ހަސަދަވެރިވެ ސުވާލު އުފެދޭނަމަ ލޯގަނޑާ ސުވާލުކުރެއްވުމަށް އެދިވަޑައިގެން ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހައިރަން ފެނާންޑޯ އަށް ރާއްޖޭގެ ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ރައްދު ދެއްވައިފިއެވެ.

'އައިޓީބީ ބާލިން 2023' ގައި ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ވާހަކަދައްކަމުން އެ ގައުމުގެ މިނިސްޓަރު ފެނާންޑޯ ވަނީ ރާއްޖޭގައި އޮންނަނީ ހަމައެކަނި ބީޗެއް ކަމަށް ވިދާޅުވެ، ރާއްޖެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Ad
rt

"ރާއްޖޭގައި ކުރާނެ އިތުރު ކަމެއް ނޯންނާނެ. އެތަނުގައި ފަސް ދުވަހަށް މަޑުކޮށްލާ އިރަށް ފަތުރުވެރިން ފޫހިވާނެ. ލަންކާގައި އެހެން ނުވާނެ. ލަންކާގަ ފަތުރުވެރިންނަށް މާ ގިނަ ކަންތައްތައް ތަޖުރިބާ ކުރެވޭނެ." ފެނާންޑޯ ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކާ ގުޅިގެން ގިނަ ދިވެހިންނާއި ލަންކާ ރައްޔިތުންގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައި ވާއިރު، ޑރ. މައުސޫމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ 'ބެންޗްމާކެއް' ކަމަށެވެ.

"ރާއްޖެއަށް 2020، 2021 އަދި 2022 ވަނަ އަހަރު ވޯލްޑް ޓްރެވެލް އެވޯޑްސް އިން ދޭ ދުނިޔޭގެ ލީޑިން ޓޫރިސްޓް ޑެސްޓިނޭޝަންގެ ލަގަބު ވަނީ ލިބިފަ. ރާއްޖެއަކީ އެންމެ ރަނގަޅު އަދި އެންމެ 'އެޑިކްޓިވް' ފަތުރުވެރި މަންޒިލަކަށް ހަދައިދިން ފަރާތްތަކާއި ހިދުމަތް ދޭ ފަރާތްތަކަށް ޝުކުރު އަދާކުރަން." ޑރ. މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަދަވެރިވެ ސުވާލު އުފެދޭނަމަ ލޯގަނޑާ ސުވާލުކުރެއްވުމަށް ވެސް ފެނާންޑޯގެ ކިބައިން ޑރ. މައުސޫމް ވަނީ އެދިވަޑައިގެންފައެވެ.