ނިންމުން ބަދަލުކޮށް ނަންނަގާނެ އެއްވެސް ހާލަތެއް ނާންނާނެ ކަމަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވައި، ނޫސްވެރިންނަށް މައުލޫމާތި ދެއްވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ މިއަދުގެ ހާލަތަކީ ރާއްޖެ އެކި ދުވަސްވަރު އަޅުވެތިވެފައި އޮތް ހާލަތަށްވުރެވެސް ދަށް ހާލަތެއް ކަމަށެވެ. އަދި ގައުމުގެ މިނިވަން ނިންމުންތައް ނިންމުމުގެ ބާރު ރާއްޖޭގައި ނެތް ކަމަށެވެ.
ވަކި ޤައުމަށް މުޅި ޚާރިޖީ ސިޔާސަތު ބައްޓަން ވެފައި އޮތްކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށާއި ރާއްޖޭގައި އިނގިރޭސީން އުޅުނު ދުވަސްވަރުވެސް އެމީހުންގެ ނުފޫޒު ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަ ވަރަށް ވަކި ޤައުމެއްގެ ނުފޫޒު ރާއްޖޭގެ މައްޗަށް މިއަދު އޮތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ އެތައް ފަޅެއް، އެތައް ބިމެއް ވަކި ޤައުމެއްގެ ބާރުގެ ދަށަށް ދޫކޮށްފި. ވަކި ޤައުމެއްގެ އަސްކަރިއްޔާ މިޤައުމުގައި އޮތުމަކީ ނުރައްކާތެރިކަން ބޮޑުކަމެއް. ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ނިންމީ ޤައުމުގެ ހާލަތު އެކަމަށް މަޖުބޫރު ކުރުމުން. ވެރިކަމަށް ކުރިމަތިލުމަށް ނިންމި ނިންމުން ބަދަލުކޮށް ނަންނަގާނެ އެއްވެސް ހާލަތެއް ނާންނާނެ." ޑރ. މުނައްވަރު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން މިސަރުކާރުން ކުރާހާވެސް ކަމަކީ ސިޔާސީ މަޤާމުތައް އުފެއްދުމާއި، ބޭރުގެ ކަރަކަރަށް ދަތުރުކުރުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިންތިޚާބާއި ކައިރިކޮށް މުސާރަތައް ބޮޑުކޮށް، އެކިއެކި މަންފާތައް ދިނުމަކީ ރައްޔިތުންގެ ފައިސާއިން ރިޝްވަތު ދިނުންކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރުގެ ޕްރޮޖެކްޓްތަކާއި، ހަރުމުދާތައް ނުއަގުގައި ވިއްކުމާއި، އެކިއެކި ޕްރޮޖެކްޓުތަކުން ނުހައްގު ފައިސާތައް އެތައް މިލިޔަނުން ނަގާއިރު، ޒީރޯ ޓޮލަރެންސަކީ ކޮބައިކަން ވެސް މިއަދު ނޭނގޭކަމަށާއި މިކަންކަން ހުއްޓުވުމަށް ރައްޔިތުން ތިބީ އިތުރު ދައުރެއް މިސަރުކާރަށް ދޭން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!