ބާދަގަނޑުގެ ވިޔަފާރި ކުރާ މީހުންނަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ކުރު މުއްދަތަކަށް ބިން ދޫކުރަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ ފޭސް ދޭއްގައި އިމާރާތް ކުރުމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާތީ އިމާރާތް ކުރާ ސައިޓުތަކުން ގިނަ އަދަދަކަށް ބާ ދަގަނޑު އުފެދެމުން ދާ ކަމަށެވެ. އެކަމާއި ގުޅިގެން އެ ވިޔަފާރި ކުރާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބުންޏެވެ.
އެފަދަ ފަރާތްތަކުން ދަނީ ފޭސް ދޭއްގެ މަގުތަކާއި ހުސް ޖާގަ ތަކުގެ އިތުރުން ދުވާރުތަކުގައި ބާ ދަގަނޑު ބަހައްޓަމުން ދާކަން ފާހަގަކޮށް އެޗްޑީސީން ބުނީ އޭގެ ސަބަބުން އާންމުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގުޅިގެން ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ.
އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެޗްޑީސީން އެ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޭސް ދޭކުން ކުރުމުއްދަތަކަށް ކުއްޔަށް ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށާއި އެ ބިންތައް ދޫކުރާނީ މެރީނާ އައިލެންޑް ސަރަހައްދުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ އެކަމަށް އެދޭ ފަރާތަކީ ވިޔަފާރި ހުއްދަ އާއި އެކްސްޕޯޓް ލައިސެންސް އޮތް ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށެވެ. އަދި އެޗްޑީސީއަށް ދައްކަންޖެހި ނުދައްކާ އެއްވެސް ފައިސާއެއް އޮތް ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް ބުންޏެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެ ބިންތަކަށް ކުރިމަތިލާން ވަނީ ހުޅުވާލައިފައެވެ.
މިކަމަށް އެދޭ ފޯމު އެޗްޑީސީގެ ރިސެޕްޝަނުން މިހާރު ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!