޓީމާއި ސުވާލުކޮށް ހިޔާލުފާޅުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އޯޝަން ޔޫސް ސާރވޭގައި 25,000 މީހުން ރަމްޒުވާ ގޮތަށް 4900 އަށް ވުރެ ގިނަ ދިވެހިން ވަނީ ބައިވެރިވެފައެވެ.

މި ސާރވޭގެ ބައިވެރިންވަނީ އެކި ކަންކަމަށް ބޭނުންކުރާ ކަނޑުފަޅުގެ ސަރަހައްދުތައް ރަމްޒުކޮށްދޭ 29,000 އަށްވުރެ ގިނަ ސަރަހައްދު ޑިޖިޓަލް މެޕިން ޕްލެޓްފޯމެއް ކަމުގައިވާ ސީސްކެޗް މެދުވެރިކޮށް ފާހަގަކޮށްފައެވެ.

މި ސާރވޭއަކީ މުޖުތުމައުގެ ބައިވެރިވުމާއެކު، ސައިންސްގެ މައްޗަށް ބިނާކޮށް ނޫރާއްޖޭއިން ތައްޔާރުކުރާ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލުމުގެ މުހިންމު ބައެކެވެ. މި ޕްލޭނާއެކު ރާއްޖޭގެ ކަނޑުފަޅުތައް ކުރިއަށްއޮތްތަނުގައި ބޭނުންކުރާނެ ގޮތާއި ހިމާޔަތް ކުރާނެ ގޮތް ރޭވިގެންދާނެއެވެ. އަދި މި ޕްލޭން އެކުލަވާލެވޭނީ ރާއްޖޭގެ ޤުދުރަތީ ވެއްޓާއި ގުޅޭގޮތުންނާއި، ދިވެހިން ކަނޑުފަޅުތައް ބޭނުންކުރާގޮތުގެ އެންމެ އިތުބާރު ހިފޭ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

އޯޝަން ޔޫސް ސާރވޭއާއެކު ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާގޮތް މިހާރަށް ވުރެ ރަނގަޅަށް މި ދާއިރާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އިނގިގެންދާނެއެވެ. އަދި ދިވެހި ސަރުކާރުގެ ލަނޑުދަނޑިއެއް ކަމުގައިވާ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މަދުވެގެން 20 ޕަސެންޓް ހިމާޔަތްކުރުމަށް ކަނޑައަޅަންޖެހޭ މެރިން ޕްރޮޓެކްޓެޑް އޭރިއާޒް ފާހަގަކުރަން ބޭނުންވާ މުހިންމު މައުލޫމާތު ލިބިގެންދާނެއެވެ.

މި ސާރވޭއަށް މައުލޫމާތު ހޯދުމުގެ ގޮތުން ރާއްޖޭގެ މީހުން އުޅޭ 189 ރަށަށް ދަތުރުކޮށް އާންމުން ކަނޑުފަޅުތައް ބޭނުންކުރާ ގޮތުގެ މައުލޫމާތު އެއްކޮށްފައިވާއިރު، ސާރވޭއަށް އޮންލައިންކޮށް މައުލޫމާތު ހުށައެޅުމުގެ ފުރުޞަތު ވެސް ހުޅުވާލިއެވެ.

މި ސާރވޭގެ މައުލޫމާތާއެކު ރާއްޖޭގެ މަސްވެރިންނާއި، ޓޫރިޒަމް ސިނާއަތާއި އާންމު ފަރުދުން ކަނޑުފަޅުތައް ބޭނުންކުރާގޮތުގެ ތަފްޞީލް ހީޓްމެޕްގެ ޒަރިއްޔާއިން އެނގިގެންދާނެއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޤައުމަކަށް ވީތީ އަޅުގަނޑުމެން އެންމެންނަކީވެސް ކަނޑުފަޅުތައް ކޮންމެވެސް ސިފައެއްގައި ބޭނުންކުރާ ބައެއް ކަމަށެވެ.

އެހެންކަމުން ކަނޑުން ލިބޭ ނަފާ މެނޭޖްކުރުމުގެ މަސައްކަތް ކުރާއިރު، ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މި ސާވޭއަށް ހުރިހާ ފަރާތްކަކުން އަދި ވަކިން ހާއްސަކޮށް މަސްވެރިން ދެއްވި އެއްބާރުލުން ފެނި މަސައްކަތަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި ހުރި ޕްލޭނިން މަސައްކަތްތަކަށްވެސް މިފަދަ ފުރިހަމަ އެއްބާރުލުމެއް ލިބިގެން ދިޔުން،" މިނިސްޓަރ ވިދާޅުވިއެވެ.

ނޫރާއްޖޭގެ ސައިޓް މެނޭޖަރ ފާތިމަތު ނިސްތަރާން ވިދާޅުވީ މި ސާރވޭއިން ލިބިފައިވާ މައުލޫމާތު އާންމުންނާއި ފުރަތަމަ ފަހަރަށް ހިއްޞާކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި މައުލޫމާތު އެއްކުރުމަކީ ރާއްޖޭގެ ކަނޑުފަޅުތައް ހިމާޔާތް ކުރުމަށް މުހިންމު ކަމެއް ކަމަށެވެ.