ތިލަފުށިން ސިނާއީ ބޭނުމަށް ދޫކުރާ ބިންތަކުގެ ތެރެއިން ބޭރުގެ ކުންފުނިތަކަށް ބިން ދޫ ކުރާނީ ސަރުކާރުގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ގެ ދަށުން ހުއްދަ ދީފައިވާ، އަދި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށް ކަމަށް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ރޭ އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ތިލަފުށިން ހިއްކާ ބިމުގެ ތެރެއިން 4.3 ހެކްޓަރުގެ ބިން ބީލަމުގެ އުސޫލުން ދޫކުރަން ނިންމާފައިވާއިރު އެ ބީލަމުގައި ބޭރުގެ ވިޔަފާރިތަކަށް ބައިވެރިވެވޭނީ އެފްޑީއައި ޕޮލިސީގެ ދަށުން އެ ފަރާތަކުން ކުރަން ގަސްތުކުރާ ވިޔަފާރިއަށް ހުއްދަ އޮތް، އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަކަށް ކަމަށެވެ. އަދި ޕްރޮޖެކްޓް ބޭސިސްގައި ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިންގުމަށް ހުއްދަދެވިފައިވާ ކުންފުނިތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

Ad
rt

އެޗްޑީސީން ބުނީ ބިން ކުއްޔަށް ނެގުމަށް ހުށަހަޅާ ބޭރުގެ ކުންފުނިތަކުން ބިން ބޭނުން ކުރުމަށް ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ބޭނުންތަކަކީ އެ ފަރާތްތަކަށް އެފްޑީއައި ޕޮލިސީގެ ދަށުން ހުއްދަ ދީފައިވާ ވިޔަފާރި ބޭނުންތަކެއްތޯ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ބީލަމުގެ ޕްރޮސެސް ބައެއްގެ ގޮތުގައި އެ ކުންފުނިން ވެރިފައި ކުރާނެ ކަމަށެވެ.

ދިވެހިންނާއި ބޭރު ފަރާތްތައް ހިމެނޭހެން އަމިއްލަ ފަރުދަކަށް ނުވަތަ ކުންފުންޏަކަށް ވެސް މި ބިންތަކަށް ބީލަން ހުށަހެޅިދާނެއެވެ. އަދި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ކުންފުންޏެއްނަމަ އެ ފަރާތަކަށް ބިން މިލްކު ކުރެވޭނެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރާނީ 99 އަހަރަށެވެ.

އެޗްޑީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ތިލަފުށިން ސިނާއީ ބޭނުމަށް ދޫކުރަން ހަމަޖެހިފައިވާ ބިންތަކުގެ 90 އިންސައްތަ ހާއްސަ ކުރާނީ ދިވެހިންނަށެވެ.