ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވާލަ ދިނުމަށް ޕްލެޓްފޯމެއް ގާއިމު ކުރުމުގެ މަސައްކަތް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފަށައިފިއެވެ.
އެ މިނިސްޓްރީން ބުނީ މިއީ ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވާލަދީ، ވިޔަފާރީގެ މުޢާމަލާތު ކުރެވޭނެ ޕްލެޓްފޯމެއް ކަމަށެވެ. އަދި މިއީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިނިސްޓްރީން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް ދަށުން ގާއިމުކުރާ ޕްލެޓްފޯމެއް ކަމަށެވެ.
ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ މި ޕްރޮގްރާމުގެ މަގުސަދަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތައާރަފްކޮށްދިނުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މިޕްރޮގްރާމް އަމާޒުކޮށްފައިވަނީ ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އާއި މިލަދުންމަޑުލު އުތުރުބުރީގެ 26 ރަށަކަށް ކަމަށެވެ.
މިޕްރޮގްރާމުގެ ދަށުން ދަނޑުވެރިކަމުގެ ވިޔަފާރިވެރިންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ހަމަޖެހިފައި ކަމަށާއި، މިރަޖިސްޓްރީގެ ޒަރީއާއިން ރާއްޖޭގައި ދަނޑުވެރިކަމުގެ ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޑޭޓާބޭސްއެއް ޤާއިމްކުރެވިގެން ދާނެ ކަމަށް ވެސް ބުނެއެވެ.
"ދަނޑުވެރި ވިޔަފާރިތަކުގެ ރަޖިސްޓްރީގެ އަލީގައި، ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދެވި، ވިޔަފާރީގެ މުޢާމަލާތު ކުރެވޭނެ ޕްލެޓްފޯމެއް ޤާއިމްކުރެވިގެން ދާނެ. މިއީ ރަނގަޅު އަގެއްގައި، ފެންވަރު ރަނގަޅު ދަނޑުވެރިކަމުގެ އުފެއްދުންތަކެއް ބަޒާރުގައި ލިބޭނެ މަގުފަހިކޮށްދިނުމަށް ކުރިއަށް ގެންދާ މަސައްކަތެއް." އެ ވުޒާރާ އިން ބުންޏެވެ.
މިޑޭޓާބޭސްގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން، ރަޖިސްޓްރޭޝަން ފޯމް ހުށައެޅުމަށް މިހާރުވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!